twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިނިވަން ފަންސާސް ފުޓުބޯޅަ މުބާރާތަށް ކުޅުދުއްފުށިން ނެރޭނީ ކޮންޓީމެއް؟

Jun 9, 2015

ލިޔުނީ: އުދާސް

ދިވެހިންނަކީ ޒަމާނުއްސުރެ ފުޓުބޯޅައަށް ލޯތްބާއި ފޯރިހުންނަބައެކެވެ. އެލޯތްބާއި ފޯރި މިކުޅުދުއްފުށީގެ ރައްޔިތުންގެވެސް ހުރެއެވެ. އެންމެ ފޯރިގަދަވެގެންގޮސްފައިވަނީ 1990ގެ އަހަރުތަކުގެ ފަހުކޮޅު ބޭއްވުނު އަތޮޅު އަދި ޒޯނު މުބާރާތްތަކެވެ. މަގުލަސް ކުލަބުގެ ރަންޒަމާނެވެ. ކައިރި ރަށްރަށަށް މާލޭގެ ފުރަތަމަ ޑިވިޒަންގެ މޮޅެތި ކުޅުންތެރިން ގެންނަމުންދިޔައިރު ކުޅުދުއްފުށީގެ ޓީމު ނުކުންނަނީ 100 އިންސައްތަ ރަށުގެ ކުޅުންތެރިންނާ އެކުގައެވެ. ކުޅިބަލަން ދަނޑުގެ އައްސޭރިފަށަށް އެއްވާ ރައްޔިތުންނަށް އޮންނަ ޔަގީންކަމަކީ ކުޅުދުއްފުށީ ޓީމް ކާމިޔާބީ ހޯދާނެކަމުގެ ޔަގީންކަމެވެ. ކުޅުންތެރިންނަށް އޮންނަ ފުރިހަމަ އިތުބާރެވެ.

މުހައްމަދު އިސްމާއިލްގެ ލަނޑެއް ބާލާލަން އިތުބާރާއެކު ދަނޑަށް ދާމީހުން މަދެއްނޫނެވެ. އަބޫބަކުރު މޫސާ (ދޮނޭ) ގެ ހިތްގައިމު ކުޅުން އެންމެ ވައްތަރުވާކަމަށް ގިނަ މީހުން ބުނަނީ ލޮތަރ މެތިއަސް ނުވަތަ ޒިދާންގެ ކުޅުމާ ކަމަށެވެ. އަހުމަދު އާދަމް (ސޭކޭ) އަކީ ޓީމުގެ ފަހަތަށް ޖަހާފައި ހުންނަ ތަނބެއްފަދައެވެ. އަބުދުލް ގައްޔޫމް ނުވަތަ ސައުދު އެއީ އެންމެ އިތުބާރު ދެގޯލްކީޕަރުންނެވެ. މުހައްމަދު އަލީ ދެއްވާ އިރުޝާދާއި މޮޅު ރޭވުންތެރިކަމާމެދު ޝައްކު ކުރާނެ ޖާގައެއް އޭނާ ނުދެއެވެ. ރަސްމީ ބޯޅަ ދަނޑުގައި މެޗްކުޅެމުންދާއިރު އަމީރު އަމީން ސްކޫލާ ހަމައަށް، ރަށު ޓީމަށް ދެމުންގެންދާ ސަޕޯޓްގެ އަޑު ހަމަ ރީތިކޮށް އިވެއެވެ. މިހަނދާންތައް ހުންނާނެ ކިތަންމެ ބަޔަކު މިހާރުވެސް މިކުޅުދުއްފުށީގައި ތިބޭނެކަން ޔަގީނެވެ. ސުވާލަކީ މިފޯރިޔާއި ލޯބި މިރަށުގެ ރައްޔިތުން މިހާރު ފުޓްބޯޅައަށް ނެތީތޯއެވެ؟ އެޖީލު އުމުރުން ދުވަސްވެ އެފަދަ ދެވަނަ ޖީލެއް ނުއުފަންނަނީ ތޯއެވެ؟

