ވާހަކަ ލިއުނީ: މަރިޔަމް ޝަހާ
ފޮތަކަށް ފަހު ފޮތެއް ހުޅުވައި އޭގައި ލިޔެފައިވާ އެއްޗެއް ފަރުވަތެރިކަމާއި އެކު ކިޔައި ދަސްކުރަމުން ޝާޔާ އެދަނީ އޭލެވެލް އިމްތިހާނަށް ތައްޔާރުވަމުންނެވެ. އެއްވެސް ފޫހިކަމެއްނެތި ހިތްވަރާއެކު އެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަދި އޭނާ ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހެދުމަށް ދަތުރުފެށޭނީވެސް އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ކަމަށްވާތީ އެވެ.
ގާތްގަނޑަކަށް އެއްމަސްދުވަހުގެ މަސައްކަތަށްފަހު އޭލެވެލް އިމްތިހާން ނިމިއްޖެ އެވެ. މިހާރު ޝާޔާ އިންތިޒާރުކުރަމުން އެދަނީ ނަތީޖާ ލިބޭނެ ދުވަހަކަށެވެ. ދުވަހަކަށް ފަހު ދުވަހެއް ވޭތުވަމުންގޮސް ޝާޔާގެ އިންތިޒާރަށް ނިމުމެއް އައީ ދެމަހެއްހާ ދުވަސްފަހުންނެވެ. ނަތީޖާފެނި ޝާޔާގެ ހިތް އުފަލުން ފޮޅުނެވެ. ޝާޔާގެ މައިންބަފައިންވެސް ޝާޔާއަށްޓަކައި ފަހުރުވެރިވި އެވެ. ޝާޔާ ހިމެނުނީ މުޅިރާއްޖެއިން އެއްވަނަ ނަތީޖާ ހޯދި ކުދިން ތެރޭގައެވެ. ޝާޔާއަށް ސަރުކާރުގެ ސްކޮލަރޝިޕް ލިބުނެވެ. ބޭނުންވާ ދާއިރާއަކުން ބޭނުން ގައުމަކުން ކުރިއަށްދާން ވީއެވެ. މިލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ވީހާވެސް އަވަހަށް ހިފަން ޝާޔާ ބޭނުންވި އެވެ. އޭނާ ކުރިއަށްދާން ބޭނުންވާ ދާއިރާ ކަމުގައިވާ ބޯޓު ބިލްޑިންގް ގެ ދާއިރާއިން ފެންވަރު ރަނގަޅު ކޯހެއް ރާއްޖެއިންބޭރުން ހަދަން ޝާޔާ ބޭނުންވި އެވެ.
ހަގީގަތުގައި ބޯޓު ބިލްޑިންގެ ދާއިރާއިން ކުރިއަށް ދިއުމަކީ އިއްޔެއަކު މިއަދަކު ޝާޔާގެ ހިތުގައި އުފެދުނު ޝައުގުވެރިކަމެއް ނޫނެވެ. އެއީ މީގެ 8 އަހަރު ކުރިން ޝާޔާގެ 10 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ޝާޔާގެ ބައްޕަގެ ރިސޯޓެއްކަމަށްވާ ގިލިލަންކަންފުއްޓަށް ދިޔައިރު ދެކުނު އެފްރިކާގެ އަންހެނެއް ގެންގުޅުނު ޕްރައިވެޓް ޔޮޓެއްފެނި އުފެދުނު ޝައުގުވެރިކަމެކެވެ. އެ އަންހެންމީހާ އަކީ ޝާޔާގެ ބައްޕަ ޒައިދުގެ ގާތް ރަހުމަތްތެރިއެކެވެ. އެހެންކަމުން އެފަހަރުވެސް ޝާޔާ މެންނާއެކު ގިނަވަގުތު ތަކެއް ހޭދަކޮށް ހެދިއެވެ. އެހެންއުޅުމުގެ ތެރޭގައި ޝާޔާ އެއަންހެންމީހައަށް އެޔޮޓާ ބެހޭގޮތުން ވަރަށް ގިނަ ސުވާލު ކޮށް ހަދައެވެ. އެފަދަ ރީތިޔޮޓެއް ހަދަން އެނގޭނީ ކިހިނެތް ހެދީމަތޯ އެދަފަ ޔޮޓެއް ހޯދީ ކިހިނެތްތޯ ވެސް ޝާޔާ ސުވާލު ކުރިއެވެ. އެ އަންހެން މީހާ ބުނީ އެފަދަ ޔޮޓާ، ސަފާރީ ދޯނި ފަދަ އެއްޗެހި ހަދަން ކިޔަވައިދޭ ކޮލެޖެއް ދެކުނު އެފްރިކާގައި ހުންނާނެ ކަމަށެވެ. އަދި ބޮޑުވެގެން އޭނާ ގާތަށް ދެކުނު އެފްރިކާއަށް ކިޔަވަން އަންނަން އެދުނެވެ. އެދުވަހުއްސުރެ ޝާޔާގެ އުންމީދަކީ އެދާއިރާއިން އެންމެ ރަނގަޅަށް ކިޔަވައިދޭތަނެއް ހޯދުމަށް އަތްފުނާ އެޅިއެވެ. ޝާޔާ ބެލިބެލުމުން އެދާއިރާއިން އެންމެ ރަނގަޅު ތައުލީމެއް ދެމުން އަންނަނީ ދެކުނު އެފްރިކާގެ ފޯލްސްބޭ ކޮލެޖުންނެވެ. މާބޮޑު އުދަގުލަކާ ނުލައި ޝާޔާއަށް އެކޮލެޖުން ކުރިއަށްދާ ބޯޓް ބިލްޑިންގެ ދާއިރާއިން 3 އަހަރު ދުވަހުގެ ކޯހަކުން ޖާގަ ލިބުނެވެ. ދެކުނު އެފްރިކާއަށް ދިއުމަށް ހަމަޖެހުނީ އެއްހަފްތާފަހުން ނެވެ.
