ހދ. އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު، އެންމެ ނިކަމެތި، ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް އެންމެ ފަޤީރު އަތޮޅުކަން ފާހަގަ ކޮށްލަން ޖެހެނީ ހިތާމަޔާއެކު އެވެ. އެހެން އަތޮޅު ތަކުގައި މަސައްކަތްކުރާ އުމުރުފުރައިގެ މީހެއް ބަލަހައްޓަންޖެހޭ މީހުންގެ އަދަދު 6 ގައި ހުރިއިރު، ހދ.އަތޮޅުގެ މަސައްކަތްކުރާ އުމުރުފުރައިގެ ކޮންމެ މީހަކު އިތުރު 9 މީހުން ބަލަންޖެހުމަކީ އަތޮޅުގެ ފަގީރުކަން އެނގިގެންދާ އެއްމިސާލެވެ. ހިޖުރަ ކުރުމުގެ ނިސްބަތް އަތްނުފޯރާފަށަށް ގޮސް ބައިބޯ ރަށްރަށް ފަޅުވުމާގާތަށް ގޮސްފައިވާއިރު، މިހުރިހާކަމެއް މިދަނީ ހދ. އަތޮޅުގެ ތަސައްވަރާމެދު ސުވާލު އުފައްދަމުންނެވެ.
މިހާރު އަތޮޅުގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ފަސްގަނޑު ދޫކޮށްނުދާން ތިބީ މާދަމާއަށް ކުރެވޭ އުންމީދެއްގެ ބޮޑުކަމުންނެވެ. އާއިލާއާ ދުރުގައި މަސައްކަތް ކުރަންޖެހުމަކީ އިޖްތިމާޢީ މައްސަލަަތައް ފެންމަތިވެ ގެވެށި އަނިޔާއަށް ހުޅުވިގެންދާ އިތުރު ދޮރެކެވެ. ޒުވާނުން މަސްތުވާތަކެއްޗާ ދިމާލަށް މިސްރާބުޖަހަން މެދުވެރިވާ އެއްސަބަބެވެ. އިސްވެ ފާހަގަ ކުރެވުނު ކަންކަމުގެ އަސްލު މައްސަލަ ގޮސް ހުއްޓެނީ އެއްދިމާލަކަށެވެ. އަތޮޅުގައި ތިބެގެން ވަޒީފާގެ ފުރުޞަތު ލިބެން ނެތުމާއި، އާމްދަނީ ހޯދޭނޭ އިތުރު އިޤްތިޞާދީ ދޮރުތަކެއް ހުޅުވިފައި ނެތުމަކީ ހިޖުރަކުރަން މަޖުބޫރުވާ ހުރިހާ މައްސަލަ ތަކުގެ އަސްލެވެ. ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ފަތުރު ވެރިކަމުގެ މައްޗަށް ކަމުގައި ވާއިރު، ދެވަނައަށް އެންމެ ގިނަ ދިވެހިން ވަޒީފާ އަދާކުރާ ދާއިރާއަށްވީކަމީ ފަތުރުވެރިކަންމުން ރާއްޖޭގެ ރައްޔިތުންނަށް ސިދާގޮތުންނާއި ނުސީދާގޮތުން ނަފާ ބެހިގެންދާ މިންވަރު ފާހަގަ ކޮށްލެވޭ އަލިގަދަ ހެއްކެކެވެ. ރާއްޖޭގޭ ތިންލައްކަ ރައްޔިތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު ހދ. އަތޮޅުގެ 25000 ވުރެ ގިނަ ރައްޔިތުން ބަރޯސާވާނޭ ރިސޯޓެއް މިއަތޮޅުގައި ހުޅުވިފައެއް ނެތެވެ.
