ގައުމާގެން ކުރިއަށް ކޯލިޝަނުން ހދ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާ ކެމްޕެއިނެއް ފަށައިފި އެވެ.
ގައުމާގެން ކުރިއަށް ކޯލިޝަނުގެ ފަރާތުން ވާހަކަ ދައްކަވަމުން އައްބާސް އާދިލް ރިޒާ ވިދާޅުވީ މިކެމްޕެއިނަކީ ރައީސް ވަހީދާއި ތަސްމީނު އަލީގެ ސިޔާސަތުތައް ރައްޔިތުންނަން ކިޔައިދިނުމަށާއި، ވިސްނައިދިނުމަށް ކުރާ ދަތުރު ތަކެއް ކަމަށެވެ. އަދި އެކޯލިޝަނުން ކެމްޕެއިން ކުރުމަށް ކޮންމެ ރަށެއްގައި އިދާރީ މޭޒެއް ބެހެއްޓުމަށް ވެސް މި ދަތުރުތަކުގައި ހަމަޖެހިފައި ވާކަމަށެވެ.
ގައުމާގެން ކުރިއަށް ކޯލިޝަނުން ހދ އަށް ކުރާ ދަތުރުގައި އިސްކޮށް އުޅުއްވާ އައްބާސް ވިދާޅުވީ ރައީސް ވަހީދު މި ދެ އަހަރު ތެރޭގައި ރާއްޖޭގެ ހަމަޖެހުމާއި، ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ދިވެހި ގިނަ ރައްޔިތުން ވަޒަން ކުރާ ކަމަށާއި އަދި ގައުމު އަމާން ކަމަށް ބޮޑެތި މަސައްކަތްތަކެއް ރައީސް ވަހީދު ކުރައްވާފައިވާ ކަމަށެވެ. އައްބާސް އިތުރަށް ވިދާޅުވީ ރައީސް ވަހީދަކީ ހުރިހާ އެންމެނާ ގުޅިގެން އެކީގައި ގައުމު ކުރިއަށް ގެންދެވޭނެކަން މިހާތަނަވެސް ދައްކަވާފައިވާ ބޭފުޅެއް ކަމަށާއި އެކަން މިއަދު ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރައްވާ ކަމށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާ މިކެމްޕެއިންގައި ރަށްތަކަށް ޒިޔާރަތް ކޮށް ޑޯޓުޑޯ ކެމްޕެއިންތައް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ދަތުރުތަކުގައި ޖައުސާ ޖައުފަރާއި، ޑީއާރުޕީގެ ނައިބު ލީޑަރު ޑރ އަބުދުﷲ މައުސޫމް އަދި ގައުމާގެން ކުރިއަށް ކޯލިޝަނުގެ ކުޅުދުއްފުށީ ކެމްޕެއިން ޓީމު ބައިވެރިވެ އެވެ.