މިފަދަ ސުވާލުތައް އަމިއްނަ ނަފްސާ ކޮއްލަން އެންމެ ރަނގަޅު ވަގުތު މިވަނީ އައިސްޖެހިފައެވެ. އަމިއްލަ ނަފްސާއި އެކަންޏެއްވެސް ނުމެނޫނެވެ. ރައްޓެހިންނާއި އެދުވަސްވަރުގެ ކުޅުންތެރިންނާވެސް ކުރަންވީއެވެ. ކޮފީ މޭޒުތަކުގައިވެސް މިވާހަކަ ދައްކަންވެއްޖެއެވެ. މިކަމާ މެދު ތަފާތު ފޯރަމްތައް ބާއްވާ އެކަށިގެންވާ ޕުލޭންއެއްކުރަން އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމުގައި ދެކެމެވެ. ސަބަބަކީ މިނިވަން ފަންސާހާއި ގުޅުވައިގެން ބާއްވަން ހަމަޖެހިފައިވާ ފުޓުބޯޅަ މުބާރާތަކީ ކޮންމެ ރަށަކުންވެސް އެރަށަކަން ނިސްބަތްވާ އެންމެ ޓީމަކަށް ފުރުސަތު އޮތް މުބާރާތަކަށް ވުމެވެ. ހަބަރުތައް ލިބޭ ގޮތުގައި މިކަމަށް ރަށު ކައުންސިލުންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެމެވެ. ކުޅުންތެރިންނާ މަޝްވަރާކުރެވެމުން އަންނަކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދޭއިރު ޝައުގުހުރި ކުޅުންތެރިންނާ ތަފާތު ވިސްނުމުގެ ކުޅުންތެރިން އެބަތިއްބެވެ.

މިފަދަ ކަމަކަށް ތައްޔާރުވަމުންދާއިރު މިހާރުވެސް ކުޅުންތެރިންނާ އެހެނިހެން ފަރާތްތަކުގައި އުފެދޭނެ ތަފާތު ސުވާލުތައް ހުންނާނެކަން ކަށަވަރެވެ. މިވަރުގެ ރަށަކުން 30 ކުޅުންތެރިން ނަގާއިރު އެނަސީބާއި ޝަރަފް ލިބޭނީ ކޮންބަޔަކަށް ބާއެވެ؟ ކުޅުންތެރިން ނަގާނީ ކާކު ނުވަތަ ކޮންބަޔަކު އިސްވެތިބެ ބާއެވެ؟ ތަފާތު ފަންތީގެ ކޯޗުން ރަށުގައި ތިބިއިރު އެގޮނޑީގައި އިށީންނާނީ ކޮން ކޯޗެއްބާއެވެ. ކުޅިވަރަށް ލޯބިކުރާ މީހުންނާއި ކުޅިބެލުންތެރިން މިކަމަށް ދޭނީ ކިހާވަރެއްގެ ތަރުހީބެއްބާއެވެ. ކުޅުދުއްފުށީގެ ނަމުގައި ޓީމެއް ނުކުމެ ރަށް ތަމްސީލުކުރަމުންދާއިރު، ކިހާވަރެއްގެ ތަރުހީބެއް ލިބިގެންދާނެބާއެވެ؟

މިހުރީ ހައްތަހާވެސް ބަރު ސުވާލެވެ. މިސުވާލުތަކުގެ ޖަވާބު ދެމީހަކު އެއްގޮތަކަށް ނުދިނުމަކީ ގާތްކަމެކެވެ. ނަމަވެސް އެންމެ އިއްތިފާގުވާން ލަސްވެފައިވާ ކަމަކީ ރަށުޓީމަށް ދޭންޖެހޭ ތަރުހީބާއި، ލޯތްބާއި އިހްތިރާމެވެ. ކަމަކަށް ކުރިމަތިލާ ބަޔަކަށް ދެންތިބި ބަޔަކަށް ދެވޭނެ އެންމެ މުހިންމު އެކައްޗަކީ އެކަށީގެންވާ ސަޕޯޓާއި އިހްތިރާމާއި ލޯބިކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ. އެކޮން ޒާތީނުވެ އެންމެން އެއްރޫހެއްގައި ނުކުމެ މިތާރީޚީ މުބާރާތަކީ އާފެށުމެއްކަމަށްދެކެ އަދިވެސް މިކުޅުދުއްފުއްޓަކީ ފުޓުބޯޅައިގެ ގަދަ ބާރެއްކަން ސާބިތުކޮއްދެމާ ހިނގާށެވެ. ނިކަން ވަރުގަދަ ޝިޢާރަކާއިގެން ނުކުމެ ރަށަށް މުބާރާތުގެ ތަށިގެނެސް އެރުވުމަކީ ހަމަޔަގީނުންވެސް އަޅުގަނޑުގެ އުންމީދެކެވެ. ކުރެވޭ ދުޢާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355