ކުޅުދުއްފުށީގެ ބާޒާރުން އަލުވި ހުސްވެފައިވާއިރު ރާއްޖެއަށް އެތެރެކުރާ ކުކުޅު ބިހުގެ އަގު އުފުލިއްޖެ އެވެ.
ކުޅުދުއްފުށީގައި ހޯލްސޭލު ވިޔަފާރިކުރާ ވިޔަފާރިވެރިއަކު މި ނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، ކުޅުދުއްފުށިން އަލުވި ހުސްވެފައިވާތާ 5 ވަރަކަށް ދުވަސްވެފައިވާ ކަމަށެވެ.
މީގެ ހަފުތާ އެއްހާ ދުވަސް ކުރިން 370ރ. އާއި 350ރ. ދެމެދުގެ އަގުތަކެއްގައި ހުރި ކުކުޅު ބިސް މިއަދު ބާޒާރުގައި ހުރީ 420ރ. ރުފިޔާއަށް އުފުލިފަ އެވެ.
ކުޅުދުއްފުށީގައި މިއަދު ކުކުޅު ބިސް ކޭސް ވިއްކަން ހުރީވެސް އެންމެ ފިހާރައެއްގަ އެވެ. އެއީ “މިތުރު” ފިހާރާގައި އެވެ.
މި ނޫންވެސް ބައެއް ތަރުކާރީގެ ބާވަތްތައް ކުޅުދުއްފުށީގެ ބާޒާރުގައި ވަނީ މަދުވެ އަގުތައް އުފުލިފަ އެވެ. އެގޮތުން އިނގުރު ކިލޯއެއްގެ އަގު ހުރީ 100ރ. އާއި 110ރ. ރުފިޔާ ދެމެދުގައެވެ. ރާއްޖެއިން ބޭރުން އެތެރެކުރާ ކެރެޓާއި ކެބެޖް ވެސް މިދުވަސް ކޮޅު ބާޒާރުގައި ވަނީ ވަރަށް މަދުވެފަ އެވެ.
ކުޅުދުއްފުށީގެ ވިޔަފާރިވެރިން ބުނީ ބައެއް ތަކެތި އަގުއުފުލިފައިވަނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ ކުދި ބޯޓުތައް މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުތައް ނުކުރެވޭތީ ކަމަށެވެ.