twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޒަމްޒަމް ފެނުގައިވާ އަޖައިބު ކުރުވަނިވި ސިއްރުތައް

Mar 22, 2015

ޒަމްޒަމް ފެނުގައިވާ ކަރާމާތްތެރިކަމުގެ ވާހަކަ ހައްޖަށް ނުވަތަ އުމްރާއަށް ގޮސްފައި އަންނަ މީހުންގެ ދޫތަކުން އަހަރެމެން އަޑުއަހަމެވެ. އެފެނުގެ މަތިވެރި ކަމާއި އެފެން ބުއިމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ވާހަކަ އެވެ. އިސްލާމުންނަށްވެ ހުރެ މިފެނުގެ އާދަޔާހިލާފު ސިފަތަކުގެ ވާހަކަ އަހަރެމެންނަށް އެނގުން މުހިންމެވެ. ވީމާ ޒަމްޒަމް ފެނުގެ ސަބަބުން ޖަޕާނުގެ ސައިންޓިސްޓެއް ކަމަށްވާ މަސަރޫ އެމޯޓޯއަށް ކުރެވުނު އާދަޔާ ހިލާފު ތަޖުރިބާގެ ވާހަކަ މިތާގައި ނަކަލުކޮށްލާނަމަވެ.

މަސަރޫ ބުނެފައިވާގޮތުން ފޮތަކުން އޭނާއަށް އެނގުނު ގޮތުގައި ދުނިޔެ މައްޗަށް ފައިބާ ކޮންމެ ‘ސްނޯފްލޭކް’ އެއް ނުވަތަ ގަނޑުފެނުގެ އެތިކޮޅެއްވަނީ ތަފާތު ބައްޓަމަކަށެވެ. ސައިންސްވެރިއަކަށްވުމާއެކު އޭނާގެ ސިކުނޑިއަށް މިކަން ގަބޫލުކުރަން ދަތިވި އެވެ. ފެން އުފެދިފައިވަނީ ‘އޮކްސިޖަން އެޓޮމް’އަކާއި ދެ ‘ހައިޑްރޮޖަން އެޓޮމް’ ގުޅިގެންނެވެ. ވީއިރު އުޑުން ފައިބާ ގަނޑުފެންކޮޅުތަކެއް ތަފާތު ބައްޓަންތަކަކަށް ހުންނަންވީ ކީއްވެހެއްޔެވެ؟ މިއީ އޭނާގެ ހިތުގައި އުފެދުނު ސުވާލެކެވެ. އޭނާ ބޭނުންވީ މިއީ ދޮގެއްކަން ސާބިތުކޮށްދޭށެވެ.

އެއްވެސް ބާވަތެއްގެ ދިޔާއެއްޗެއް ކުއްލިއަކަށް ގަނޑުކޮށްލުމުން ވަކި ބައްޓަމެއް ނުއުފެދޭނެކަން އޭނާއަށް އެނގެ އެވެ. އަސްލު ބައްޓަމަށް އުފެދުމަށް ފެން ގަނޑުވާން ޖެހޭނީ ވަރަށް ލަސްލަހުންނެވެ. އެހެންކަމުން އޭނާ މިކަމަށް ހާއްސަކޮށްހެދި ލެބޯޓަރީގައި ފެން ގަނޑުކުރާނެ އާލާތްތަކުގެ އިތުރުން ފިނި ހޫނުމިން -7 ޑިގުރީގައި ބެހެއްޓޭނެ އިންތިޒާމުވެސް ހަމަޖެއްސި އެވެ. އަދި މީގެ އިތުރުން ސްނޯފްލޭކް އުފެދޭގޮތް ބެލުމަށް ކެމެރާ ހަރުކޮށްފައިވާ މައިކްރޮސްކޯޕް ހަރުކުރި އެވެ.