ދެކުނު އެފްރިކާއަށް ޝާޔާ ދިއުމުގެ ކަންކަން ހަމަޖެހުނީއްސުރެ ޝާޔާގެ މަންމަ ރިފްގާ ހުންނަނީ މާޔޫސްވެ ކަންބޮޑުވެފަ އެވެ. ޝާޔާއަށް މިކަން ފާހަގަ ވުމުން އޭނާގެ މަންމައާ އެތައް ސުވާލެއް އަމާޒުކުރަމުން ދިޔަ އެވެ. މަންމަމެންނާ ދުރަށް ދާން އުޅޭތީ ކަންބޮޑުވަނީތޯ ނޫނީ ހިތްހަމަނުޖެހެނީތޯ ސުވާލުކުރެއެވެ. ނަމަވެސް ރިފްގާ ބުނަމުންދިޔައީ އެއީ އެހެންވެ ވެގެން އުޅޭގޮތެއް ނޫންކަމުގައެވެ. ދަރިފުޅުވެސް ކިޔަވައިގެން މޮޅު ކުއްޖަކަށްވާން މަންމަވެސް ބޭނުންވާ ކަމުގައެވެ. ދަރިފުޅަށް ލިބޭ ކޮންމެ ކުރިއެރުމަކާ އުފަލަކީވެސް ހަމަ މަންމައަށް ވެސް ލިބޭ ކުރިއެރުމަކާ އުފާކަމުގައި ބުނަމުން ދިޔައެވެ. އެއްވެސް ހާލެއްގައި އޭނާ ކަންބޮޑުވެފައި ހުރިކަން ޝާޔާއަށް އެނގޭކަށް ބޭނުމެއް ނޫނެވެ.
އެންމެ ފަހުން ރިފްގާގެ ކަންބޮޑުވުން ފިރިމީހާ ޒައިދުއާ ހިއްސާ ކުރި އެވެ. ހަގީގަތުގައި އޭނާ ކަންބޮޑުވަނީ ޝާޔާ އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭތީއެވެ. ޝާޔާ ދިއުމުން އެކަނިވެރިވާނެ މިންވަރު އިހްސާސްކުރެވޭތީއެވެ. ޝާޔާއަކީ ރިފްގާގެ ބަނޑުއަޅައި ވިހޭ ދަރިއެއްކަމުގައި ނުވިއަސް އޭނާގެ ހިތްވަނީ އެކުއްޖާ އަށްޓަކައި މައިވަންތަކަމުގެ ލޯބިން ޒީނަތްތެރި ކުރެވިފައެވެ. ޝާޔާއަކީ އޭނާގެ ހިތުގެ ވިންދެވެ. ދިރިއުޅުމުގެ އުންމީދެވެ. ޒައިދު ރިފްގާއަށް ވަރަށް ވިސްނައިދިނެވެ. އަދި މިއީ ކަންބޮޑުވާންވީ ވަގުތު ނޫންކަމުގައި ބުންޏެވެ. އޭގެ ބަދަލުގައި މިއީ މަންމަމެންނާ ކިތަންމެ ދުރުގައު އުޅެންޖެހުނު ކަމަށްވިއަސް ދީނީ ކަންކަމަށް ފަރުވާކުޑަ ނުކޮށް ރަނގަޅަށް ކިޔަވައި ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް ނަސޭހަތްދީ ހިތްވަރުދޭންވީ ވަގުތުކަމަށެވެ. ޝާޔާ އެކޮޅުގައި ހުންނަން ހަމަޖެހުނީ ޒައިދުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމުގައިވާ ޝެލީންގެ ގޭގައި ކަމުގައި ޒައިދު ބުންޏެވެ. އޭނާ ޝާޔާއަށް ދެރަގޮތެއް ނުހަދާނެކަމުގެ ފުރިހަމަޔަގީން ކަން ޒައިދު ދިނެވެ. މި ވަހަކަ އަޑުއިވިފައި ރިފްގާގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އެއް ހަފްތާ ވީ ހީވެސް ނުކުރާހާ އަވަހަށެވެ. ފުރާދުވަސް ޖެހުނުއިރު ދެކުނު އެފްރިކާއަށް ދިއުމަށް ޝާޔާވަނީ އެންމެ ފުރިހަމައަށް ތައްޔާރުވެފައެވެ. މައިންބަފައިންގެ ނަސޭހަތާ ހެޔޮދުއާއިން އެހިތްވަނީ ފުރިފަ އެވެ.
