އަމާޒަކީ މިމަހުގެ 20 ގެ ކުރިން އަމީނީމަގުގަ ތާރު އަޅާ ނިންމާލުން ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށީ އޮންލައިނާ” ވާހަކަ ދައްކަވަމުން ނަޒީމް ވިދާޅުވީ އެމްއާރުޑީސީގެ އަމާޒަކީ މިމަހު 20 ގެ ކުރިން އަމީނީމަގުގެ ތާރު އަޅާ ނިންމާލުން ކަމަށާއި އެހެންނަމަސް ވެސް މޫސުން ހުންނަ ގޮތުން މަސައްކަތަކަށް ބުރޫ އަރަމުން އަންނަ ކަމަށެވެ.
“އަޅުގަނޑުމެންގެ ޓާގެޓަކީ މިމަހު ވިއްސަށް މަގުގެ މަސައްކަތް ނިންމާލުން. އެހެންނަމަވެސް ކުޅުދުއްފުއްޓަށް މިދުވަސް ކޮޅު މޫސުން އެހާ ރަގަޅެއް ނޫން. އިއްޔެ ވެސް އަމީނީމަގު އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވުނު ވިއްސާރަ ވީމަ” ނަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމީނީމަގު މަސައްކަތް ނިމުމުން އިތުރު އެހެން މަގެއްގެ މަސައްކަތް ފަށާނެ ކަމަށެވެ. ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތަށް ރައްޔިތުންގެ ކިބައިން ފުރިހަމައަށް އެއްބާރުލުން ލިބޭ ކަމަށް ނަޒީމް ވިދާޅުވި އެވެ. އެހެންނަމަވެސް ބައެއް ފަހަރު ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ފިއްތުންތައް ކުރިމަތިވާ ކަމަށް އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި އެވެ.
ރައީސް ވަހީދު އިންތިހާބުން ފެއިލް ވުމުގެ ސަބަބުން އަމީނީމަގުގެ މަސައްކަތަށް އެއްވެސް ކަހަލަ ހުއްޓުމެއް އަތުވެދާނެތޯ ސުވާލު ކުރުމުން ނަޒީމް ވިދާޅުވީ ރައީސް ވަހީދު އިންތިހާބު ނުހޮވުނު ކަމުގައި ވިޔަސް މަގުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.
ކުޅުދުއްފުށީ އަމީނީމަގުގެ ދެ ފަރާތުގެ ޕޭވްމަންޓް އަޅާ ނިމިފައިވާއިރު، މަގުގެ އެއް ފަޅީގައި ތާރު އަޅަން ވަނީ ފަށާފައެވެ. މި މަޝްރޫއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ތަފާތު އެކި ސަބަބުތަކާހުރެ މަގުގެ މަސައްކަތް އެތައް ދުވަހެއް ވަންދެން ހުއްޓިފައި އޮތެވެ.