twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ދުވަސް ފާހަގަކުރަމުންދާއިރު ޖީއެސްޓީ ނަގާ މިންވަރާމެދު ސަމާލުވުން މުހިއްމު

May 17, 2014

އަޅުގަނޑުމެންގެ ހަޔާތުގެ އެންމެ މުހިއްމު އެއް އަސާސްކަމަށް މިހާރު ހަމަ ޔަޤީނުންވެސްވެފައިވާ އެކައްޗަކީ މުއާސަލާތީ ޚިދުމަތެވެ. ކުރިއަރައިގެން މިއަންނަ ދުނިޔޭގެ މާހައުލުގައި މުއާސަލާތީ ޚިދުމަތްތައްވެސްް މިއަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރައި ތަރައްޤީ ވަމުންނެވެ. އަދި ފޯނާއި އިންޓަނެޓާއި ނުލައި ދިރިއުޅުން ބައްޓަން ކުރުމަކީ މިހާރު އަޅުގަނޑުމެންނަށް ދަތި ކަމެކެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް މޭ 17 ވަނަ ދުވަސް މުއާސަލާތީ ޚިދުމަތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެ އެވެ. އެއީ އިންޓަނެޓާއި މުއާސަލާތީ ޚިދުމަތްތަކުގެ ސަބަބުން ދިމާވެދާނެ ތަފާތު ގިނަ ކަންތައްތަކާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމަށެވެ.

މިއަހަރުގެ ޓެލެކޮމް ދުވަސް އަޅުގަނޑުމެން މިއަދު ފާހަގަކުރާއިރު މިދުވަސްވަރު މި ދިމާވަނީ ރާއްޖޭގައި ޓެލެކޮމް ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގަން ފެށުނު ދުވަސްވަރާ އެވެ. އަދި މިކަމުން ތަފާތު ގިނަ އުދަނގޫތަކެއް ވިޔަފާރިކުރާ ފަރާތްތަކަށާއި ޚިދުމަތް ބޭނުންކުރަމުންދާ އާންމު ރައްޔިތުންނަށް ދިމާވަމުންދާ ދަނޑިވަޅަކާ އެވެ. އެހެންކަމުން ޓެލެކޮމް ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގޭ ގޮތުގެ މައުލޫމާތު ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެނގުން ވަރަށް މުހިއްމެވެ.

ހަޤީގަތުގައި އެންމެ ބޮޑު އެއް މައްސަލައަކީ މިކަމާއިމެދު އާންމު ރައްޔިތުން ހޭލުންތެރިކުރުވަންޖެހޭ ވަރަށް ހޭލުންތެރިކުރުވިފައި ނެތުމެވެ. ރާއްޖޭގައި އެންމެހާ ރައްޔިތުންނާ ގުޅިފައިވާ މިފަދަ ބޮޑުކަމެއް އަވަސް ކާޅު ގުއި ހާވާލައިފައި ކުރުމުން ފެންނާނެ ނަތީޖާ މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުއިން މިހާރު އެބަ ފެނެއެވެ. 1 މޭ 2014 އިން ފެށިގެން މީރާގައި ޖީ.އެސް.ޓީ އަށް ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކުން ޚިދުމަތެއް ފޯރުކޮށްދޭނަމަ އެ ޚިދުމަތުން ޖީ.އެސް.ޓީ ނެގުމަށް ލާޒިމް ކޮށްފައިވެ އެވެ. މިގޮތުން ޓޫރިޒަމް ދާއިރާނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚިދުމަތް ހޯދާ ފަރާތުގެ އަތުން ޗާޖް ކުރެވޭނީ   6%އެވެ. އަދި ޓޫރިޒަމް ދާއިރާގައި ޖީ.އެސް.ޓީ އަށް ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކުން ޗާޖުކުރަން ޖެހޭނީ 8% އެވެ.

