twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފުރިހަމަ ސިއްހަތު

Apr 7, 2015

މިއަދު ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަމުންދާއިރު ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަވެއެވެ. ހަމަ ޔަޤީނުންވެސް ފުރިހަމަ ސިއްހަތަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. ނަމަވެސް ގިނަ މީހުން މި ވަނީ މި ނިޢުމަތާ މެދު ޣާފިލުވެފަ އެވެ. އަޅާ ނުލައި ދޫކޮށްލެވިފަ އެވެ. އެ ނިޢުމަތަށް ޝުކުރުވެރިވުން ގިނަ ކޮށް އެކަމަށް އިތުރަށް ފަރުވާތެރިވާން އެބަ ޖެހެއެވެ.

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގެ މާނާގައި ވެއެވެ. “މީސްތަކުން އެ ނިޢުމަތަކާމެދު ޣާފިލުވެފައިވާ ދެ ނިޢުމަތެއްވެ އެވެ. އެއީ ސިއްހަތާއި ހުސްވަގުތެވެ.” (ސަހީހް ބުޚާރީ). އަޅުގަނޑުމެންނަށް ސިއްހަތުގެ އަގު ވަޒަން ކުރެވެނީ ބަލިމަޑުކަމެއް ޖެހުނީމަ އެވެ. ނިކަން ވިސްނަވާ ބައްލަވާށެވެ. ކިޑްނީ ފެއިލް ވެގެން ނުވަތަ ކެންސަރު ޖެހިގެން، ނުވަތަ އެއިޑްސް ޖެހިގެން އުޅޭ މީހެއްގެ ހާލާމެދު ވިސްނަވާށެވެ. ކިޑްނީއެއް ނުލިބިގެން ނުވަތަ ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން ފަންޑް ހުޅުވާ ނުވަތަ ގެދޮރާއި ފައިސާ ހުރި މީހުން އެމީހެއްގެ ބޯން މެރޯއާއި ދިމާވާނެ ކިޑްނީ ޑޯނަރެއް ނުލިބިގެން އުޅެނީ ކިތައް ކިތައް މީހުންތޯއެވެ.

އަޅުގަނޑުމެންގެ ގާތުގައި މީހަކު 15 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެވެސް ގިނަ ފައިސާ ދީފައި ތިބާގެ ލޯ ތިމަންނައަށް ވިއްކާށޭ ބުނެފިނަމަ އަޅުގަނޑުމެންގެ ތެރެއިން ލޯ ވިއްކާލާނެ މީހެއް އުޅޭނެތޯ އެވެ؟ ނަމަވެސް އަޅުގަނޑުމެންނަށް މި ފުރިހަމަ ނިޢުމަތުގެ ބޭނުން ކުރެވޭ ގޮތާމެދު ވިސްނާލުން ވަރަށް މުހިއްމެވެ. މިސާލަކަށް ﷲ ތިބާގެ ލޮލުން ކުރުން ހަރާމް ކަމެއްކަން އަންގަވާފައިވާ ކަމެއް ކޮށްފިނަމަ އެ ލޮލުގެ ފެނުން ގެންދަވާނެ ކަމަށް އަންގަވާފިނަމަ ތިބާގެ ލޯ ބޭނުން ކޮށްގެން ކުރާ ފާފަތައް ކުރާނަންތޯ ތިމާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލުން ބުއްދިވެރިވާނެ އެވެ.

އަޅުގަނޑުމެން ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ކުރަން ޖެހޭ މުހިއްމު ކަންތައްތައް ވަރަށް ގިނަ އެވެ. ކަސްރަތުކޮށް ރަނގަޅު ނިދުމުގެ އާދަތަކެއް ގެންގުޅެން ޖެހެއެވެ. ކެއުމާއި ބުއިމުގެ އާދަތައް ރަނގަޅަށް ނުވަތަ ބެލެންސްޑް ޑަޔަޓެއް ގެންގުޅުން ވަރަށް މުހިއްމެވެ. ސާފުތާހިރުވެ ހުރުމާއި މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ނުރަނގަޅު އާދަތަކުން އެއްކިބާވާން ޖެހެއެވެ. މީގެ އިތުރުން ﷲ ކުރުމަށް އަންގަވާފައިވާ ކަންތައްތައް ބަރާބަރަށް އަދާކުރުން ހިމެނެއެވެ. އެގޮތުން ނަމާދާއި ރޯދަފަދަ އަޅުކަންތައްތަކަކީ އެކަމުން ސިއްހަތަށް އޭގެ ބޮޑެތި ފައިދާތަކެއް ލިބޭ ކަންކަމެވެ.

ވިސްނާލަން ޖެހޭ ކަމަކީ ބަލިތައް ޖެހޭނީ މުސްކުޅިވީމައި ނޫންކަމެވެ. މިއަދު ޒުވާން އުމުރުގައި ހަކުރު ބަލި ޖެހިގެން ނުވަތަ ލޭ މައްޗަށް ގޮސްގެން އުޅޭ މީހުން މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކްސިޑެންޓްތަކުގައި އަނިޔާވެގެން މަރުވަނީވެސް ކިތައް މީހުންތޯއެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް މިއަދުން ފެށިގެން އާ އަޒުމަކާއެކު ފުރިހަމަ ސިއްހަތެއްގައި ދެމިތިބުމަށް އަޒުމު ކަނޑައަޅަމާތޯ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355