ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރި ކުޅިވަރެއް ކަމަށްވާ ތްރޯ ބޯލް، ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކްލަބުން ރާއްޖެއަށް ތަޢާރަފް ކޮށްފި އެވެ.
އިންޑިޔާގައި ޒަމާން ތަކެއް ވަންދެން ކުޅެމުން އައި މިކުޅިވަރު ރާއްޖެއަށް ތަޢާރަފް ކޮށްފައި ވަނީ ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކްލަބާއި އޭޝިއަން ތްރޯ ބޯލް ފެޑަރޭޝަން ގުޅިގެންނެވެ.
މި ކުޅިވަރު ރާއްޖެއަށް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ހަވީރު ޒުވާނުންގެ މަރުކަޒު ބޭރު ކޯޓުގައި، އޭޝިއަން ތްރޯ ބޯލް ފެޑަރޭޝަން ގެ އަށާރަ އަހަރުންދަށުގެ އަންހެން ޓީމަކާއި ރާއްޖެއިން ހޮވާލައިފައި ވާ އަންހެން ޓީމެއް ވަނީ ތްރޯބޯލް މެޗެއް ކުޅެފައެވެ. މި މެޗް ދެސެޓް އެއްސެޓުން ކާމިޔާބުކުރީ އޭޝިއަން ތްރޯ ބޯލް ފެޑަރޭޝަން ގެ ޓީމެވެ.
ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ގެފަރާތުން މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ރާއްޖެއަށް އަލަށް ތަޢާރަފް މިކުރި ކުޅިވަރުން ރާއްޖެއަށް ކުރިމަގު އޮތްކަމަށް ޤަބޫލު ކުރައްވާކަމަށާއި ވޮލީ ބޯޅައަށް ލޯބިކުރައްވާ ގިނަފަރާތް ތަކަކަށް މިކުޅިވަރު ކަމުދާނެކަމަށް ޤަބޫލު ކުރެވޭކަމަށެވެ.
ތްރޯ ބޯލް އަކީ ވޮލީއާއި ދާދި އެއްގޮތަކަށް ކުޅޭ ކުޅިވަރެކެވެ. ނަމަވެސް މިކުޅިވަރު ކުޅެނީ ޓީމަކަށް ހަތް ކުޅުންތެރިން އަރައިގެންނެވެ. އަދި ވޮލީއާ ހިލާފަށް މިކުޅިވަރުގައި ޖެހެނީ އިދިކޮޅުޓީމުން ފޮނުވާލާބޯޅަ ހިފުމަށްފަހު ވަކި ގޮތްތަކަކަށް އިދިކޮޅުޓީމާ ދިމާއަށް ބޯޅައެއްލާށެވެ. އޭޝިޔާ ސަރަހައްދަށް ހާއްސަ މި ކުޅިވަރަކީ ދެޖިންސުގެ މީހުންވެސް ކުޅެމުން އަންނަ ކުޅިވަރެކެވެ. އިންޑިޔާގައި މި ކުޅިވަރު ކުޅެމުން އަންނަތާ ގާތްގަނަޑަކަށް ތިރީހަކަށް އަހަރު ވަނީ ވެފައެވެ.