twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސަރުކާރުގެ ތެރެއިން ވަޒީފާ ނުދޭނަމަ، އެހެނިހެން ގޮތްތައް އަވަހަށް ހޯދައިދޭށެވެ.

Nov 25, 2014

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި ޓީވީއެމް ގުޅިގެން ގެނެސްދިން “ރިޔާސީ ބަހުސް” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ދެ އަހަރު ދުވަހުގެ ތެރޭގައި ބަޖެޓް ޑެފިސިޓް ނުވަތަ ބަޖެޓް ދަރަނި ސުމަކަށް ޖައްސާނެ ކަމަށެވެ. ޔާމީން ވިދާޅުވީ އެކަން ކުރާނީ ރާއްޖެ އަށް އަންނަ ފޮރިން އިންވެސްޓްމަންޓްތައް އިތުރުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ ފޮރިން އިންވެސްޓްމަންޓްގެ ގާނޫނަށް ގެންނަ ބަދަލުތަކެއްގެ ތެރެއިން ކަމަށެވެ.

“އިގުތިސާދު ހަމައަކަށް އެޅުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ އެގްރިގޭޓް ޑިމާންޑް ކޮންޓްރޯލްކުރުން. ބެލެންސަކަށް ގެނައުން. މީގެ އެންމެ މުހިއްމު ކަމެއް އަދާކޮށް ދެނީ ބަޖެޓުން. ދައުލަތުގެ ބަޖެޓް އަޅުގަނޑުމެންގެ ސަރުކާރެއްގެ ދެ އަހަރުގެ ތެރޭގައި ބަޖެޓް ޒީރޯކުރާނަން ނުވަތަ ޑެފިސިޓް ނައްތާލާނަން. އަދި އެއާއެކު ކުރިއަށް އޮތް ތިން އަހަރަކީ ބަޖެޓް ސާޕްލަސް ވެގެންދާނެ އަހަރު،” ޔާމީން ވިދާޅުވި އެވެ.

ނަމަވެސް އޭރު ބަޖެޓްގެ ދަރަނި ކުޑަކުރުމަށް ސަރުކާރަށް އެއް އަހަރު ދުވަސްވަންދެން މުވައްޒަފުން ނެގުން ހުއްޓާލާނެ ވާހަކައެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އޮޑިޓް އޮފީހުގެ ބަޖެޓާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ޖިހާދު ވިދާޅުވީ އަންނަ އަހަރަކީ ސަރުކާރުގެ ވަޒީފާތަކަށް އައު މުވައްޒަފުން ނުނަގާނެ އަހަރެއް ކަމަށެވެ.

ޖިހާދު ވިދާޅުވީ އަންނަ އަހަރު 5000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދުމަށް ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް ދައުލަތަކަށް ކެރިފޯރުންތެރިކަން ހުންނާނެ ވަރަށް ނޫން ކަމަށްވެސް ޖިހާދު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓްގެ ޖުމްލަ ދަރަނި 16 ބިލިއަން ރުފިޔާ އަށް މިހާރު ވެސް އަރާފައިވާ ކަމަށާއި އެހެންވެ ހަރަދު ކުޑަކުރުމަށް ހުރިހާ މުއައްސަސާއަކުން ވެސް ވިސްނަންޖެހޭ ކަމަށް ޖިހާދު ވިދާޅުވި އެވެ.

މުއައްސަސާތަކުން ހަރަދު ކުޑަކުރުމަށް ވިސްނަންޖެހޭ ކަމަށް ޖިހާދު ބުނެފައިވާއިރު އެއް އަހަރު ފުރިފައިވާ ސަރުކާރުގެ ފުރަތަމަ 6 މަހު ފެނިގެންދިޔައީ ސަރުކާރުގެ މުއައްސަސާތަކަށް އިންތިހާއަށް ނައިބު މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުކަމާއި ކޯޑިނޭޓަރުކަމާއި އެހެންވެސް ސިޔާސީ މަގާމުތައް ބަހަމުންދިޔަ ތަނެވެ.

