އުރީދޫ މޯލްޑިވްސްއާއި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރެވެމުންދާ އެސްޓީއޯގެ ހުރިހާ ފާމަސީތައް އުރީދޫ ނެޓްވޯކު މެދުވެރިކޮށް ގުޅުވާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގެ ދަށުން އުރީދޫގެ އިންޓަނެޓް ކަނެކްޝަން މެދުވެރިކޮށް އެސްޓީއޯގެ ހުރިހާ ފާމަސީތައް ގުޅުވާލެވިގެންދާނެ ކަމަށާއި މީގެ ސަބަބުން ފާމަސީތައް އާސަންދަ ސިސްޓަމާއި އެސްޓީއޯގެ ހެޑް އޮފީހާއި ގުޅި ރަށްރަށުން މައުލޫމާތު ބަދަލުކުރުމާއި ސިސްޓަމް އަޕްޑޭޓްސް އަދި އާސަންދަ ފަދަ ހިދުމަތްތައް ހުރިހާ ރަށްތަކުން ދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
“އަޅުގަނޑުމެންގެ ބާރަކީ އަޅުގަނޑުމެންގެ ނެޓްވޯކް. އަދި އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި އެންމެ ފަހުގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން. އެއީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޕެކޭޖުތަކާއި ކޯޕަރޭޓް ކުންފުނިތަކަށް ފޯރުކޮށްދޭ ހާއްސަ ސޮލިއުޝަންސް ކަމުގައި ވިޔަސް މިކަންތައްތަކަށް އުރީދޫއިން ބަލަން. މިއަދު، އަޅުގަނޑުމެން ފަހުރުވެރިވަން އެސްޓީއޯގެ ފާމަސީތަކުގައި ކަނެކްޓިވިޓީ ގާއިމު ކުރުމުގެ އަމާޒަށް ވާސިލުވެވުނީމާ. އަދި މިއެއްބަސްވުމުގެ ދަށުން، އެސްޓީއޯއަށް އެންމެ ފުރިހަމަ ސްޕީޑާއި، ކަނެކްޓިވިޓީ އަދި ކަވަރޭޖް މެދުވެރިކޮށް ފާމަސީތައް ގުޅުވާލާ އެންމެ ފުރިހަމަ ހިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ދެވޭނެކަމުގެ ޔަގީންކަންދެން” އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވި އެވެ.
އުރީދޫއިން މައުލޫމާތުދޭ ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ 196 ރަށެއްގައި ގާއިމުކުރެވޭ އެސްޓީއޯގެ ފާމަސީތަކަށް އުރީދޫގެ ކަނެކްޓިވިޓީ ފޯރުކޮށްދޭނެ ކަމަށާއި މިއީ އެސްޓީއޯއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ފާމަސީތައް ގާއިމް ކުރުމުގެ އިސްނެންގެވުމުގެ ދަށުން ކުރެވިގެންދާ މަސައްކަތެއް ކަމަށެވެ.
ކުރިޔަށް އޮތްތަނުގައިވެސް އުރީދޫއިން އެސްޓީއޯއާއިއެކު ވަރުގަދަ ކޯޕަރޭޓް ގުޅުމެއް ބަދަހިކޮށް ކަސްޓަމަރުނަށް އެންމެ ފުރިހަމަ ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އުރިދޫއިން ބުނެ އެވެ.