twitterviber whatsapp telegramfacebookyoutube instagram
13th August 2020

ޗެމްޕިއަން ބަޔާން މިއުނިކާއި އެތުލެޓިކޯ މެޑްރިޑް ސެމީއަށް

Apr 10, 2014

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްސް ގެ ފަހު ދެ ޖާގަ ބަޔާން މިއުނިކް އަދި އެތުލެޓިކޯ މެޑްރިޑުން ކަށަވަރު ކޮށްފި އެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލްސްގެ މެޗުގައި ބަޔާން މިއުނިކުން މެންޗެސްޓަރ ޔުނައިޓެޑް ގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާ އަކުންނެވެ. އަދި ވާދަވެރި ބާސެލޯނާގެ މައްޗަށް 1-0 އިން އެތުލެޓިކޯ މެޑްރިޑް އިން ކުރި ހޯދާ 2-1 ގެ އެގްރިގޭޓް ސްކޯރ އަކުން އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގަ ހޯދާފަ އެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާ ބަޔާން އަދި ޔުނައިޓެޑް މެޗްގެ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ހުޅުވައިދިނީ މި ސީޒަނަށް ފަހު މެންޗެސްޓަރ ޔުނައިޓެޑާ އަލްވަދާޢު ކިޔުމަށް ނިންމާފައިވާ ޕެޓްރީސް އެވްރާ އެވެ. ނަމަވެސް އޭގެ އެއް މިނެޓް ފަހުން ބަޔާންގެ ފްރޭންކް ރިބެރީ ނަގާދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައި މާރިޔޯ މަންޑުޒުކިޗް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ގިނައިރު މެޗްގެ ކޮންޓްރޯލް ކުރި ބަޔާން މިއުނިކުން މެޗުގެ ލީޑު ނެގީ މެޗުގެ 68 ވަނަ މިނެޓްގައި އާރެން ރޮބެންގެ އެހީތެރި ކަމާއެކު ތޯމަސް މުލާ އެވެ. އަދި އޭގެ 8 މިނެޓް ފަހުން ޔުނައިޓެޑްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ރޮބެން ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްދީ ބަޔާން އަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްދީފަ އެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލްސް ގެ އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑް އިން ވަނީ މެޗުގެ 5 މިނެޓްގައި ކޯކޭ ޖަހައިދިން ހަމައެކަނި ލަނޑާއެކު 1-0 އިން ބާސެލޯނާ ބަލިކޮށް ވޭތުވެދިޔަ 30 އަހަރުތެރޭ ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލްއިން ޖާގަ ހޯދާފަ އެވެ. ވޭތުވެދިޔަ 6 އަހަރު ޗެމްޕިއަންސް ލީގަށް ބަލާއިރު ބާސެލޯނާ މުބާރާތުން ކަޓުވާލި ޓީމުތައް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މިއީ ފާއިތުވެދިޔަ 7 އަހަރު ތެރޭ ބާސެލޯނާ ސެމީ ފައިނަލަށް ދަތުރު ނުކުރާ ފުރަތަމަ ފަހަރެވެ.

ބަޔާން އާއި އެތުލެޓިކޯގެ އިތުރުން ދެން ސެމީ އަށް ދަތުރުކުރި ޗެލްސީ އާއި ރިއަލް މެޑްރިޑަށް ސެމީ ފައިނަލްގައި ކުޅެން ޖެހޭ ޓީމު އެނގޭނީ ހުކުރު ދުވަހު ސްވިޒަލެންޑްގައި އޮންނަ ސެމީ ފައިނަލްގެ ގުރުއަތަށް ފަހު އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރިލް 22-23 ގައެވެ. އަދި 2 ވަނަ ލެގު އޮންނާނީ އޭޕްރީލް 29-30 ގަ އެވެ.

[yass cats=63]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355