ނުކުޅެދުންތެރިކަން ހުންނަ ކުދިން ދެނެގަންނާނެ ގޮތުގެ ހާއްސަ ޕްރޮގުރާމެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި އެވެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރސް ރިސޯސް ސެންޓަރ (ޓީއާރުސީ)ގައި މިމަހު 16 އިން 17 އަށް ކުރިއަށް ގެންދިޔަ މިޕްރޮގުރާމާ ބެހޭ ގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން ޓީއާރުސީގެ ކޯޑިނޭޓަރ ޓީޗަރ އެޑިއުކޭޓަރ އަބުދުއްރަޝީދު ސައީދު ވިދާޅުވީ މި ޕުރޮގުރާމަކީ ތައުލީމީ މަރުކަޒުގެ ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނާ ހަވާލުވެހުންނެވި މޫނިސާ ހަސަނާއި އެސްކޫލުގެ ސީނިއަރ މެނޭޖުމެންޓުން އިސްނަގައިގެން ހިންގި ޕްރޮގުރާމެއް ކަމަށެވެ. އަދި މިޕްރޮގުރާމަކީ ވަރަށް ކާމިޔާބު ޕުރޮގުރާމެއް ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
އަބުދުއްރަޝީދު ވިދާޅުވީ ކުރިއަށް އޮތްތާނގާ ކޮންމެ އަހަރަކު އެއް ފަހަރު ނުވަތަ ދެފަހަރު މިފަދަ ފްރޮގުރާމުތައް ހދ އަތޮޅަށް ހުޅުވާލައިގެން ހިންގާނެ ކަމަށެވެ. މިފަދަ ޕްރޮގުރާމުތައް ހިންގުމުގައި، ފަންޑު ލިބުމުގައި ހުރި ދަތިތައް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަން ކިޔަވައިދެއްވާ ޓީޗަރުންނަން ހިންގާ ޕްރޮގުރާމުތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ސަރުކާރުގެ ބޭރުންނާއި އެތެރެއިން މަޝްވަރާ ކުއްވާނެ ކަމަށެވެ. މިޕްރޮގުރާމް ހިންގުމަށް އެހީތެރިވި އެންއައިސީ އަށާއި އިމާދުއްދީން ސްކޫލަށް ޝުކުރުދަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ހުންނަ ހަތަރު ސްކޫލަކުން 46 ޓީޗަރުން ބައިވެރިވި މި ޕްރޮގުރާމުގައި، ހާއްސަ އެހީ އަށް ބޭނުންވާ ކުދިން ދެނެގަންނާނެ ގޮތާއި ކުލާސް ރޫމްގައި މިފަދަ ކުދިން ގެންގުޅޭނެ ގޮތާއި ނުކުޅެދުންތެރިކަމުގެ ވައްތަރުތައް ކިޔަވައި ދީފައި ވެއެވެ. ޕުރޮގްރާމުގައި ބައިވެރިވި 4 ސްކޫލުގެ ޖުމްލަ 69 ބެލެނިވެރިއަކަށް ވެސް ވަނީ މިޕްރޮގުރާމް ކުރިއަށް ގެންގޮސްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ދެނެގަންނާނެ ގޮތުގެ ހާއްސަ ޕްރޮގުރާމުގައި ކިޔަވައި ދެއްވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަން ކިޔަވައިދެއްވުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ އަދި ޓީޗާރ އެކްސެލެންސް އެވޯޑް ހާޞިލް ކުރެއްވި ފަރާތެއްކަމަށްވާ މަރިޔަމް ޝަތުރަތު ޝާކިރާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަން ކިޔަވައިދެއްވާ ޙަދީޖާ ޤާސިމްފުޅެވެ. މި ދެ ޓީޗަރުންނަކީ ވެސް އިމާދުއްދީން ސްކޫލުގެ ދެ ޓީޗަރުންނެވެ.
މިޕްރޮގުރާމުގައި ހދ އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލާއި އިރުމަތި އަވަށު ޕްރީސްކޫލް އަދި އަމީރު އަމީން ސްކޫލް ބައިވެރިވި އެވެ.