އޭނާ ދިރާސާކުރަން ފެށީ ލެބޯޓަރީގައި ބެހެއްޓިފައިވާ ދެ އިސްކުރަކުން ފެން ނެގުމަށްފަހު އެވެ. އެ ދިރާސާގެ ނަތީޖާ ފެނި އަޖައިބުވެ އަންތަރީސްވި ކަމަށް އޭނާ އެއްބަސްވި އެވެ. މަސަރޫ ބުނާގޮތުން އެދެ އިސްކުރުގެ ފެން ވަކިވަކިން ގަނޑުކުރުމުން އުފެދުނީ ތަފާތު ދެ ބައްޓަމަކަށްވާ ދެ ގަނޑުފެންކޮޅެވެ. އެދެއިސްކުރުން ފެން އަންނަނީ ތަފާތު ދެ ކޯރެއްގެ ދެ ވަޅަކުންނެވެ.

ދެން އޭނާއާއި ދިމާވީ ޖަޕާނުގެ ޓޯކިއޯ ޔުނިވާސިޓީއެއްގައި ތައުލީމު ހާސިލްކުރަމުންދާ ސައުދީ އަރަބިއާގެ ދަރިވަރެކެވެ. މަސަރޫ އެކުއްޖާއަށް އޭނާއަށް ދިމާވި އާދަޔާ ހިލާފު ކަންތައްތަކުގެ ވާހަކަ ކިޔައިދިނުމުން ޒަމްޒަމް ފެނުގެ ވާހަކަ އެކުއްޖާ ކިޔައިދިނެވެ. ޒަމްޒަމް ފެނަކީ ސިހުރާއި ޖިންނި ޝައިތޯނުންގެ އަސަރު ނުފޯރާވާ ފެނެއް ކަމަށް އޭނާ ބުންޏެވެ. އަދި ޒަމްޒަމް ފެން ފޮދެއް އޭނާ ދިރާސާކުރުމަށް ދިނެވެ.

މަސަރޫ ދިރާސާކުރުމަށް ޒަމްޒަމްވަޅުކޮޅުގެ އެފެން ފޮދު ގަނޑުކުރަން މަސައްކަތްކޮށް ނާކާމިޔާބުވުމުން އެފެނުގެ 1 ކިއުބިކް ސެންޓިމީޓަރގެ ތެރެއަށް އާދައިގެ ފެން އަޅާ 1 ލީޓަރު ފެން ހަމަކޮށްލި އެވެ. (1 ލީޓަރަކީ 1000 ކިއުބިކް ސެންޓިމީޓަރެވެ.) އެފެން ގަނޑުކުރުމުން އޭނާއަށް ފެނުނީ އާދަޔާ ހިލާފު ބައްޓަމަކަށް އުފެދިފައިވާ ދެ ގަނޑުފެންކޮޅެވެ.

އެއް ގަނޑު ފެންކޮޅުގެ މަތީގައިވާ އަނެއް ގަނޑު ފެންކޮޅު ފެނުމުން އެއީ ކީއްވެތޯ އޭނާގެ މުސްލިމު އެކުވެރިއެއް ގާތު އެހުމުން ބުނީ އެއީ ޒަމްޒަމް އުފެދިފައިވަނީ ދެބަހަކުން (‘ޒަމް’ އަދި ‘ޒަމް’) ކަމަށްވާތީ އެވެ. އަދި އެރަހުމަތްތެރިޔާ ޒަމްޒަމް ފެނުގެ ކައިރީގައި ޤުރުއާނުގެ ކިޔެވުމަށް އެދުނެވެ. އަދި ރިކޯޑަރެއް ގެނެސް ލެބްތެރޭގައި ޤުރުއާނުގެ އާޔަތްތައް ޖެހުމުން އުފެދުނީ ވަރަށް ރީތި ބައްޓަންތަކަކަށް ހުރި ގަނޑުފެންކޮޅު ތަކެކެވެ. އަދި އޭގެ ފަހުން މާތް ﷲގެ 99 އިސްމުފުޅު އަޑު އިއްވުމުން ދެން އުފެދުނީ ކޮންމެ އިސްމުފުޅަކަށް ތަފާތު ބައްޓަމަކަށްވާ ގަނޑުފެންކޮޅެކެވެ.

