twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގެ ފަންނުވެރިންގެ ތެރެއިން އަހުމަދު

Sep 1, 2014

ޒަމާނުއްސުރެ ކުޅުދުއްފުއްޓަކީ ފަންނުވެރިންނާއި މަސައްކަތްތެރިން ދިރިއުޅެމުންއައި ރަށެކެވެ. އެހެންނަމަވެސް ފަންނުވެރި މަސައްކަތްތެރިން ދިޔައީ މަޑުމަޑުން ފަނޑުވަމުންނެވެ. މިފަދަ މަސައްކަތްތަކަށް ބިދޭސީންގެ ބާރު ދިޔައީ ގަދަވަމުންނެވެ. ނަމަވެސް ކުޅުދުއްފުށީ، ރިހިވެލި، އަހުމަދު މުހައްމަދު (35) އަކީ ރަށުގައި ދިރިއުޅޭ ފަންނުވެރިންގެ ތެރެއިން އަލިގަދަ ތަރިއެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޓެކްނިކަލް އޮފިސަރެއްގެ މަގާމުގައި ހުރި އަހުމަދަކީ ސޯފާ އަދި ސައިކަލް މަޑި ފަދަ ތަކެތި މަރާމާތުކުރުމުގެ މަސައްކަތް ކުރާ މީހެކެވެ.

ސޯފާ، ސައިކަލް އަދި ބައިސިކަލް މަޑި، ދަބަސް، ލޯންޗުގެ ސަތަރި، ކުޝަން އަދި މި ނޫނަސް މި ބާވަތްތަކުގެ ތަކެތި މަރާމާތުކޮށްދެމުން އަންނަ އަހުމަދު މި މަސައްކަތް ފަށާފައިވަނީ އެއީ އޭނާގެ ބައްޕަ ކުރި މަސައްކަތަށް ވާތީ އެވެ. އެހެންނަމަވެސް އޭނާ މި މަސައްކަތް ދަސްކުރީ ބައްޕަ ނިޔާވި ފަހުން އަމިއްލައަށް ކަމަށްވެސް އޭނާ ބުންޏެވެ.

މިހާރު އޭނާ މި މަސައްކަތް ކުރާތާ 7 އަހަރުވެފައިވާއިރު ކުރީގައި ގޭގެ ސިޓިން ރޫމްގައި ކުރަމުން އައި މަސައްކަތް މިހާރު ކުރަމުންދަނީ އެ މަސައްކަތަށް ވަކިތަނެއް ހަދައި އެތަނުގަ އެވެ.

ރަސްމީ ވަޒީފާގެ އިތުރުން އަހުމަދު ކުރަމުން އަންނަ މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބެއެވެ. އަހުމަދު ބުނިގޮތުގައި މި މަސައްކަތުން ހަރަދު ކަނޑައި ސާފު ފައިދާގެ ގޮތުގައި މަހެއްގެ މައްޗަށް 15000ރ. ލިބެއެވެ.

“ސޯފާއެއް މަރާމަތުކުރަން ޖެހޭ ވަރަށް ބަލައިގެން އަގު ކަނޑައަޅަނީ. ވޭވް ސައިކަލް މަޑިއެއް ހަދައިދެނީ 200 ރުފިޔާ އަށް. ޕަލްސާ ސައިކަލްގެ މަޑިއެއް 250 ރުފިޔާ އަށް. ދެން ޑިޒައިންކޮށް ހަދާ މަޑިއަށް އަގު ކަނޑައަޅަނީ ކުރަންޖެހޭ މަސައްކަތަށް ބަލާފަ” އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ މި މަސައްކަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި އޭނާއަށް މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އާއިލާއާއި “ބާމް”ޓީމްގެ ފަރާތުން ކަމަށެވެ. އެ ދެ ފަރާތަށް އަހުމަދު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

އަހުމަދުގެ މަސައްކަތް ފުޅާވެ އަހުމަދާއެކު މި މަސައްކަތް ކުރުމަށް އިތުރު މުވައްޒަފެއް މިހާރު ވަނީ ހޯދާފައެވެ. ފަންނުވެރި މި މަސައްކަތަށް އަހުމަދު ހޯދީ ދިވެހި މުވައްޒަފެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އޭނަ ގަބޫލުކުރާ ގޮތުގައި މިބާވަތުގެ މަސައްކަތްތަކުން ބިދޭސީން މަދުކުރަން ޖެހެއެވެ. އެންމެ މުވައްޒަފެއް މަސައްކަތްކުރި ނަމަވެސް ބޮޑު މަސައްކަތެއް ޖެހިއްޖެނަމަ އެ މަސައްކަތަށް އިތުރު މީހުން ހޯދައެވެ.

