twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފަހު ވަގުތު ބާ ޖެހި ލަނޑާއެކު ޗެލްސީ ސެމީއަށް

Apr 9, 2014

ފަހު ވަގުތު  ޑެމްބާ ބާ ކާމިޔާބު ކުރި ލަނޑާ އެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޗެލްސީ ދަތުރު ކޮށްފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި، 86 ވަނަ މިނެޓްގައި ޗެލްސީގެ އަޒްޕްލިކުއޭޓާ ޖެހި ޝޮޓް ކުޅުންތެރިޔެއްގެ ފައިގަ ޖެހިފައި ވެއްޓުނީ ޑެމްބާ ބާ ގެ ފައި ބުޑަށެވެ. މި ބޯޅަ ޕީއެސްޖީ ގެ ކީޕަރ ސިރިގު ގެ ބޯ މަތިން ގޯލުގެ މަތީ ދާ ގަނޑަށް ފޮނުވާލައިގެން ޗެލްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރީ އެގްރިގޭޓް ސްކޯރ 3-3 އިން އެއްވަރު ވުމުން އަވޭ ގޯލަށް ބަލައިގެންނެވެ.

ފުރަތަމަ ލެގު 3-1 އިން ޕީއެސްޖީ އިން ކާމިޔާބު ކޮށްފައި ވީ ނަމަވެސް ޗެލްސީ ގެ ސްޓެމްފޯޑް ބުރިޖުގައި ރޭ ކުޅުނު މެޗް ޗެލްސީ 2-0 އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ގެ ތެރެއަށް އިވަނޮވިޗް އެއްލި ބާރު ބޯޅައެއް ޑޭވިޑް ލުއިޒްގެ ބޮލުން ފަހަތަށް މަޑުމަޑުން ޖައްސާލުމާއެކު ޗެލްސީގެ ޝާލު ވަރަށް ހަމަޖެހިލާފައި ވައްދާލި ގޯލެކެވެ.

ރޭގެ 2 ވަނަ ލަނޑު ޖެހުމާއެކު ޗެލްސީގެ މެނޭޖަރ ހޯސޭ މޮރީނިއޯ ވަނީ ކޯނަރު ދަނޑި ކައިރިއަށް ދުވެ ކުޅުންތެރިންނާ އެކު އުފާ ފާޅުކޮށް ކުޅުންތެރިންނަށް އިރުޝާދު ދީފައެވެ. މީގެ 10 އަހަރު ކުރިން ޕޯޓޯގެ މެނޭޖަރެއްގެ ގޮތުގައި ހުރިއިރު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްސްގައި މެންޗެސްޓަރ ޔުނައިޓެޑް ފަހު ވަގުތު ކަޓުވާލުމަށް ފަހު ހަމަ މިފަދަ ގޮތަކަށް މޮރީނިއޯ ވަނީ އުފާ ފާޅުކޮށްފަ އެވެ.

ރޭ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި ޑޯޓްމަންޑް އަދި ރިއަލް މެޑްރިޑް ކުޅުނު މެޗަކީވެސް ވަރަށް ފޯރިގަދަ މެޗެކެވެ. ފުރަތަމަ ލެގު 3-0 އިން ކާމިޔާބު ކޮށްފައިވާ ރިއަލް މެޑްރިޑަށް ރޭގެ މެޗްގެ 17 ވަނަ މިނެޓްގައި ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. ރޭގެ މެޗުގައި އިންޖަރީގެ ސަބަބުން ރިއަލް މެޑްރިޑަށް އާންމުކޮށް ޕެނަލްޓީ ޖަހައިދޭ ރޮނާލްޑޯ ނުކުޅޭތީ މި ޕެނަލްޓީ ޖެހީ އެންޖަލް ޑި މަރިއާ އެވެ. ނަމަވެސް ޑޯޓުމަންޑް ގެ ކީޕަރ ރޯމަން ވެއިޑެންފެލާ ވަނީ މި ޕެނަލްޓީ މަތަކޮށްފަ އެވެ.

މިއާއެކު ޑޯޓުމަންޑް ގެ ކުޅުން އިތުރަށް ވަރަުގަދަ ކޮށް ރިއަލް މެޑްރިޑްގެ ޑިފެންސަށް ޕްރެޝަރ ބޮޑުކުރި އެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ ޑިފެންސްގެ ދެ މިސްޓޭކުން ޑޯޓުމަންޑް ގެ ހުނަރުވެރި ވިންގާ މާކޯ ރޫސް މެޗުގެ 24 ވަނަ މިނެޓްގައި އަދި 37 ވަނަ މިނެޓްގައި ދެ ލަނޑު ކާމިޔާބު ކުރުމެވެ. ނަމަވެސް އެގްރިގޭޓް ސްކޯރ ހަމަހަމަ ކުރުމަށް ޑޯޓްމަންޑް ކުރި މަސައްކަތް ނާކާމިޔާބުވެ ޑޯޓްމަންޑް ވަނީ މުބާރާތުން ކަޓާފަ އެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ބަޔާން މިއުނިކްގެ ދަނޑުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗަށް ނުކުންނައިރު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައި ވުމާއެކު ބަޔާން އަށް އަވޭ ގޯލުގެ އެޑްވާންޓޭޖެއް އޮންނާނެ އެވެ. އަދި ކުއާޓަރ ފައިނަލްގެ އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ބާސެލޯނާ އާއި ދެކޮޅަށް ނުކުންނައިރު އެތުލެޓިކޯ މެޑްރިޑަށް ވެސް 1 އަވޭ ގޯލުގެ ފައިދާ އެބަ އޮތެވެ. ދެ މެޗުވެސް ފެށޭނީ ރާއްޖެ ގަޑިން 23:45 ގައެވެ.

[yass cats=62]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355