twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަންމާއެވެ! އަހަންނަށް މާފުކުރާށެވެ.

Mar 14, 2015

“ދަރިފުޅާ!” ގޮވާލާ އަޑު އިވުނެވެ. “ދަރިފުޅާ!” އަނެއްކާވެސް އެއަށްވުރެ ބާރަށެވެ. ނަމަވެސް ޖަވާބެއް ނުދިނެވެ. އަހަރެން އަބަދު ވަދެ ނިކުމެވާ ގެއެކެވެ. ‘ދަރިފުޅަކީ’ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިޔެކެވެ. އަހަރެމެން ތިބީ ސިޓިންގ ރޫމުގައި ފިލްމެއް ބަލާށެވެ. މިއީ ރަހުމަތްތެރިޔާގެ އާދަ އެވެ. މަންމަ ގޮވާ ގޮވާ ވަރުބަލިވާއިރު މަންމަގެ ގާތަށް ނުދާތާ އިޖާބަވެސް ނުދޭނެ އެވެ.

މިއީ ހަމައެކަނި އަހަރެންގެ ރަހުމަތްތެރިޔާގެ ވާހަކައެއް ނޫނެވެ. މިއީ ގިނަ ފަހަރަށް އަހަރެމެން އެންމެންގެ ވެސް އަމަލުތައް ހުންނަ ގޮތެވެ. މަންމަގެ ގޮވުންތަކަށް ދެނީ ބީރު ކަންފަތެކެވެ. މަންމަގެ އާދޭސްތަކަށް މާބޮޑު ފަރުވާލެއް ނުބެހެއްޓެ އެވެ.

ހިތާމަހުރި ކަމެކެވެ. އެމަންމަ އަހަރެމެން ނުވަ މަހާއި ނުވަ ދުވަހު ރަހިމުގެ ތެރޭގައި ރައްކާތެރިކޮށް ބަލަހައްޓަ އެވެ. އެތައް ބުރައަކާއި ވޭނާއި ކެކުޅުން ތަހައްމަލު ކުރުމަށްފަހު މިދުނިޔެއަށް އުފަން ކުރެ އެވެ. އަހަރެމެންގެ އެއްވެސް ބާރަކާއި އިޚްތިޔާރެއް ނެތް ދުވަހު އަހަރެންގެ ބޭނުންތައް ފުއްދައިދެ އެވެ. ދުވާލުދާ ހަތަރުދަމު އަހަރެންގެ ކަންތައްތަކުގައި އެއްވެސް ވަރުބަލި ކަމެއް ނެތި އަވަދިނެތި އުޅެ އެވެ. ރޭގަނޑުގެ ނިދި އަހަރެމެންނަށްޓަކައި ގުރުބާންކުރެ އެވެ. ކާންދެ އެވެ. ބޯންދެ އެވެ. ފެންވަރުވާދެ އެވެ. އަހަރެމެންގެ އަންނައުނު ދޮވެދީ އިސްތިރިކޮށްދެ އެވެ. އަހަރެމެންގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި ބައިވެރިވެ އެވެ. އެއްވެސް ބަދަލަކާ ނުލާ ލޯބިދެ އެވެ. އަހަރެމެންނަށްޓަކައި މަންމަ ނުވަނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟ ރެއާއި ދުވާލު އަހަރެމެންގެ ހިދުމަތުގައި ހުންނަނީ އެއްވެސް ޝަކުވާއެއް އިއުތިރާޒެއް ނެތި އެވެ. ހުސްދުވަހެއް ޗުއްޓީއެއް ނުނަގަ އެވެ.

އަހަރެމެންގެ މުޅި އުމުރު މަންމައަށް ހިދުމަތް ކުރުމުގައި ވޭތިކުރިޔަސް މަންމަ އެކޮށްދިން ކަންތައްތަކުގެ އަގު އަދާ ނުކުރެވޭނެކަން ޔަގީނެވެ. އެހެންނަމަވެސް މިމުޖުތަމައުގައި އަހަރެމެންނަށް މަންމައާ މެދު ކަންތައްތައް ކުރެވެނީ ކޮންފަދައަކުން ހެއްޔެވެ؟ މައިންބަފައިންގެ ގައިބާރު ދެރަވެ މުސްކުޅިވާދުވަހު އެމީހުންނަށް އޯގާތެރިވެ އަޅައެއް ނުލަ އެވެ. އާއިލާ ތެރޭގައި މަންމަ އާއި ބައްޕަ ބެލުމަށް އެކަކު އަނެއްކަކަށް ތިބެނީ ޖައްސަ ޖައްސަ އެވެ. މަންމަ ކަމަކު ބުނެފިނަމަ އެކަމެއް ކޮށެއް ނުދެ އެވެ. އެކަމެއް ކޮށްދިންނަމަވެސް ތިބެނީ ކުދި ކިޔަކިޔަ އެވެ. ތިމާ ބޭނުންނޫން ގޮތަކަށް މަންމަ ކަންތައްކޮށްފިނަމަ ރުޅިއައިސްގެން އެތިވަރުގޮވާ މަންމަ ހިތުގައި ޖައްސާ ރޯވަރުކުރެ އެވެ.

ސުވަރުގެ ލިބެން އަންނަނީ މަންމަގެ ފައިތިލަ ދަށުން ކަމެއް އަހަރެމެންނަށް ނޭގެނީ ހެއްޔެވެ؟ މަންމަގެ މާފު ނުލިބި އެއްވެސް މީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެކަން ދެނެހުރީމު ހެއްޔެވެ؟ މަންމަގެ ހިތުގައި ޖައްސާ ރޮއްވުމަށްފަހު ސުވަރުގެ ލިބޭނެ ކަމަށް އުންމީދު ނުކުރާށެވެ. މައިންބަފައިންނާއި ދެކޮޅަށް އުއްފުގެ މިންވަރުވެސް ނުބުނާށެވެ.

“އަދި ހަމަކަށަވަރުން ﷲފިޔަވައި އެހެން ފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި އަދި މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރައްބު ޢަމުރުކުރެއްވިއެވެ. ފަހެ އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން މުސްކުޅި ޢުމުރަށް އަޅައިފިނަމަ އެދެމީހުންނަށް އުއްފުގެ މިންވަރުވެސް ނުބުނާހުށިކަމެވެ. އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ. އެދެމީހުންނަށް ރިވެތި މަޑުމޮޅި ބަސްތަކުން ވާހަކަދައްކާ ހަދާށެވެ.” {سورة الإسراء:23}

ވިސްނާލާށެވެ. އުފަންވީއްސުރެ މިއަދާ ހަމައަށް މަންމަ ހިތްހަމަ ނުޖެހޭ ކިތައް ކަންތައް ކުރެވިފައި ހުންނާނެ ހެއްޔެވެ؟ މަންމަގެ ހިތުގައި ޖެހޭ ކަންތައްތަކެވެ. މަންމަ ނުރުހޭ ކަންތައްތަކެވެ. އެނގިގެންނާއި ނޭގުމުގެ ތެރޭގައި އެވެ. ވަގުތު ފާއިތުވެމުގެ ކުރިން މަންމަގެ ރުހުން ހޯދާށެވެ. މަންމަގެ އަގު ވަޒަންކުރާށެވެ. މަންމައަށް ކިޔަމަންތެރިވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355