މިއަހަރު އެކަނިވެސް 7202 ދަރިވަރުން އޯލެވެލް ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު ސަރުކާރުން އެއް އަހަރުވާދެން ވަޒީފާނުދީ ހިފެހެއްޓުމަކީ އެތައް ޒުވާނުންނަށް އޭގެ އަސަރުކުރާނެ ކަމެއްކަން ޔަގީނެވެ.

ޓޫރިޒަމް ދާއިރާއިން 94 ހާސް ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް ހުރިހާ ކުދިންނަކީ އެ ދާއިރާއަށް ޝައުގުވެރިވާނެ ކުދިންނެއް ނޫނެވެ. ސަރުކާރު ތެރެއިންނާއި ބޭރުންވެސް ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭންޖެހެ އެވެ.

94000 ވަޒީފާ އުފައްދާނީ ޓޫރިޒަމް ދާއިރާއިން ކަމަށާއި އެދާއިރާއިން އަހަރަކު 10 ރިޒޯޓް އޮޕަރޭޝަނަލް ކެޕޭސިޓީގައި ހުޅުއްވައިދެއްވާނެ ކަމަށްވެސް ޔާމީން ކުރިން ވިދާޅުވެފައިވެ އެވެ. ދާދި ފަހުން ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި 5 ރަށުން 6000 ވަޒީފާ އުފެދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް 60 އަށްވުރެ ގިނަ ރަށް ތަރައްގީ ކުރުމަށް ދޫކޮށް، ނުހެދިފައި ވާއިރު، ފަހުން އިއުލާނު ކުރި 5 ރަށް ތަރައްގީވެ 6000 ވަޒީފާ އުފެދޭނީ ކޮން ދުވަހަކުންކަމެއް ހިތައް ގެންނަންވެސް ނޭނގެއެވެ.

ރާއްޖޭގައި 2015 ވަނަ އަހަރަކީ “އެމްޕްލޮއިމެންޓް ފްރީޒް” އަހަރެއް ކަމަށް ކަނޑައަޅާފައިވާއިރު އެމެރިކާގައި ވަޒީފާ ނެތް މީހުންނަށް ވަޒީފާ ހޯއްދަވައި ދެއްވުމަށްޓަކައި އެ ގައުމުގައި ވަޒީފާތައް އިތުރުކުރުމަށް ރައީސް ބަރަކް އޮބާމާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ވިޔަފާރިތަކުން ނެގޭ ކޯޕަރޭޓް ޓެކްސްގެ މިންވަރު ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.

އެއް އަހަރަށް ސަރުކާރަށް މުވައްޒަފުން ނެގުން ހުއްޓާލުމަށް ކަނޑައަޅާފައިވާއިރު ސަރުކާރުގެ ހާއްސަ މަޝްރޫއެއް ކަމަށްވާ ސްޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް)ގައި ވަޒީފާ އަދާ ކުރާ މީހުންގެ 90 ޕަސެންޓަކީ ދިވެހިންނަށް ވާންޖެހޭނެ ކަމަށް އެސްއީޒެޑް ބިލުގައި ލާޒިމްކޮށްފައިވެ އެވެ. އެހެންކަމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ ވަޒީފާ ނެތް އެކަކު ވެސް ނުހުންނާނެ ކަމަށް އުއްމީދުކުރެވެ އެވެ.

ސަރުކާރަކުން ގައުމުގެ ހުރިހާ މީހުންނަށް ވަޒީފާ ދިނުމަކީ ވާނެކަމެއް ނޫންކަން ގަބޫލު ކުރަމެވެ. ސަރުކާރުގެ ބަޖެޓަށް އެއިން އަންނާނެ ބުރަވެސް އެނގެއެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ވަޒީފާ ލިބެން ނެތްނަމަ، އެހެން ގޮތްގޮތުން ވަޒީފާތައް އުފެއްދުމަށް ފޮރިން އިންވެސްޓްމަންޓްތައް ގެނައުން މިހާރަށް ވުރެ ބާރު ސްޕީޑެއްގައި އެބަ ގެންދަންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355