ދިވެހިން އެއް ޒަމާނެއްގައި ހުންއައިސް ބޮލުގައި ރިއްސާލިޔަސް ދަނީ ފަންޑިތަ ހަދާ މީހެއްގެ ކައިރިއަށެވެ. ފަންޑިތަ ހަދާ މީހާ ކިޔެވުމަށްފަހު ދޭ ފެންތަށި ބޭނުންކުރުމުން ބަލި ވަރަށް އަވަހަށް ފަސޭހަވާ ކަމަށް ގަބޫލުކުރެވުނެވެ. ކުޑަ ބައްޔެއްވިޔަސް އުނަގަނޑުގަޔާއި ކަރުގައި އަދި އަތުގެ މުލައްދަނޑީގައި ތަވީދުބަނދެ ނަދުރުބުނެ ހެދި ދުވަސްވަރު މާޒީވެ ހިނގައްޖެ އެވެ. މިއަދު ހޭލުންތެރިވުމުގެ ސަބަބުން ބައްޔެއް ވާއިރަށް ދަނީ ޖެހިގެން ހުންނަ ސިއްހީ ހިދުމަތްދޭ ތަނަކަށެވެ. އަވަހަށް ބަލަނީ “އާސަންދަ”އިން ހިލޭ ބޭސްފަރުވާ ކުރުމަށެވެ.
ދިވެހިންގެ ގިނަ ބަޔަކު ހޭލުންތެރިވެއްޖެ އެވެ. އެހެނަސް މިހާރު ގިނަ ބަޔެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައީ ނުރަނގަޅު ބަދަލުތަކެވެ. ޑޮކްޓަރަށް ދެއްކުމަށް ސަމާލުކަންދޭ މިންވަރު މަތިވިއިރު ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ދޭ ސަމާލުކަން ދަނީ ދަށްވަމުންނެވެ. ސަރުކާރުގެ ސިއްހީ އިންޝުއަރެންސް ނިޒާމަކީ ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމަކަށް ވުމުން ކުރިން ހާލުގައި އުޅުނު އެތައް ބަޔަކަށް ފަސޭހަތަކެއް ލިބުނުއިރު އެ ނިޒާމުން “އިސްރާފު” ކުރަމުންދާ މީހުންވެސް މަދެއް ނޫނެވެ.
ސަރުކާރުން ސިއްހީ ދާއިރާ ތަރައްޤީ ކުރުމުގެ ވާހަކަ ދައްކާއިރު އަދި ސިއްހީ ދާއިރާ އިސްލާހުކޮށް އަގުހެޔޮ ހިދުމަތްތަކެއް ތައާރަފުކުރުމުގެ ވާހަކަ ދައްކާއިރު، ސަރުކާރުން އާންމު ރައްޔިތުން ސިއްހަތަށް ހޭލުންތެރިކުރުވުމުގެ ވާހަކަވެސް ދައްކަންޖެހެއެވެ. ދައުލަތުގެ މާލިއްޔަތަށް އޮބިނޯންނަ ވަރަށް ސިއްހަތަށް ކުރަންޖެހޭ ހަރަދުތައް މައްޗަށް ދިއުމުގެ ކުރިން އާންމުންގެ ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓޭނެ ނިޒާމެއްވެސް ތައާރަފުކުރަން ޖެހެއެވެ.
އެމެރިކާ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުކޮށްފައިވާ އިންޝުއަރެންސް ނިޒާމުތަކާ ގުޅިގެންވެސް އެ ނިޒާމުގެ ބޭނުން ހިފައިގެން ސިއްހަތަށް ބަހައްޓާ ފަރުވާތެރިކަން ކުޑަ ވާހަކަ ދެކެވެއެވެ. އަދި ރަލާއި ދުންފަތާއި ހަށިގަނޑަށް ނުރަނގަޅު ކާނާގެ ސަބަބުން ދައުލަތުން ސިއްހަތަށް ކުރަންޖެހޭ ހޭދަ އެތައް ބިލިއަނަކުން، ކޮންމެ އަހަރަކުވެސް އިތުރުވަމުން އަންނަކަމަށް އެމެރިކާގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ އެންމެ މުހިއްމު ކަންތަކެވެ. އެއީ އާންމު ކޮންމެ މީހެއްގެ ޒިންމާއެކެވެ. ބައްޔެއް ވެއްޖެނަމަ އެމީހަކަށް ސިއްހީ އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން ފަސޭހަ ހިދުމަތެއް ލިބޭނެގޮތް ހަދައިދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. މީގެ ތެރެއިން ފަރުދީ ޒިންމާގެ މަތިން ހަނދާން ނައްތާލުމަށްފަހު “އާސަންދަ”ގެ ފަހަތުން ދުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
އާސަންދަ ހެޔޮގޮތުގައި ބޭނުން ކުރުވުމަށް ސަރުކާރުގެ ފަރާތުން މިހާރުން މިހާރަށްވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. “ހަމަ ބައްޔެއްވެލާހެން” ހީވާ ކޮންމެ ފަހަރަކު އެންމެ އަގުބޮޑު ހޮސްޕިޓަލަށް ގޮސް ސުޕެޝަލިސްޓަކަށް ދައްކާ މީހުން މިހާރު ގިނައެވެ. މިގޮތަށް ޑޮކްޓަރަށް ދައްކާ ބައެއް މީހުންނަށް ނުބައި ފީލްޑެއްގެ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކޭފަހަރު ވަރަށް ގިނައިން އާދެއެވެ. އޭގެ ފަހުން ޑޮކްޓަރ ހަދަން ދޭ ޓެސްޓްތައް ހަދަން އަވަސްވެގަނެއެވެ. އަދި ޑޮކްޓަރު ދޭ ބޭސް ސިޓީގައި ހުރި ހުރިހާ ބޭހެއް އެ ބުނާ މުއްދަތަކަށް ނަގައިގެން ގެއަށް ގެންދެއެވެ. ދެ ދުވަހަކު ބޭސް ކާލުމަށްފަހު ރަނގަޅު ނުވެއްޖެނަމަ އަނެއްކާވެސް އަނެއް ސުޕެޝަލިސްޓަކަށް ދައްކަން އެޕޮއިންޓްމެންޓް ހޯދަން ފަށައެވެ. ބޭސް ކާން ފެށުމަށްފަހު ދެ ދުވަހެއްގެ ތެރޭގައި ބަލި ރަނގަޅުވެއްޖެހެން ހީވެއްޖެނަމަ އެ ބޭސްތައް ބޭނުންކުރުން ހުއްޓާލައެވެ. މިއީ ދިވެހިންގެ ހަމަ ގިނަ ބަޔަކު މިއަދު އުޅެމުންދާ ގޮތެކެވެ.
މިހެން ގޮސް އާސަންދައިގެ ފަހަތުން ދުވާއިރު އަމިއްލަ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ސާފުތާހިރުކަމަށް ސަމާލުވުމަށާއި ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކޮށް އަރާމުކުރުމަށް އެއްވެސް ސަމާލުކަމެއް ނުދެވެ އެވެ. އެ ފަދަ މީހުންނަށް ދުޅަހެޔޮ ސިއްހަތަކަށްވުރެ އާސަންދަ މާ މުހިއްމެވެ.