twitterviber whatsapp telegramfacebookyoutube instagram
26th April 2024

އައިއެސްގެ އަމަލުތައް ހުންނަނީ އިސްލާމްދީނާ އެއްގޮތައްބާ!

Dec 3, 2014

އިރާގުގެ ޝީއީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އަދި އިސްލާމީ ހިލާފަތެއް އިއުލާންކޮށްފައިވާ ޖަމާއަތެއްކަމުގައިވާ އައިއެސްއައިއެލް އިން ބުނާގޮތުގައި އެމީހުންނަކީ އިސްލާމްދީނުގެ ޝަރީއަތް ތަންފީޒުކުރާ މުސްލިމް ބައެކެވެ.

މި ޖަމާއަތުގެ ލީޑަރު އަދި އިސްލާމީ ހިލާފަތުގެ ހަލީފާއެއްގެ ގޮތުގައި އައްޔަން ކޮށްފައިވާ އަބޫބަކުރު އަލް-ބަޣްދާދީ ގޮވާލާފައިވަނީ އިސްލާމީ ހިލާފަތެއް ގާއިމުކުރުމަށްޓަކައި ހުރިހާ މުސްލިމުން އިރާގަށާއި ސީރިއާއަށް ހިޖުރަކުރުމަށެވެ. އެއީ މުސްލިމުންގެ މައްޗަށްވާ ވާޖިބެއް ކަމުގައިވެސް އޭނާ ގޮވާލާފަ އެވެ.

ނަމަވެސް މިއީ ތަބާވާންޖެހޭ ޖަމާއަތެއްބާވަ އެވެ. ނުވަތަ މިއީ އިސްލާމީ ހިލާފަތެއްބާވަ އެވެ. މި ޖަމާއަތުގެ އަމަލުތައް ހުންނަ ގޮތުން މިއީ ހިތުގައި އުފެދޭ ސުވާލުތަކެކެވެ.

ރާއްޖޭގެ އަންހެނުންވެސް މިޖަމާއަތާ ގުޅެމުންދާއިރު މިޖަމާއަތުގައި ހަރަކާތްތެރިވަމުންދިޔަ ސީރިޔާ އަންހެނެއް ވަނީ މިޖަމާއަތުގެ އަނިޔާވެރިކަން ފެނި ޖަމާއަތް ދޫކޮށް ފިލާފަ އެވެ. ހަދީޖާ ނަމަކަށް ކިޔާ މި މީހާ ބުނާގޮތުން އައިއެސްގެ ފިރިހެން ހަނގުރާމަވެރިން އެމީހުންގެ އަނބިންނާ ދޭތެރޭ ހަރުކަށިކޮށް އަމަލު ކުރާ ކަމަށާއި އެކަމުގެ ސަބަބުން ބައެއް އަންހެނުން ހޮސްޕިޓަލަށް ގެންދަން ޖެހިފައި އެބަހުރި ކަމަށެވެ. އަދި އައިއެސްގެ ހަގީގަތް އޭނާއަށް ފަހުމުވީ 16 އަހަރުގެ ކުއްޖެއްގެ ބޯ ބުރިކޮށްލި ހިސާބުން ކަމަށްވެސް ހަދީޖާ ބުނެފައިވެ އެވެ.

ހަދީޖާއަށް އައިއެސް ދޫކޮށް ފިލުމަށް އެންމެ ބޮޑަށް މަޖުބޫރު ކުރުވި ކަމަކީ އައިއެސްގެ ކޮމާންޑަރެއް އޭނާ ގަދަކަމުން މީހަކާ އިނުވަން މަސައްކަތް ކުރުމުން ކަމަށް ހަދީޖާ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

މިއީ އިސްލާމްދީނުގައި ކަންތައް އޮންނަގޮތްބާވަ އެވެ. އިސްލާމްދީނަކީ އަނިޔާވެރިކަމުގެ ދީނެއް ނޫނެވެ. އަހަރެމެންގެ ކީރިތި ރަސޫލާ މުހައްމަދުގެ ފާނު ވަނީ އަނބިންނަށް ހެޔޮކޮށް ހިތުމަށް ނަސޭހަތްތެރިވެ އަމަލުން އެކަން ދައްކުވައިދީފަ އެވެ.

އަދި މި ޖަމާއަތުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ އަދަދެއްގެ ފުލުހުން މަރާލާ ބޯ ބުރިކޮށްފައި މަގުމައްޗަށް ނެރެ އެ ވިޑީއޯ އާންމުކޮށް ނާމާންކަމެއް ފަތުރާފަ އެވެ. މި ހަށިގަނޑުތައް ފެނި އެ ސިޓީގައި ދިރިއުޅޭ އަދި އެމަގުތަކުން ހިނގާ ބިނގާވެ އުޅޭ އަންހެނުންނާއި ކުޑަ ކުދިންނަށް ހައިރާންކަން ގެނުވި އެވެ. މި ވީޑިއޯއިން ފެންނަ ގޮތުން މީހުންގެ ބޯ ބުރިކޮށްލުމަށްފަހު ބޯތައް ހުންނަނީ ފެންސެއްގެ މަތީ އަޅުވާފަ އެވެ.

