twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިބިލީހާއެކު އިންޓަވިއުއެއް – އެއްވަނަ ބައި

Apr 10, 2015

އަޅުގަނޑުގެ މި ލިއުމަކީ ޝައިތާނާއާ އޭނާގެ ދަންތުރަތަކާ ބެހޭގޮތުން އަޅުގަނޑުމެން ދެނެގަތުން މުހިއްމު ބައެއް މައުލޫމާތުތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރު ކޮށްފައިވާ ލިއުމެކެވެ. އަދި މި ލިޔުމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އިބިލީހާއި ދެމެދު ދިޔަ އިންޓަވިއުއެއް ވާނީ ވަރަށް ދިގުކޮށް ހިމަނާލާފަ އެވެ. މި ލިޔުން ނިމެންދެން ކިޔާލައިފިނަމަ އިންޝާ ﷲ ތި ފަރާތަށް ގިނަ އިބްރަތްތަކެއް ހާސިލްވެގެންދާނެ އެވެ.

އޭނާގެ ނުބައި ރޭވުންތަކުގެ ވާހަކަ އަބަދުމެ ދެއްކޭއިރުވެސް އެކަމަށް ސަމާލުވުމަކީ އުދަނގޫ ކަމެއްކަން ޔަޤީނެވެ. ހަމަ ޔަޤީނުންވެސް މި ލިޔުން ހުޅުވާ، މި ލިޔުން ކިޔާ މައުލޫމާތު ދިރާސާ ނުކުރުމަށްވެސް އޭނާ ގެންދާނީ ނުހަނު ގިނަ ވަސްވާސްތައް ދެމުންނެވެ. މާތް ﷲ މި ލިޔުން ފުރިހަމަ ކުރުމުގެ ތައުފީޤް ދެއްވާ މި ލިޔުމުން ގިނަ ބަޔަކު ހިދާޔަތުގެ މަތީގައި ލަހައްޓަވާށި އެވެ. އާމީން.

މި ލިޔުމުގެ ބޮޑުބައި ނަކަލުކޮށް ތަރުޖަމާކޮށްފައިވާނީ ކިތާބު އަލް އަވާއީލްގެ އައް ދައުވާ އަލް އިސްލާމިއްޔާގެ 1992 ގެ ފުރަތަމަ ކުއާޓަރގެ ޗާޕު އަސްލަކަށް ބަލައިގެންނެވެ. ލިޔުމުގެ ތަރުޖަމާ ކުރުމުގައި އަސްލު ނުގެއްލޭނޭ ގޮތަށް ގެނައުމަށް މަސައްކަތް ކޮށްފައިވާނެ އެވެ. ނަމަވެސް ބަހުން ބަހަށް ތަރުޖަމާ ކުރުމުގައި ކުދިކުދި ބަދަލުތައް އައިސްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ޝައިތާނާ ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި އާންމު ނަމުން ނަމަ އިބިލީހަކީ އިންސާނިއްޔަތުގެ ނުވަތަ އިންސާނުންގެ އެންމެ ބޮޑު އަދާވާތްތެރިޔާ އެވެ. އެއީ އިސްލާމްދީނުގެ މަތީގައި ނުވަތަ އީމާންކަމުގެ މަތީގައި ދެމިހުރުމަށް އޮތް އެންމެ ބޮޑު ހުރަހުގެ އިތުރުން އުޚްރަވީ އަދި ދުނިޔަވީ ހަޔާތް ބަރުބާދުކޮށްލުމަށް އިންސާނާއަށް ވަސްވާސްދޭ ދުޝްމަނެވެ. އިބިލީހަކީ ހުރިހާ ނުބައިކަމެއްގެ އަސްލުކަމުގައިވާއިރު މުޖުތަމަޢުގެ ތެރޭގައި އެންމެހާ ފަސާދަތައް އުފެއްދުމަކީ ޝައިތާނާގެ އަމާޒެއް ކަމުގައިވަނީ ވެފައެވެ.

ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން އަޅުގަނޑުމެންނަށް މާތް ﷲ ވަނީ މިކަން ވަރަށް ރަނގަޅަށް ބަޔާން ކޮށްދެއްވާފަ އެވެ. އަޅުގަނޑުމެންނަށް އަބަދު ކަހަލަ ގޮތަކަށް ހުތުބާއިންނާއި ދަރުސް ތަކުން އިވޭ އާޔަތެއް މިތަނުގައި ޒިކުރުކޮށްލާނަމެވެ. މާނަ ހިތުދަސްވެފައި ވީ ނަމަވެސް އަމަލުކުރަން އަޅުގަނޑުމެންނަށް ވަނީ ނުލާހިކު ދަތިވެފަ އެވެ.

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޝައިތާނާގެ ފިޔަވަޅުތަކަށް ތަބާ ނުވާށެވެ. އަދި ޝައިތާނާގެ ފިޔަވަޅުތަކަށް ތަބާވާ މީހާ (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، އެ ޝައިތާނާ ހުތުރުކަން ބޮޑު ފާފައާއި، ނުބައި ކަންތައްތަކަށް އަމުރުކުރެތެވެ. އަދި ﷲ ގެ ފަޟުލުވަންތަކަމާއި، އެކަލާންގެ ރަހްމަތްވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ދުވަހަކުވެސް ފާފަތަކުން ތާހިރުވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، ﷲ، އެކަލާންގެ އިރާދަކުރައްވާ މީހަކު ތާހިރު ކުރައްވާ ސާފުކުރައްވަތެވެ. ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

މާތް ﷲ ނޫރު ސޫރަތުގެ 21 ވަނަ އާޔަތުގެ ބާވާލެއްވި ބަސްފުޅެއްގެ މާނާގައި ވަނީ މިފަދައިންނެވެ.

މީގެ އިތުރުންވެސް އެތައް ތަނެއްގައި ﷲ ވަނީ ޝައިތާނާގެ އަނދަވަޅުތަކުން ސަލާމަތްވުމަށް އަންގަވާ އެތައް ބަސްފުޅުތަކެއް ވަހީކުރައްވާފަ އެވެ. ނަމަވެސް އެ ހުރިހާ އާޔަތެއް މި ތާނގައި ބަޔާން ނުކޮށް ބައެއް އާޔަތްތައް ދިރާސާކޮށްލުމަށް ތި ކިޔުންތެރީންނަށް ދޫކޮށްލާނަމަވެ. އެގޮތުން ސޫރަތުއް މުހައްމަދުގެ 25 ވަނަ އާޔަތް، ޔާސީން ސޫރަތުގެ 60 ވަނަ އާޔަތާއި 61 ވަނަ އާޔަތް އަދި އައްނިސާއު ސޫރަތުގެ 120 ވަނަ އާޔަތް ތި ބޭފުޅުން ބައްލަވާލައްވާށެވެ.

އެއްދުވަހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަސްހާބުބޭކަލުންނާއެކު ޖަންނަތުލް ބަޤީއުގެ ފަހަތު ފަރާތުން ނުކުމެވަޑައިގަންނަވަނިކޮށް މުސްކުޅިއަކު ފެނިވަޑައިގަތެވެ. އޭނާ ހުރީ އޭނާގެ ބޮލުގައި ވަރަށް ތަފާތު ކުލަތަކުން ޒީނަތްތެރިކުރެވިފައިވާ ތޮތްޕެއް އަޅައިގެންނެވެ. އަދި އޭނާ އަޅައިގެންހުރި ބެލްޓްވަނީ ތަފާތު ކުލަތަކުގެ ޖަވާހިރުން ޒީނަތްތެރިކުރެވިފަ އެވެ. އޭނާގެ ވައަތުގައި ރަނގަބީލެއް އޮތްއިރު ކަނާއަތުގައި އޮތީ ދާގަނޑެކެވެ.

އެމީހާއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފެނުމާއެކު އައްސަލާމް އަލައިކުމް ޔާ ރަސޫލުﷲ އޭ ކިޔައި ގޮވާލި އެވެ. ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މި ސަލާމަށް ޖަވާބެއް ނުދެއްވަ އެވެ. އެ މުސްކުޅި މީހާއަށް ސަލާމަށް ރައްދު ނުދެއްވީ ކީއްވެކަން ރަނގަޅަށް އެނގިހުރެމެ އަނެއްކާވެސް ސަލާމުﷲ އަލައިކުމް ޔާ ރަސޫލުﷲ އޭ ދެންނެވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއަށް ޖަވާބުދާރީވެ ވަޑައިގަތެވެ.

