ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކަސްޓަމަރުންނަށް ހިނިތުންވުމާއެކު ހިދުމަތް ދިނުން ކުރިއެރުވުމަށް “ސްމައިލް ކެމްޕޭން” ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.
އެސްޓީއޯ ސުޕަމާޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައި ދެއްވުމުގެ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ ކަސްޓަމަރަކަށް ހިނިތުންވުމާ އެކު އެ ސުޕަރމާޓުގެ ހިދުމަތް ދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި މީޑިޔާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މި ކެމްޕޭނަކީ ހަމައެކަނި ސުޕަރމާޓުގައި ހިނގުމަށް ހަމަޖެހިފައިވާ ކެމްޕޭނެއް ނޫން ކަމަށާއި މި ކެމްޕޭން އެސްޓީއޯގެ ހުރިހާ ޑިޕާޓްމެންޓްތަކުގައި ވެސް ހިނގަމުން ދާނެ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެކެމްޕެއިނާ އެކު އެސްޓީއޯ އިން ރައްޔިތުންނަށްދޭ ހުރިހާ ހިދުމަތެއް ދޭނީ ހިނިތުންވުމާ އެކު ކަމަށެވެ. އަދި މި ކެމްޕޭންގެ މަގުސަދަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ބައްޓަން ކުރުމަށް ބާރު އެޅުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެއް މަސް ދުވަހުގެ މި ކެމްޕެއިންގެ ތެރޭގައި ހިނިތުންވުމާ އެކު ހިދުމަތްދޭނެ ގޮތުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް އެސްޓީއޯ މުވައްޒަފުންގެ މެދުގައި ހިންގާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެއް މަސް ދުވަހުގެ މުއްދަތަށް ކެމްޕޭނެއްގެ ގޮތުގައި މިކަން ފެއްޓި ނަމަވެސް މިއީ ދާއިމީ ކަމެއް ކަމަށެވެ.
މިއަދު މި ފެށި ކެމްޕޭނާ އެކު އެސްޓީއޯގެ އައުޓްލެޓްތަކުގެ ކައުންޓަރުތަކުގައި ކަސްޓަމަރުންނަށްޓަކައި މެޓާ ގުޅިތަކެއް ބެހެއްޓިފައި ވާކަންވެސް ފާހަގަކޮށްލެވެ އެވެ.