އަދި މީގެ އިތުރުންވެސް ރަހީނުގެގޮތުން ހައްޔަރުކޮށްފައިވާ ނޫސްވެރިންގެ ބޯ ވެސް މީގެ ކުރިން އައިއެސް އިން ބުރިކޮށްފައިވެ އެވެ. މިއީ ވެސް އިސްލާމްދީން ގައި މިކަންކަން އޮންނަގޮތްބާވަ އެވެ. ރަސޫލާގެ ސިއަރަތު ބަލާލުމުން މަންޒަރު މުޅިން ތަފާތެވެ. ރަސޫލާގެ ޒަމާނުގައި ކުރެވުނު ހަނގުރާމަތަކުގައި އަސީރުންގެ ގޮތުގައި ހައްޔަރުކުރެވޭ މީހުންނާމެދުވެސް މިފަދަ އަނިޔާވެރިކޮށް އަމަލުކޮށްފައެއް ނުވެ އެވެ.

ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ މީގެ ކުރިން އައިއެސް އިން އަންހެނުން ރަޖަމްކޮށްފައިވެ އެވެ. މިއީ އިސްލާމްދީނުގައި މިކަން އޮންނަ ގޮތް ކަމުގައިވިއަސް އެއީ ވަކި ހާލަތްތަކެއް ކުރެވޭ ކަމެކެވެ. ރަޖަމްކުރެވޭނީ ކައިވެނިކޮށް ތިބެ ހިލޭ މީހުންނާއެކު ޒިނޭ ކުރާ ހަލާތްތަކުގައި އެކަންޏެވެ. އަދި ރަޖަމް ކުރެވެން ޖެހޭނީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. ނަމަވެސް މި ޖަމާއަތުން އިސްލާމްދީނާ އެގޮތަށް ކަންތައްކުރާ ކަމަށް ބުނެ ރަޖަމްކުރަނީ ހަމައެކަނި އަންހެނުންނެވެ.

މީގެ އިތުރުން މި ޖަމާއަތުން ތެލުގެ ވަގުވިޔަފާރި ކޮށްގެންނާއި ފައިސާ ދިނުމުން ރަހީނު ކޮށްފައި ތިބި މީހުން ދޫކޮށްލާނެ ކަމަށް ބުނެ ހޯދާ ފައިސާ އިންނާއި މީހުން ބްލެކްމެއިލް ކޮށްގެން އައިއެސް އިން މަހެއްގެ މައްޗަށް އެތައް މިލިން އެމެރިކާ ޑޮލަރެއްގެ ފައިސާ ހޯދަ އެވެ. މިއީ އިސްލާމްދީން ހުއްދަކުރާ ކަންކަންބާވަ އެވެ.

އައިއެސް އިން ކުރަނީ ޖިހާދެއް ކަމަށް ބުނެ އެ ޖިހާދުގައި ބައިވެރިވުމަށް ރާއްޖެއިންވެސް މައިންބަފައިންނަށާއި ފިރިން އަދި އަނބިންނަށް ފިލައިގެން މީހުން ގޮސްފައިވާއިރު އައިއެސް އިން ކުރާ ޖިހާދުގައި އެތަކެއް މުސްލިމުންގެ ދިރިއުޅުން ބަރުބާދުވެ ޝަހީދުވަމުންދާކަންވެސް ފާހަގަކޮށްލެވެ. މުސްލިމް ސަރުކާރަކާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ޖިހާދެއް ނޫނެވެ.

އައިއެސް ޖަމާއަތުގެ މީހުންނަކީ މޫނު ފޮރުވައިގެންތިބެ އިސްލާމްދީނުގެ ނަމުގައިތިބެ އެތަކެއް ގޯސް އަމަލުތަކެއް ހިންގަމުންގެންދާ ހައްދުފަހަނާ އަޅާފައިވާ ޖަމާއަތެކެވެ. ދިވެހިރާއްޖޭގައި އެމީހުންގެ ދިދައާއި ސަޕޯޓަރުން ގިނަވަމުންދާއިރު އެމީހުން ގޮތަށް މޫނު ފޮރުވައިގެން ޖަރީމާތައް ހިންގާ މީހުންވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

ހައްދުފަހަނައަޅާފައިވާ ޖަމާއަތަކަށް ތަބާވުމުގެ އެއްވެސް މާނައެއް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355