އެހައިރުން އެކަލޭގެފާނުގެ އަސްހާބުބޭކަލުންނަށްވެސް އެއީ ޤިޔާމަތާ ޖެހެންދެން ލަޢުނަތްލެއްވިގެންވާ މަލްޢޫނު (އިބިލީސް) ކަން އެނގިވަޑައިގަތެވެ. އަދި އެބޭކަލުންނަށް ޝައިތާނާ ހަމަލޮލަށް ފެނުމުން ހައިރާންވެވަޑައިގެން ތިއްބެވި އެވެ. އެއްވެސް ކާމިޔާބީ ފޮނިކަމެއް ނުލިބި ޝައިތާނާ ވަނީ ރަސޫލުންނާއި ނަބީން އަދި އަދުލުވެރި އިމާމުންވެސް މަގުފުރެއްދުމަށް މަސައްކަތްކޮށްފަ އެވެ. ޝައިތާނާ ނުވަތަ އިބިލީސް އާ ރަސޫލު ބޭކަލުންނާ ވަނީ ދިމާވެފަ އެވެ. މިގޮތަށް މެދުވެރިކުރައްވަނީ އެ ބޭކަލުންގެ ސުވާލުތަކަށް ޝައިތާނާ ޖަވާބުދާރީ ކުރުވުމަށެވެ. އަދި ނަބިއްޔުންނާއި ރަސޫލު ބޭކަލުންގެ ސުވާލުތަކަށް ޖަވާބުދާރީވުމަކީ ޝައިތާނާގެ މައްޗަށް މާތް ﷲ ލާޒިމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މާތް ﷲ ޢިލްމު އުނގަންނަވާ ދެއްވާ ކަންތައްތައް ބަޔާން ކޮށްދެއްވާފައި ވީ ނަމަވެސް އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނާއި ތަބާވީ މީހުންގެ މަންފާއަށްޓަކައި ތިރީގައި ބަޔާން ކުރެވިފައިވާ ސުވާލުތައް ކުރެވުނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޝައިތާނާއަށް ހަދީޘް ކުރެއްވި އެވެ. “އޭ ޝައިތާނާ އެވެ! މީސްތަކުން ކަލޭ އަޅައިގެން ތި ހުރި ތޮތްޕާމެދު ޝައުޤުވެރިއެވެ. ތި ތޮފީގެ ހަޤީޤަތަކީ ކޮބައިތޯއެވެ؟”

ޝައިތާނާ ބުންޏެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެން އަޅައިގެން މި ހުރި ތަފާތު ކުލަތަކުން ޒީނަތްތެރިކުރެވިގެންވާ ތޮތްޕަކީ ދުނިޔެ އެވެ. ފަނާކުރުވަނިވި ދުނިޔޭގެ ތަފާތު ވައްތަރުގެ މުދަލާއި ޒީނަތްތެރިކަމާއި ވަގުތީ އުފަލާއި އަރާމާއި ހިތްހަމަޖެހުން އަހަރެން އިންސާނުންނަށް ޒީނަތްތެރިކޮށްދީ އެބައިމީހުން މަގުފުރައްދަމެވެ. އިންސާނާ އަހަރެންގެ މި ތޮފީގެ އަވާގައިޖެހި (ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލިގެން ދާ) ހިސާބަކީ އަހަރެންގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އެމީހެއްގެ މައްޗަށް ހިނގަން ފަށާ ވަގުތެވެ. އެ ހިސާބުން އެމީހަކު އުޚްރަވީ ހަޔާތުގެ މަތީން ހަނދުމަ ނެތިގެންދެ އެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޝައިތާނާއަށް ހަދީޘް ކުރެއްވި އެވެ. އޭ ޝައިތާނާ އެވެ! ތަފާތު ކުލަތަކުގެ ރަނާ ޖަވާހިރުން ޒީނަތްތެރިކުރެވިފައިވާ ކަލޭގެ ތިޔަ ބެލްޓްގެ ހަޤީޤަތަކީ ކޮބާ ހެއްޔެވެ؟