ފަތުރުވެރިކަމަށް 40 އަހަރު ވީއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޗާޓުން ހދ. އަތޮޅު ފަނޑުވެފައިވާކަމީ އަތޮޅުގެ ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާ ކަމެކެވެ. ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިއަތޮޅުން މީހުން ދިރިއުޅޭ ރަށެއްގެ ބަޔަކާއި، 3 ފަޅުރަށް ވަނީ ކުއްޔަށްދީފައެވެ. މިރަށްރަށުގެ ތެރޭގައި 12 އަހަރު ވެފައިވާ ރަށްރަށް ހުރުމަކީ ކެއްތެރިކަން ކޮޅުންލީ އެއްސަބަބެވެ. މިދެންނެވި ތަންތަނުގައި އެއްވެސް މަސައްކަތެއް ކުރިއަށް ދިއުމުގެ ކުލަވަރެއްނުފެނި މިވަނީ މަޑުޖެހިފައެވެ. މިރަށްރަށް ނުހުޅުވި ލަސްވާ ކޮންމެ ދުވަހަކީ ރައްޔިތުން މާޔޫވެސް އަތޮޅު ފަޅުވުމާއި، ނިކަމެތިކަމާއި ކެއްތެރިކަން ކޮޅުންލާ ފުޅަށް ބުޑުގައި އޮންނަން ޖެހޭ ދުވަހެކެވެ. އަތިރި މަތީ ހުރި ހޮޅުއަށި ތަކުގަޔާއި، ފަންގެ ވިންނަން ތިބޭ އަންހެންވެރިންގެ އިތުރުން މަސްދޯނިފަހަރުގައި އަދި ދޭދޭ މީހަކު އަތޮޅާއި ބެހޭގޮތުން ވާހަކައެއް ދައްކާނަމަ ދައްކަނީ ފަތުރުވެރިކަމުން މަޙްރޫމް ވެފައިވާ ވާހަކައެވެ.
މިއީ، އަޅުގަނޑުމެންނަކީ މިވާހަކަތަށް އެންމެ ގާތުން އަޑުއަހައި ރައްޔިތުންގެ އާދޭހާއި އުދާސްތަށް އެންމެ ގާތުން ފެންނަމުންދާ ބަޔަކަށްވީ ހިނދު މިހާލަތާއި ނިކަމެތިކަމުން ސަލާމަތްވުމަށް ނޫސްވެރިންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އިޖްތިމާޢީ ޒިންމާ އަދާކުރުމުގެ ނިޔަތުގައި މިއަތޮޅަށް ނިސްބަތްވާ އޮންލައިން 8 ނޫހަކާއި، އަވަށްޓެރި ށ. އަތޮޅަށް ނިސްބަތްވާ އޮންލައިން ނޫހެއް އިސްނަގައިގެން ފަށާ ކެނޕޭނެކެވެ. މި އަތޮޅުގައި އިޤްތިސާދީގޮތުން ނަފާލިބޭނެ އެއްވެސް މަސްރޫޢު އެއް މިހާތަނަށް ފެށިފައިނުވާތީ މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ހޯދައިދީ ރައްޔިތުން ގެ އުދާސްތަކާއި އިޙްސާސްތަށް ގެނެސްދިނުމާއި ރައްޔިތުންގެ އަޑު، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރާވާފައިވާ ޙަރަކާތެކެވެ. މިއަދު މި ހަރަކާތް ފެށިގެން މިދަނީ މިއަތޮޅަށް ނިސްބަތްވާ ޒުވާން ނޫސްވެރިން ވަތަނީ ރޫހެއްގައި އެއްބައިވެ އެކަތިގަނޑެއްގެ ގޮތުގައި ކަން ފާހަގަ ކުރާހާލު މިހަރަކާތުގައި އަޅުގަނޑުމެންނަށް ސާބިތުކަން ދެއްވާ އަތޮޅު ރައްޔިތުންގެ ނިކަމެތިހާލުން މިންޖުވާނޭ ދުވަހެއް ދެއްކެވުން، އަޅުގަނޑުމެން އެދެނީ ހދ. އަތޮޅަށް އަދަށްވުރެ ފެހިމާދަމާއެއްލިބުން، ވަލްހަމްދުލިﷲ
މިކެންޕޭނުގައި އަޅުގަނޑުމެންނާއި ގުޅިފައިވަނީ
www.kulhudhuffushi.com
www.kulhudhuffushilive.com
www.b15.mv
www.uthuru.com
www.kurinbeelive.mv
www.touchwithkurinbee.com
www.neykurendhoonews.com
www.jaadi.net
www.kanditheem-online.com
އެޑިޓަރުގެ ނޯޓު
މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕޭނުގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިއަމުން ދާ ސިލްސިލާއެއްގެ ތެރެއިން އެއް ލިޔުމެވެ.