އައިލެންޑާސް ކަޕްގެ ދެވަނަ ބުރުން ކުޅުދުއްފުށީ ޒިގްޒެގް ޓީމު ކަޓައިފި އެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު އޭދަފުއްޓާ ދެކޮޅަށް ކުޅުނު މެޗުން ކުޅުދުއްފުށީ ޓީމު ބަލިވީ 9-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށިން ވަނީ 4 ލަނޑު ޖަހާފަ އެވެ. އަދި ފަހު ހާފުގައި ވަނީ އިތުރު 5 ލަނޑު ކާމިޔާބުކޮށްފަ އެވެ. ކުޅުދުއްފުށީ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ފަހު ހާފު ނިމެމުން ދަނިކޮށް އަސްވަދު ރަޝީދު (އަސްލޭ) އެވެ.
މެޗަށް ފަހު ވާހަކަ ދައްކަވަމުން ޓީމުގެ ކޯޗު މުހައްމަދު މޫސާ ވިދާޅުވީ ޓީމުގެ ފެށުން ގޯސްވުމުން އަލުން އަރައިގަންނަން އުދަނގޫވި ކަމަށާއި އަދި ޓީމަށް ލިބުނު ޗާންސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފުނު ކަމަށެވެ. އަދި ނޮކް އައުޓް މެޗަކަށް ވުމުން ލީޑު ހޯދުމަށްޓަކައި އެޓޭކިން ގޭމެއް ކުޅެން ޖެހުމުން އިދިކޮޅު ޓީމުން ކައުންޓާގައި ގިނަ ގޯލުތަކެއް ކާމިޔާބު ކުރީ ކަމަށެވެ.
ކޯޗު އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ މިފަދަ މުބާރާތެއްގައި ބައިވެރިވެ ޓީމުން ދެއްކި ހިތްވަރަށް ޝުކުރު އަދާކުރަން ބޭނުން ކަމަށާއި އަދި އެކި ގޮތްގޮތުން ސަޕޯޓް ދެއްވި ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.
“މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ އެއް މަޤްސަދަކީ ކުޅުންތެރިންތަކަކަށް މިފަދަ ކަންކަމުގައި ތަމްސީލު ކުރުމަށް ފުރުސަތު ހޯދައިދިނުން. އަބަދު ކާމިޔާބީއެއްވެސް ނުލިބޭނެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މިއީވެސް ކާމިޔާބެއް. މިކަމުން އިބްރަތް ހާސިލްކޮށް އަބަދުވެސް ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތްކުރުމުކީ އަޅުގަނޑުމެންގެ ވިސްނުން. ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެން މިފަދަ ކަންކަމުގައި ރަށް ތަމްސީލު ކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނަން” ޓީމުގެ ކޯޗު މުހައްމަދު މޫސާ (އޮޓްޕޯ) ވިދާޅުވި އެވެ