އަހުމަދު ބުނީ މި މަސައްކަތް ފެށުމަށް ބޮޑު ހަރަދެއް ކުރަން ނުޖެހުނު ކަމަށާއި އެއީ ބައްޕަ ގެންގުޅުނު ސާމާނު ހުރީމަ ކަމަށެވެ. މި މަސައްކަތް އޭނަ ފެށީ ކުޑަ ފަހާ ފޮއްޓަކާއެކީ ވަރަށް އާދައިގެ ގޮތަކަށެވެ. އެހެންނަމަވެސް މިހާރު ބޮޑު ފަހާ ފޮއްޓަކާއި އިތުރު އެތަކެއް ސާމާނު އިތުރުކޮށް މިހާރު މަސައްކަތް ފުޅާކޮށްފައިވާ ކަމަށްވެސް އަހުމަދު ބުންޏެވެ.

“ބޮޑު ފަހާ ފޮއްޓެއް ގަންނަން ބޮޑު ހަރަދެއް ދިޔަ. ދެން ހުންނާނެ މަޑު މަޑުން އެހެން ބައިވަރު އެއްޗެހި ގަނެފަ. ފައްޓަން އެއްޗެހި ހުރީމަ ނުދޭ މާބޮޑު ހަރަދެއް” އަހުމަދު ބުންޏެވެ.

ޒިންމާދާރު ވަޒީފާއެއްގައި އުޅެމުން މި މަސައްކަތް ކުރުމަށް ވަގުތު ހޯދަނީ ކިހިނެއްތޯ ސުވާލުކޮށްލުމުން އަހުމަދު ބުނީ މި މަސައްކަތް އޭނާ ކުރަނީ ލިބޭ ހުސްވަގުތުގައި ކަމަށެވެ. ހޮސްޕިޓަލުގެ ރަސްމީ ވަޒީފާގެ ގަޑި ނޫނީ ދެން އޮންނަ ހުރިހާ ވަގުތަކީ މި ކަމަށް އޮންނަ ވަގުތު ކަމަށް އޭނާ ބުންޏެވެ. އަދި “އޮފްޑޭ” އަކީ މި ކަމަށް ހާއްސަ ދުވަހެއް ކަމަށްވެސް އޭނާ ބުންޏެވެ.

އަހުމަދުގެ އަނތްބަކާއި ދެ ދަރިން ތިބެ އެވެ. އެއީ 11 އަހަރުގެ އަންހެން ކުއްޖަކާއި 6 އަހަރުގެ ފިރިހެން ކުއްޖެކެވެ. އާއިލާއަށް ވަގުތު ދެވޭތޯ ސުވާލިކޮށްލުމުން އަހުމަދު ބުނީ މި މަސައްކަތް ގޭގައި ކުރާތީވެ އާއިލާއާއެކު އުޅެވޭ ކަމަށެވެ. އެހެންނަމަވެސް ދެވެންވާ ވަރަށް އާއިލާއަށް ވަގުތު ނުދެވޭ ކަމަށެވެ.

“ގޭގައި ކުރާތީ އާއިލާއާ އެއްކޮށް މި އުޅެނީދޯ. ސޯ ދެވޭ ވަގުތު. އެކަމަކު އަނެއްހެން ވަގުތު ދެވެނީއެއް ނޫން”

މި މަސައްކަތް އަދިވެސް ފުޅާކުރުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. އެގޮތުން މި މަސައްކަތުގައި ބޭނުންވާ މެޓީރިއަލްސް އަކީ މި ރަށުން ލިބެން ހުންނަ ތަކެތި ކަމަށް ނުވާތީ އެތަކެތި ވިއްކޭނެ ފިހާރައެއް ހުޅުވުމަކީ ވެސް އޭނާ ދެކޭ ހުވަފެނެކެވެ. އަހުމަދު ބުނީ މިހާރުވެސް ލޯންޗް ސަތަރި ފަދަ ތަކެތި ގެންގުޅޭ ކަމަށާއި މީހުން އެދުނީމާ ވިއްކާ ކަމަށެވެ. އަދި ސޯފާފަދަ ތަކެތި ބޭނުން ޑިޒައިނަކަށް ހަދައިދިނުމަކީވެސް އޭނާ ދެކޭ ހުވަފެނެއް ކަމަށް އަހުމަދު ބުންޏެވެ.