ޝައިތާނާ ބުންޏެވެ. “އޭ ރަސޫލާ އެވެ. މިއީ އަހަރެންގެ ދެވަނަ ހަތިޔާރެވެ. މި ހަތިޔާރުގެ ސަބަބުން އަހަރެންގެ މައިބަދަ ވަރުގަދައަށް ސީދަލަށް ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. އޭ ރަސޫލާ އެވެ. އިންސާނުން އަހަރެންގެ ފުރަތަމަ ހަތިޔާރު ކަމުގައިވާ ތޮތްޕަށް ހައްލާ ނުލެވިއްޖެނަމަ އަހަރެންގެ ދެވަނަ ހަތިޔާރު އަހަރެން ބޭނުން ކުރަމެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޝައިތާނާއަށް ހަދީޘް ކުރެއްވި އެވެ. “އޭގެ ހަޤީޤަތް ބަޔާން ކޮށްދޭށެވެ. ޝައިތާނާ ބުންޏެވެ. “އެއީ ނިވާކަން ކުޑަ ހެދުން ލައިގެން ފިރިހެނުން ހައްލައިލުމަށް ބޭނުންކުރެވޭ އަންހެނުންނެވެ. މި ޒާތުގެ އަންހެނުން ބޭނުން ކޮށްގެން އަހަރެން އީމާންވާ މީހުން މަގުފުރައްދާލަމެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޝައިތާނާގެ ވައަތުގައިވާ ރަނގަބީލަށް އިޝާރާތް ކުރައްވާ ހަދީޘް ކުރެއްވި އެވެ. “ކަލޭގެ ވައަތުގައިވާ ރަނގަބީލަކީ ކޯޗެއް ހެއްޔެވެ؟” ޝައިތާނާ ބުންޏެވެ. “މި ރަނގަބީލަކީ މި ބޭނުން ކޮށްގެން އީމާންވާ މީސްތަކުންގެ އީމާންކަން ހަލާކު ކޮށްލަން ބޭނުން ކުރާ ހަތިޔާރެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އެވެ. “އެކަން ކަލޭ ކުރަނީ ކިހިނެތް ހެއްޔެވެ؟” ޝައިތާނާ ބުންޏެވެ. “އަހަރެންނަށް އީމާންވެފައި ތިބޭ ބަޔަކު ނުވަތަ މީސްތަކުންގެ ތެރޭގައި ބަޔަކު ކުޑަކުޑަ ކަމަކާ ދެބަސްވާތަން ފެނިއްޖެނަމަ އަހަރެންގެ މި ރަނގަބީލް ޖަހާލަމެވެ. އަހަރެން މި ރަނގަބީލް ޖަހާލުމާއެކު މީސްތަކުންގެ މިފަދަ ކުދިކުދި ދެބަސްވުންތައް ބޮޑެތި ޒުވާބުތަކަށް ބަދަލުވެގެންދެ އެވެ. އަދި އެއަށްފަހު އެކަކު އަނެކަކާ ދިމާއަށް ކިޔަން ނުޖެހޭ އެއްޗެހި (ދެބައޮޑުވުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، ފުރައްސާރަކުރުމާއި، ދޮގު ތުހުމަތުތައް އެޅުވުމާއި، އަބުރަށް އަރައިގަތުން ނުވަތަ ޤަޛުފް ކުރުމާއި ތަފާތު ވައްތަރުގެ ހަޑި އެއްޗެހި) ކިޔަން ފައްޓައެވެ. މިކަންކަމުގެ ސަބަބުން އެމީހުންގެ ހިތުގައިވާ އީމާންކަމުގެ އަސަރު ނުހަނު ފަސޭހަކަމާއެކު ފިލައިގެންދެ އެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އެވެ. “ކަލޭ ހިފަހައްޓައިގެން ތި ހުރި ދާގަނޑަކީ ފަހެ ކޯޗެއް ހެއްޔެވެ؟” ޝައިތާނާ ބުންޏެވެ. “އަހަރެން ކުރިން ބަޔާންކުރި އެއްވެސް ހަތިޔާރަކަށް މީސްތަކުން ނުވަތަ އީމާންވީ މީހުން ހައްލައިނުލެވިއްޖެނަމަ، އަހަރެންގެ މި ދާގަނޑު އެމީހަކާ ދިމާލަށް އަހަރެންގެ ފަހުގެ ހަތިޔާރެއްގެ ގޮތުން އެއްލަމެވެ”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އެވެ. “އެކަމަކު ތި ދާގަނޑުގެ ހަޤީޤަތް ބަޔާން ކޮށްދެއްވާށެވެ.” ޝައިތާނާ ބުންޏެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. މިއީ އައްރިޔާ (ދެއްކުންތެރިކަން) އެވެ. އަހަރެންނަށް ކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ އަހުލުވެރިން އަހަރެންގެ ހަތިޔާރުތަކަށް ނުވަތަ ނުބައި ރޭވުންތަކަށް ހައްލައި ނުލެވި އެންމެހައި ހެޔޮ އަމަލުތައް ކުރަމުން ގެންދާތަން ފެނުމުން އަހަރެންގެ މި ދާގަނޑު އެމީހުންނާ ދިމާލަށް އެއްލައި މި ދާގަނޑުގައި އެމީހުން ޖައްސުވަމެވެ.

