ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިރާގުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފައިދާވާނެ ހަދިޔާތަކާއެކު މި އަހަރުވެސް ދިރާގު ރޯދަ ހަދިޔާ ފަށައިފި އެވެ.
ދިރާގުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މި އަހަރުގެ ރޯދަމަހު ދިރާގުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހުކުރު ދުވަހަކު ނަސީބުވެރިއެއް ހޮވައި އެ ފަރާތަކަށް 55 އިންޗީގެ ސެމްސަންގް އެޗްޑީ ތްރީޑީ ކާވް ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ އިތުރުން އެ ނަސީބުވެރިޔާ އަށް ދިރާގު ބްރޯޑް ބޭންޑު ނުވަތަ ފައިބާ ބްރޯޑްބޭންޑު ކަނެކްޝަނެއްގެ ބޭނުންވާ ޕެކޭޖެއް އެއް އަހަރު ދުވަހަށް ހިލޭ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މި އަހަރުގެ ރޯދަ ހަދިޔާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ވެސް އެއްވެސް ހަރަދެއް ނުކޮށް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ދިރާގުގެ ޕޯސްޓްޕެޢިޑް އަދި ޕްރީޕެއިޑް ނަންބަރުތައް ބޭނުން ކުރާ ފަރާތްތަކަށް ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު ހިލޭ ކޯލްތައް ކުރެވޭނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޯބައިލް އާއި ޓަޗްނެޓް ކަނެކްޝަން ބޭނުންކުރާ ފަރާތްތަކަށް ވެސް ނަގާ ހުރިހާ ޑޭޓާ ޕެކޭޖަކަށް 50 ޕަސެންޓް އިތުރަށް ޑޭޓާ ހިލޭ ލިބޭ އިރު އޭޑީއެސްއެލް އިންޓަނެޓުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް 50 ޕަސެންޓް އިތުރު ޑޭޓާ ވެސް ލިބޭނެ ކަމަށާއި ރޯދަ މަސް ފެށެނީ މަހުގެ މެދުތެރެއިން ކަމަށް ވުމުން މިހާރު ގެންގުޅޭ ޕެކޭޖުގެ 25 ޕަސެންޓް ޑޭޓާ ހިލޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ބާކީވާ 25 ޕަސެންޓު ޑޭޓާ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިބޭނެ ކަމަށާއި ރޯދަމަހު ނަގާ ކޮންމެ ޑޭޓާ ޕެކޭޖަކަށް ވެސް 50 ޕަސެންޓް ޑޭޓާ އިތުރަށް ލިބޭނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތައް މި އަހަރު ރޯދަމަހު ވެސް ނަމާދު ވަގުތުތަކުގެ އެލާޓްތައް ދިނުމުގެ ހިދުމަތާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ހިދުމަތް ވެސް ދިރާގުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.