“މިހާރު މިއޮތީ ތަނެއްވެސް އެޅިފަ. ރަޖިސްޓްރީވެސް ކުރެވިފަ. އަދިވެސް ފުޅާކުރުމަށް ވިސްނަން ދެން މިހާރު މި އެއްޗެސަކީ މި ރަށުން ލިބެން ހުންނަ އެއްޗެއްސެއް ނޫން. މެޓީރިއަލްސް. ލޯންޗް ސަތަރި، ދަބަސް މިހާރުވެސް ގެންގުޅެން މީހުން ބުނީމަ ވިއްކަން.” އަހުމަދު ބުންޏެވެ. “އެހެންވީމާ އެކަހަލަ ފިހާރައެއްވެސް ހަދަން ވިސްނަން. ސޯފާވެސް ބޭނުންވާ ޑިޒައިނަކަށް ހަދައިދިނުމަށް ބެނުންވޭ”

އަހުމަދު ބުނާގޮތުގައި ގައުމެއް ކުރި އަރަނީ ހަމައެކަނި ކޮމްޕިއުޓަރު ދޮށުގައި އިނދެގެން މަސައްކަތް ކުރުމުންނެއް ނޫނެވެ. ކަމެއް ނެތިފައި ތިބުމުގެ ބަދަލުގައި ފަންނީ މަސައްކަތެއް ދަސްކޮށް ފަންނީ މީހަކަށް ވުމަށް އަހުމަދު އަދުގެ ހުރިހާ ޒުވާނުންނަށް ނަސޭހަތްތެރިވި އެވެ.

* ކުޅުދުއްފުށި އޮންލައިންއަށް އަހުމަދު އިންޓަވިއުދެނީ.

އަހުމަދު ބުނީ މިކަހަލަ މަސައްކަތްތަކަކީ ފައިދާވާ ރަނގަޅު ނަފާއެއް ލިބޭ މަސައްކަތްތައް ކަމަށެވެ. ނަމަވެސް މިފަދަ ގިނަ ފަންނީ މަސައްކަތްތައް މިހާރު ރާއްޖޭގައި ގިނައިން ކުރަނީ ބިދޭސީން ކަމަށާއި އެމީހުން މި މަސައްކަތަކުން ބޮޑު ފައިދާއެއް ނަގަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

މިއީ ހަޑި މަސައްކަތެއް ކަމަށް ނުދެކި އަމިއްލަ ފައި މައްޗަށް ތެދުވެ ފަންނީ ބަޔަކަށް ވުމަށްވެސް އަހުމަދު ޒުވާނުންނަށް ގޮވާލި އެވެ.

“ކަމެއް ނެތިފަ ތިބޭ މީހުންނަށް ބުނެލަން ބޭނުންވަނީ ކޮންމެ މީހަކުވެސް މިކަހަލަ މަސައްކަތެއް ދަސްކުރާށޭ. (މިއީ) ވަރަށް ފައިދާހުރި މަސައްކަތް މިހާރު. ފެހުމާއި މި ކަހަލަ ކަންތައްތައްވެސް މި ކުރަނީ މުޅިންވެސް ބިދޭސީން. އެމީހުން މިކަމުގައި ވަރަށް ބޮޑު ފައިދާއެއް ނަގާ. ހަޑި މަސައްކަތެއް ގޮތަށް ނުބަލަންވީ. އަސްލު ހަގީގަތުގައި އަހަރެމެން އަމިއްލަ ފައި މައްޗަށް ތެދުވެ މިކަހަލަ މަސައްކަތެއް ދަސްކޮށް ފަންނީ މީހަކަށް ވާންވީ. ކޮންމެ މީހަކު ކޮންޕިއުޓަރ ދޮށުގައި މަސައްކަތް ކުރަން އިނަކަސް ގައުމެއް ކުރިއަކަށް ނުދާނެ.” އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދިވެހިން މި ފަދަ ފަންނީ މަސައްކަތްތައް ދަސްކޮށްް ބިދޭސީން މިކަހަލަ މަސައްކަތުން މަދު ވާނެ ދުވަހެއް ކަމަށެވެ.

[yass cats=108]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355