މި ދާގަނޑުގައި ޖެހުމުން (ހެޔޮ އަމަލު ކުރަން ފެށުމުން ޝައިތާނާ އިންސާނާގެ ހިތަށް ދެއްކުންތެރިކަން ވައްދާނެއެވެ) އެމީހުން ކުރަމުން އަންނަ ހެޔޮ އަމަލުތައް ބާތިލުވެ ޝިރުކަށް ބަދަލުވެގެންދެ އެވެ. އެއީ އިންސާނާގެ ހިތުގައި ދެއްކުންތެރިކަމުގެ އާދަ ހަރުލައްވައިލައިގެންނެވެ. މިގޮތުން އިންސާނާ ނަމާދު ކުރިޔަސް، ޒަކާތް ދިނަސް، ރޯދަ ހިފިޔަސް، ސަދަޤާތް ދިނަސް ނުވަތަ ހައްޖު ކުރިޔަސް އެމީހެއްގެ ހިތަށް ތިމަންނަ ދެއްކުންތެރިކަން ތަފާތު ގޮތްގޮތުން ވައްދައި އޭނާގެ ހެޔޮ އަމަލު ބާތިލު އެއްޗަކަށް ހަދާލަމެވެ. އިންސާނާ މި އަމަލުތައް އަދި އިތުރު ހެޔޮ އަމަލުތައް ކޮށް ނިންމުމަށްފަހު އޭނާގެ ހެޔޮ އަމަލުތައް އެހެން މީހުންނަށް ދައްކައި ނުވަތަ އެހެން މީހުންގެ ކައިރީގައި ދައްކާ އެކަމަކީ ﷲ އަށް ޓަކައި ކުރި ކަމެއް ކަމުގައި ދައްކައި އެ އަމަލުތައް ބާތިލުވެގެންދެ އެވެ.

އެމީހުން ދަމު ނަމާދު ކުރިޔަސް ހައްޖެއް ކުރިޔަސް ނުވަތަ ރޯދަ ހިފިޔަސް އެހެން މީހުންނަށް އެ ވާހަކަ ކިޔައިދެ އެވެ. އަދި އެމީހުން ސަދަޤާތް ކުރާނީވެސް އެހެން މީހުންނަށް ދައްކައި ތަޢުރީފް ހޯދުމަށްޓަކަ އެވެ. މިހައިރުން އެބައިމީހުންނަށް ހީވާނީ އެމީހުންނަކީ މިކަންކަން ނުކުރެވޭ މީހުންނަށްވުރެ މާތް މަތިވެރި ބައެއްހެންނެވެ. އެމީހުންގެ އަމަލުތަކަށް ދެއްކުންތެރިކަމުގެ އަސަރު ވަދެއްޖެނަމަ އެމީހުންގެ އަމަލުތައް ބާތިލުވެގެންދާނެ އެވެ.” (މިކަމުން ސަލާމަތްވުމަށް ދުޢާ ކުރުމާއި މިކަމާގުޅޭ ލިޔުންތައް ކިޔުމަކީ ނުހަނު މުހިއްމު ކަމެކެވެ)