މި ޚިދުމަތް ލިބިގަންނައިރު ޚިދުމަތް ހޯދާ ފަރާތްތަކުން ސަމާލުވާންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ޚިދުމަތުގެ ހަމަ އަގު ހޯދުމާއި، ޚިދުމަތް ހޯދަންދާ ތަނަކީ ޖީ.އެސް.ޓީ އަށް ރެޖިސްޓަރ ކުރެވިފައިވާ ތަނެއްތޯ ނުވަތަ ނޫންތޯ ބެލުން ހިމެނެ އެވެ. ސަބަބަކީ ޖީ.އެސް.ޓީ ގެ ގޮތުގައި 6% ނުވަތަ 8% އަށްވުރެ އިތުރަށް ޗާޖްކުރުމަކީ ޤާނޫނީ ކުށަކަށްވެފައި އޮތުމާއެކުވެސް އެގޮތަށް ބައެއް ފަރާތްތަކުން ޢަމަލު ކުރަމުން ދިއުމާއި، ޖީ.އެސް.ޓީ އަށް ރެޖިސްޓަރ ކޮށްފައިނުވާ ފަރާތްތަކުންވެސް ޖީ.އެސް.ޓީގެ ގޮތުގައި އަގު އިތުރު ކޮށްގެން ވިއްކަމުންދާތީ އެވެ. މީގެ އިތުރުން ސަމާލުވާންޖެހޭ މުހިއްމު އަނެއް ކަމަކީ މުއާސަލާތީ ޚިދުމަތްތަކުގައި އަގު ޖެހިފައި ހުންނައިރު އަގު ޖަހާފައި ހުންނަން ޖެހޭނީ ޖީ.އެސް.ޓީ ނުހިމަނަ އެވެ. އަދި ޖީ.އެސް.ޓީ އަށް ރެޖިސްޓަރ ކޮށްފައިނުވާ ފަރާތްތައްވެސް މުއާސަލާތީ ޚިދުމަތް ފޯރުވައިދޭ އަގުތައް ޚިދުމަތް ހޯދާ ފަރާތަށް ފެންނާނޭހެން ހަރުކުރެވިފައި ހުރުމަކީ ލާޒިމު ކަމެކެވެ.

އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ މިފަދަ ގިނަ މައްސަލަތަކަކީ އަޅުގަނޑުމެންނަށް އަޅާނުލެވި ވަރަށް ފަސޭހައިން ދޫކޮށްލެވޭ ކަންތައްތަކެވެ. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި މިފަދަ މައްސަލަތައް ފެތުރެމުންދާ މިންވަރު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިކަމުގައި އަޅުގަނޑުމެންގެ ފަރުދީ ޒިންމާ ނުނަގައި ދޫކޮށްލެވޭކަމީ ހިތާމަކުރަން ޖެހިފައިވާ މައްސަލަ އެކެވެ. އެހެނީ އަޅުގަނޑުމެންނަށް މިފަދަ މައްސަލައެއް ފެނިއްޖެނަމަ ރިޕޯޓްކުރަންޖެހޭ ފަރާތްތަކާ ހަމައަށް ރިޕޯޓް ނުކުރެވުމަކީ މައްސަލަތަކަށް އެއްވެސް ވަރެއްގެ ހައްލެއް ނުލިބޭ ސަބަބަކަަށް މިވަނީ ވެފަ އެވެ.

މި ކުރިއަރާފައިވާ މުއާސަލާތީ ދުނިޔޭގައި ކޮރަޕްޝަނާއި، އާއިލީ އަދި ކުޑަކުދިންގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަަތަކާއި، ހިއުމަން ރައިޓްސް މައްސަލަތައް ފަދަ މައްސަލައެއް ފާހަގަ ވެއްޖެނަމަ އެކަން ރިޕޯޓް ކުރުމަށް ހިލޭ ގުޅޭ ނަންބަރުތައް އިޝްތިހާރު ކުރެވިފައި ވާއިރުވެސް އެކަމުގައި އަޅުގަނޑުމެން ދަނީ އިހްމާލުވަމުންނެވެ. އަދި ޖީ.އެސް.ޓީ ގެ މިފަދަ މައްސަލައެއް ފާހަގަ ވެއްޖެނަމަ ހިލޭ ގުޅޭ ނަންބަރު 1415 އަށް ގުޅާ ރިޕޯޓް ކުރުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355