މިއީ މަސަރޫ އެމޯޓޯގެ ދރާސާ ތަކުގެ ފެށުމެވެ. އޭނާގެ 15 އަހަރުގެ ދިރާސާހެ ތެރޭގައި ޒަމްޒަމް ފެނުގެ ކަރާމާތްތެރިކަންތައްތައް ހޯދިފައިވެ އެވެ. އޭގެ ތެރޭގައި އެފެނުގެ ތިއްކެއް އާދައިގެ ފެނުގެ އެއްހާސް ތިކީގެ ތެރެއަށް އެޅިނަމަވެސް އެފެން ޒަމްޒަމް ފެނުގެ ފެންވަރަށް ބަދަލު ނައުމާއި ޒަމްޒަމް ފެނުގެ ތިއްކެއްގައިވާ ބާރު ދުނިޔޭގެ އެހެން އެއްވެސް ތަނެއްގެ ފެނުގައި ނުހުރުން ހިމެނެ އެވެ. އަދި އެފެން ކިތަންމެ ފަހަރަކު ބޭނުންކުރިޔަސް އޭގެ ފެންވަރަށް އެއްވެސް ބަދަލެއް ނައުމަކީވެސް ﷲގެ ކުޅަދުންވަންތަ ކަމުގެ ހެއްކެކެވެ.

ބިސްމިނުގެ ބަރަކާތުން ފެންބޯން ފަށައިފި ނަމަ އެފެނުގެ ފެންވަރަށް ތަފާތު ބަދަލެއް އަންނަ ކަމަށްވެސް މަސަރޫގެ ދިރާސާތަކާ ބެހޭގޮތުން ލިޔެ ޝާއިއު ކޮށްފައިވާ ފޮތުގައި ވެ އެވެ. މީގެ އިތުރުން ޤުރުއާން ކިޔެވުމުން ފެނުގައި ބަލިތަކަށް ސިފާ ދިނުމުގެ ބާރު ލައްވާ ކަމަށްވެސް އެފޮތުގައި ލިޔެފައިވެ އެވެ.

ފެން ހުންނަނީ ޒަމްޒަމް ވަޅުކޮޅުގެ 10.6 ފޫޓު އަޑީގަ އެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއްނެތި އެވަޅުން 8000 ލީޓަރު ފެން ކޮންމެ ސިކުންތެއްގެ ތެރޭގައި ޕަންޕު ކުރަމުންދިޔަތަނާ ފެން ހުރި މިންވަރު 44 ފޫޓަށް ވުރެ އަޑިއަށް ދިޔަ އެވެ. ޕަންޕު ކުރުން ހުއްޓުމުގެ 11 މިނެޓުގެ ތެރޭގައި ފެން ހުންނަ މިންވަރު 13 ފޫޓަށް އަނެއްކާވެސް އުފުލުނެވެ. މިކަމުގައިވާ ކަރާމާތްތެރިކަމަކީ އެމީހުން 24 ގަޑިއިރު ތެރޭގައި 690 މިލިއަން ލިޓަރުގެ ފެން ޕަންޕު ކުރިއިރު ފެން ހުރި މިންވަރު އިއާދަވާން ނެގީ އެންމެ 11 މިނެޓެވެ. މީގެން ދޭހަވަނީ ﷲގެ ކުޅަދުންވަންތަކަމާއި އިސްރާފުކުރުމުގެ ނުބައި ކަމެވެ.

“ފެނަކީ އޭގެ އަމިއްލަ ޒާތުގައި ވިސްނުމާއި އިހްސާސްކުރުމާއި އެއިހްސާސްތައް ފާޅުކުރުމުގެ ބާރު ލިބިފައިވާ އެއްޗެއް” މެސެޖް އޮފް ވޯޓަރ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355