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އެވެ. “އޭ ޝައިތާނާ އެވެ. އަދި އެކައްޗެއް ބުނެދޭށެވެ. ކަލޭ މިހާރު ތިވަނީ ކަލޭގެ ހަޔާތުގެ ބޮޑުބައި ނުބައި އަމަލުތައް ކުރުމާއި ފެތުރުމުގައި ހޭދަކޮށްފަ އެވެ. ކަލޭގެ އެއްވެސް އެކުވެރިއެއް މި ދުނިޔެ މަތީގައި ވޭ ހެއްޔެވެ؟”

ޝައިތާނާ ބުންޏެވެ. “އަހަރެން އާންމު ގޮތެއްގައި ހުރިހާ މީހުންނާއި ގޭގެއަށް ވަދެއުޅެ ހެދިޔަސް އަހަރެންގެ ވަރަށް ގާތް 11 ބާވަތެއްގެ ރަހުމަތްތެރިއެއްވެ އެވެ. އަދި އަހަރެން ވަރަށް ރުޅިއަންނަ ފޫހިވާ 15 ބާވަތެއްގެ މީހުންވެ އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ހަނދާންކުރާށެވެ. އަހަރެންގެ އެކުވެރިއަކީ ﷲ ގެ ދުޝްމަނެކެވެ. އަދި އަހަރެންގެ ދުޝްމަނަކީ ﷲ ގެ އެކުވެރިއެކެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އެވެ. “އޭ ޝައިތާނާ އެވެ. ކަލޭގެ އެކުވެރިންނާއި ދުޝްމަނުން ބުނާށެވެ”. ޝައިތާނާ ނުވަތަ އިބިލީސް ބުންޏެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ 15 ދުޝްމަނުން ބުނެދޭނަމެވެ.”

1. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ފުރަތަމަ ދުޝްމަނަކީ ކަލޭގެފާނާއި ކަލޭގެފާނުގެ އަހުލުބައިތުންނެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ އަހުލުބައިތުން ނުވީނަމަ އަހަރެންގެ މިޝަން ނުވަތަ އަހަރެންގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވުނީހެވެ. ދުނިޔެ މަތީގައި އީމާންވީ އެންމެ މީހެއްވެސް އެހެންނަމަ ނުވީހެވެ. ނަމަވެސް ކަލޭގެފާނު މި ދުނިޔެއަށް އިސްލާމްދީން ގެންނަވައި އެ ދީނަށް ތަބާވާ މީހުން ﷲ ގެ ދީން ފަތުރާ ބައެއް ކަމުގައި ވަނީ ލައްވާފަ އެވެ.

2. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ދެވަނަ ދުޝްމިނަކީ އަދުލުވެރި އިމާމް ނުވަތަ ވެރިއެކެވެ. އެމީހަކީ ފުރިހަމަ އަދުލުވެރިކަމާއެކު ވެރިކަން ކުރާ މީހެކެވެ.

3. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ތިންވަނަ ދުޝްމިނަކީ މުއްސަނދި އެމީހެއްގެ ހިތުގައި ބޮޑާކަމެއް ނެތް މުއްސަންޖެކެވެ. އެމީހަކީ ނިކަމެތިންގެ މައްޗަށް އެނާއަކީ މަތިވެރި މީހެއް ކަމަށް ބަލާ މީހެއް ނޫނެވެ.

4. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ހަތަރުވަނަ ދުޝްމަނަކީ އެމީހެއްގެ ވިޔަފާރި އަދުލުވެރިކަމާއެކު މީސްތަކުންނަށް އޮޅުވާލުމެއްނެތި ކުރިއަށް ގެންދާ ވިޔަފާރިވެރިޔާ އެވެ.

5. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ފަސްވަނަ ދުޝްމަނަކީ ﷲ އަށް ބިރުވެތިވާ އިލްމުވެރިޔާއެވެ. އެމީހަކީ މީހުންނަށް އޭނާ ބަޔާންކޮށްދޭ ކަންތައްތައް ކުރާ މީހެކެވެ.

6. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ހަ ވަނަ ދުޝްމިނަކީ ﷲ އަށް އީމާންވެ އެހެން މީހުންނަށް މަގު ދައްކައިދިނުމަށް މަސައްކަތްކުރާ މުޢުމިނެވެ. އޭނާއަކީ އޭނާއަށް ވާޖިބުކުރެއްވި ކަންތައްތައް ކުރާ ހާލު ހަރާމް ކަންތަކުން އެއްކިބާވެގެންވާ މީހެކެވެ. އެމީހަކީ އަހަރެން(ޝައިތާނާ) މިކުރާހާ މަސައްކަތްތައް ނާކާމިޔާބުކޮށްލާ މީހެކެވެ.

7. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ހަތްވަނަ ދުޝްމަނަކީ ﷲ ހަރާމް ކުރެއްވި އެއްޗެހި އަޑުއެހުމުންނާއި، ﷲ ބެލުން ހަރާމް ކުރެއްވި އެއްޗެހި ބެލުމުންނާއި، ﷲ ހަރާމް ކުރެއްވި އެއްޗެހި ކެއުމުން ނުވަތަ ބުއިމުން އެއްކިބާވެގެންވާ މީހާ އެވެ.

8. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ އަށް ވަނަ ދުޝްމިނަކީ އަބަދުމެ ސާފުތާހިރުކަންމަތީ ހުންނަ މުޢުމިނު މުސްލިމެވެ. އޭނާއަކީ އަބަދުމެ ސާފުތާހިރު ހެދުންލައިގެން އަބަދުމެ ވުޟޫ މަތީގައި ހުންނަ މީހެކެވެ.

9. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ނުވަ ވަނަ ދުޝްމިނަކީ އޭނާގެ ހިތް އެހެން މީހުންނަށްޓަކައި ހުޅުވާލައި ﷲ ގެ މަގުގައި ހޭދަކުރާ މީހާ އެވެ.

10. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ދިހަ ވަނަ ދުޝްމިނަކީ ހަމައެކަނި ﷲ ގެ ނަންފުޅުގައި ސަދަޤާތްދީ ހޭދަކޮށް އުޅޭ މީހާ އެވެ.

11. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ އެގާރަ ވަނަ ދުޝްމިނަކީ ޤުރުއާން ކިޔަވާ، ޤުރުއާން އުނގެނި ހިތުދަސްކޮށް އަދި ޤުރުއާނަށް އަމަލުކުރާ މީހާ އެވެ.

12. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ބާރަ ވަނަ ދުޝްމިނަކީ ދަމު ނަމާދުކުރާ މީހާ އެވެ. (އެއީ މެންދަންވުމަށްފަހު ފަތިސްވުމާ އެ ދޭތެރޭ ނަމާދުކޮށް އުޅޭ މީހެކެވެ.) އަހަރެން އަބަދުވެސް މިފަދަ މީހުންދެކެ ވަރަށް ބިރުގަނެ އެވެ.

13. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ތޭރަ ވަނަ ދުޝްމިނަކީ ޒަކާތާއި އެހެނިހެން ލާޒިމް ސަދަޤާތްތަކާއި ހޭދަތައް ކޮށް އުޅޭ މީހާ އެވެ.

14. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ސާދަ ވަނަ ދުޝްމިނަކީ ﷲ އެންގެވި ގޮތަށް ހިޖާބު ނުވަތަ ބުރުގާ އަޅާ އޭނާގެ ހިޖާބަށް ރައްކާތެރިވާ މުއުމިނު އަންހެނާ އެވެ.

15. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެންގެ ފަނަރަ ވަނަ ދުޝްމިނަކީ އެމީހެއްގެ އަޅުކަންތައް ހަމައެކަނި ﷲ ހަނދުމަކުރުންމަތީ ދެމިހުރެ އަދާ ކުރާ މީހާ އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އެވެ. “ކަލޭގެ 11 އެކުވެރިންނަކީ ކޮބާ ހެއްޔެވެ؟” ޝައިތާނާ ބުންޏެވެ. “އަހަރެންގެ 11 އެކުވެރިންނަކީ:

1. އަހަރެންގެ ފުރަތަމަ އެކުވެރިޔަކީ މީސްތަކުންގެ މައްޗަށް އަނިޔާވެރިވާ އިމާމް ނުވަތަ ވެރިއެކެވެ.

2. އަހަރެންގެ ދެވަނަ އެކުވެރިއަކީ އޭނާގެ ވިޔަފާރި މީސްތަކުންނަށް އޮޅުވާލައިގެން ކުރާ ވިޔަފާރިވެރިޔާ އެވެ.

3. އަހަރެންގެ ތިންވަނަ އެކުވެރިޔަކީ އީމާންވެހުރެ ރާ ބޯ މީހާ އެވެ.

4. އަހަރެންގެ ހަތަރު ވަނަ އެކުވެރިއަކީ މީސްތަކުންގެ މައްޗަށް ބޮޑާވެ ކިބުރުވެރިވެ އަދި ރުޅިވެރިކަމާއެކު ފަޤީރު ނުވަތަ ބޭނުމެއް ޖެހިފައިވާ މީހުންނަށް ހޭދަކުރުމަށް ދެކޮޅު ހަދާ މުއްސަނދި މީހާ އެވެ.

5. އަހަރެންގެ ފަސްވަނަ އެކުވެރިއަކީ ދެބައޮޑުވެ މީހުންގެ މުޅަ މަސްކައި. މީސްތަކުންގެ މެދުގައި ފަސާދައާއި ދެކޮޅުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ، އެހެން މީހުންގެ އުނި ސިފަތައް ހާމަ ކުރާ މީހާ އެވެ.

6. އަހަރެންގެ ހަ ވަނަ އެކުވެރި އަކީ ﷲ ހުއްދަ ކުރެއްވި ހައްޤަކާ ނުލައި އެހެން ފުރާނަ އެއް މަރައިފި މީހެކެވެ.

7. އަހަރެންގެ ހަތް ވަނަ އެކުވެރިއަކީ ޔަތީމުންގެ މުދާ ކަމުން ގެންދާ މީހާ އެވެ.

8. އަހަރެންގެ އަށް ވަނަ އެކުވެރިއަކީ ރިބާ ކެއުމުން އެމީހެއްގެ ދިރިއުޅުން ބިނާ ކުރާ މީހާ އެވެ.

9. އަހަރެންގެ ނުވަ ވަނަ އެކުވެރިއަކީ އާޚިރަތަށްވުރެ ދުނިޔޭގެ ހަޔާތަށް އިސްކަންދޭ މީހާ އެވެ. އޭނާ ކުރާ ހުރިހާ އަމަލެއްވެސް ދުނިޔޭގެ ލާބައާއި މަންފާއަށް ބިނާކޮށްފައިވާއިރު އެފަދަ އަމަލުތަކުން އާޚިރަތުގައި އެއްވެސް ފައިދާ އެއް ނުވެ އެވެ.

10. އަހަރެންގެ ދިހަ ވަނަ އެކުވެރިއަކީ ތައުބާވުމަށް ވަގުތު އޮތްކަމަށް ޤަބޫލުކޮށް ނުވަތަ މަރު އޭނާއާ ބައްދަލުވާނީ އަދި ތަންކޮޅެއް ފަހުންނޭ ހިތަށް އަރުވާ ތައުބާވުން ލަސްކުރާ މީހާ އެވެ.

11. އަހަރެންގެ އެގާރަ ވަނަ އެކުވެރިއަކީ އެހެން މީހުން ފާހިޝް ނުބައި ކަންތައްތަކަށް ހައްލައިލުމަށް އުޅޭ އަންހެނުންނަށް ހިތްވަރުދޭ މީހާ އެވެ.

މިއީ އަހަރެންގެ އެންމެ ގާތް އެގާރަ އެކުވެރީންނެވެ. އަދި ﷲ ގެ އެންމެ ބޮޑެތި އަދުއްވުންނެވެ.

މަސްރަދު

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355