ިމިދުނިޔެއަކީ މިފަދައިން ލައްވާފައިވާ ހަމައެކަނި ދުނިޔެ ހެއްޔެވެ؟ އިންސާނުން ދިރިއުޅެވޭނެ ފަދަ ވެއްޓެއް ލައްވާފައިވަނީ ހަމައެކަނި މިދުނިޔޭގައި ހެއްޔެވެ؟ ނޫނީ މިދުނިޔެއިން ބޭރުގައިވެސް އިންސާނުންފަދަ މަހުލޫގުންނަށް ދިރިއުޅެވޭނެ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދަން ސައިންސްވެރިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ މި ދުނިޔެއަކީ އިންސާނުން ދިރިއުޅެން އެކަށޭނަ ތަނަކަށް ނުވެއްޖެ ހާލަތެއްގައި އެހެން ގޮތެއް އޮންނަން ޖެހޭނެތީ އެވެ.
މިހާރު މިވަނީ ސައިންސްވެރިން އެތައް އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ފޮނި މޭވާ ލިބެން ފަށާފަ އެވެ. ދުނިޔެ ފަދަ އެހެން ދުނިޔެއެއް އިރާ މާދުރުނޫން ތަރިއެއްގެ ވަށައިގެން ދައުރުވަމުންދަނިކޮށް ސައިންސްވެރިން މިހާރު ވަނީ ހޯދާފަ އެވެ. މިދުނިޔޭގައި ދިރޭތަކެތި ލައްވާފައިވާނެ ކަމަށްވެސް އެބޭފުޅުން ގަބޫލުކުރެ އެވެ.
ކެޕްލާރ 186އެފް ނަމަކަށް ކިޔާ މި ދުނިޔެ ދައުރުވަނީ ‘އަހަރެމެންގެ’ އިރުގެ ވަށައިގެން ނޫން ކަމުގައިވިޔަސް އެދުނިޔެ ވަނީ މި މަޑިކިލަނބުގެ ތެރޭގައި އެވެ. އަދި އިންސާނުން ދިރިއުޅެން އެންމެ އެކަށީގެންވާ ވެއްޓެއް އެދުނިޔޭގައިވެ އެވެ. ބޮޑުމިން ދުނިޔެއާ އެއްވަރު ކެޕްލާރގެ ފިނިހޫނުމިނާއި ޖައްވީ އޮބުން ނުވަތަ ‘އެޓްމޮސްފިޔަރިކް ޕްރެޝަރ’ ވެސް އެކަށީގެންވެ އެވެ. އެއީ ފެން ދިޔާކޮށް ހުރުމަށް ބޭނުންވާ ފިނިހޫނުމިނެވެ.
ދުނިޔެއާ އެއްބޮޑު މިނެއްގެ ދުނިޔެތައް މީގެ ކުރިންވެސް ހޯދިފައިވެ އެވެ. އަހަރެމެންގެ މަޑިކިލަނބު ‘މިލްކީވޭ’ގައި އެފަދަ 40 ބިލިޔަން ދުނިޔެވާއިރު ހުރިހާ ގޮތަކުން ދުނިޔެއާ އެއްފަދަ ދުނިޔެއެއް ހޯދުމަކީ ހިކިހުއިތަކެއްގެ ތެރެއިން ތިނޯހެއް ހޯދުން ފަދަ ކަމެކެވެ. އެހެންކަމުން ނާސާގެ މިހޯދުމަކީ ނުޖޫމީ އިލްމަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ.
އެހެން ނަމަވެސް އިރާ އަޅާ ބަލާއިރު ކެޕްލާރ އޭގެ ވަށައިގެން ދައުރުވަމުންދާ ތަރިއަކީ އިރަށްވުރެ ތިންބައިކުޅަ އެއްބައި ބަރުދަނުގެ ތަރި އެކެވެ. ނަތީއްޖާއެއްގެ ގޮތުން ކެޕްލާރއަށް ލިބޭނީ ދުނިޔެއަށް ލިބޭ މިންވަރުގެ ތިންބައިކުޅަ އެއްބައި ހަކަތަ އެވެ. އަދި ހަމައެއާއެކު ކެޕްލާރގެ އަހަރެއްވާނީ 130 ދުވަހަށެވެ. އެއީ ގާތްގަނޑަކަށް އަހަރެމެންގެ އަހަރެއްގެ ތިންބައިކުޅަ އެއްބައި ދުވަހެވެ.