އިރާގުގެ ޝިޢީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އަދި އިސްލާމީ ޚިލާފަތެއް އިއުލާންކޮށްފައިވާ ޖަމާއަތެއްކަމުގައިވާ އައިއެސްއައިއެލްއިން ހުރިހާ މުސްލިމުން އަވަހަށް އިރާގަށާއި ސީރިއާ އަށް ހިޖުރަކުރުމަށް ގޮވާލައިފި އެވެ.
އޯޑިއޯ މެސެޖެއްގައި މި ޖަމާއަތުގެ ލީޑަރު އަދި އިސްލާމީ ޚިލާފަތުގެ ހަލީފާއެއްގެ ގޮތުގައި އަށްޔަން ކޮށްފައިވާ އަބޫބަކުރު އަލް- ބަޣްދާދީ ގޮވާލާފައިވަނީ އިސްލާމީ ޚިލާފަތެއް ގާއިމުކުރުމަށްޓަކައި ހުރިހާ މުސްލިމުން އިރާގަށާއި ސީރިއާއަށް އަވަހަށް ހިޖުރަކުރުމަށެވެ. އެއީ މުސްލިމުންގެ މައްޗަށްވާ ވާޖިބެއް ކަމުގައިވެސް ވަނީ ގޮވާލާފަ އެވެ. އަދި އިރާގާއި ސީރިއާ އަކީ ހުރިހާ މުސްލިމުންގެ ބިމެއްކަމުގައިވެސް ބުނެފައިވެ އެވެ.
19 މިނެޓުގެ މި އޯޑިއޯ މެސެޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންނަށް މި ރަމަޟާންމަހު ﷲގެ މަގުގައި ޖިހާދަށްވުރެ ހެޔޮ އަމަލެއް ނުވާނެކަމާއި އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފައިގެން ހުރިހާ މުސްލިމުން ޖިހާދަށް އައުމަށް ވަނީ ގޮވާލާފަ އެވެ.
“ދަ އިންވިޒިބަލް ޝެއިޚް” ގެ ނަމުން މަޝްހޫރުވެފައިވާ އަބޫބަކުރު އަލް ބަޣްދާދީ އެތައް ގައުމެއްގައި މުސްލިމުންނާ ދެކޮޅަށް ކުރާ ޖަރީމާތަކުގެ ވާހަކަ ފާހަގަކޮށްފައިވެ އެވެ. އަދި އެ ޖަރީމާތަކާއި އަނިޔާގެ ބަދަލު މުސްލިމުން ހިފާނެކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.
” އަހަރެމެން ބަދަލު ހިފާނަން، އެކަމަށް ވަގުތު ނެގިޔަސް އަހަރެމެން ބަދަލު ހިފާނަން ” އޭނާ ބުނެފައިވެ އެވެ.
އައިއެސްއައިއެލް ގެ ބާރުގެ ދަށުގައި އިރާގުގެ ދިޔަލަ ޕްރޮވިންސުން ފެށިގެން ސީރިއާގެ ހަލަބު އާ ހަމައަށް ހުރި ހުރިހާ ސިޓީއެއް ވާއިރު އެ ޖަމާއަތާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފާނެކަމުގެ ބިރުވަނީ އުފެދިފަ އެވެ.
އުސްމާނީ ޚިލާފަތު އުވިގެންދިޔަތާ 97 އަހަރުފަހުން ހުރިހާ މުސްލިމުން ބޯލަނބާ ވެރިކަމެއް އުފެދިފައިނުވާއިރު މި އިއުލާންކޮށްފައިވާ ޚިލާފަތަށް ހުރިހާ މުސްލިމުން ކިޔަމަންވުމަށް ވަނީ ގޮވާލާފަ އެވެ.