ޝާޔާ ދެކުނު އެފްރިކާއަށް ދިޔަ އެންމެ ފުރަތަމަ ދުވަހުވެސް ޝެލީންގެ ފަރަތުން ލިބުނު އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުން ޝާޔާ އުފާވިއެވެ. ޝާޔާ އެދޭކޮންމެ އެދުމެއް ފުއްދައި ދެމުން ދިޔައީ ލޯތްބާއެކުއެވެ. ދެކުނު އެފްރިކާގެ ކެއުންތައް ޝާޔާއަށް އަދި އާވުމުން ޝާޔާއަށް ރަނގަޅަށް ނުކެވޭތީ ޝާޔާގެ މަންމަ ގާތުގައި އަހައިގެން ޝެލީންނަށް ވީވަރަކުން ކާނާ ތައްޔާރުކޮށްދީ ހަދައެވެ. މިކަމާ ޝާޔާ ވަރަށް ހިތްހަމަޖެހުނެވެ. އަދި ޝެލީންގެ ހިތްހެޔޮކަމުގެ ވާހަކަ އޭނާގެ މަންމަ ގަތުގައި ޝާޔާ އަބަދުވެސް ދައްކާ ހަދައެވެ. މިކަމާ ރިފްގާވެސް ވަރަށް އުފާވިއެވެ.
ކޮލެޖަށް ދިޔަ ފުރަތަމަ ދުވަހުވެސް ޝާޔާއަށް މުޅިންވެސް ފެންނަމުން ދިޔައީ އައު މަންޒަރުތަކެކެވެ. ބީރައްޓެހި މޫނުތަކެކެވެ. އެކޯހުގައި ބައިވެރިވި ހަމައެކަނި އަންހެން ދަރިވަރަކީވެސް ޝާޔާއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން ޝާޔާގެ ހިތުގައިވާ އަޒުމަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. ކޯހުން ރަނގަޅު ކާމިޔާބީއެއް ހޯދުމަަކީ އޭނާގެ އުންމީދެވެ. ޝެލީންގެ ފަރާތުންވެސް ޝާޔާގެ ކިޔެވުމަށްވެސް ނުހަނު އެހީތެރިކަމާއި އެއްބާރުލުން ލިބެމުން ދިޔައެވެ. ހިތްވަރާއެކު ކިޔަވައިފި ނަމަ ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދެވިދާނެކަން ޝެލީން ހަނދާން ކޮށްދެމުން ދިއައެވެ.
ދުވަސްތައް ފާއިތުވެގެން ދިޔަވަރަކަށް ކިޔަވަންޖެހޭ އެއްޗެހި ގިނަވެ ކުރަންޖެހޭ މަސައްކަތް އިތުރުވަމުން ދިޔައެވެ. ނަމަވެސް ޝާޔާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ގަޑިން ގަޑިއަށް ހުރިހާ މަސައްކަތެއްވެސް ނިންމަމުން ދިޔައެވެ. މިގިތުގައި މަސައްކަތްކޮށް ކޯހުގެ އެންމެ ފަހުއިމްތިހާނާ ކުރިމަތިލައި މުޅި ކޯހުންވެސް އެއްވަނަ ޝާޔާ ހޯދިއެވެ. ޝާޔާގެ އެ ކާމިޔާބީފާހަގަކޮށް ޝެލީން މަރުހަބާ ކިޔެއެވެ. ޝާޔާގެ މައިންބަފައިންވެސް އެފަދަ ފުރިހަމަ ކާމިޔާބީއެއް ހޯދީތީ އުފާކުރިއެވެ. މައިންބަފައިންގެ ފަރާތުން ތައުރީފުގެ ބަސްތައް އޮހެމުންދިޔަ އެވެ.
ޝާޔާއަށް ލިބުނު ކާމިޔާބާއެކު ރާއްޖެއައުމުން ޝާޔާގެ މައިންބަފައިން ޝާޔާއަށް ހޫނު މަރުހަބާއެއް ކިޔެވެ. އަދި އޭނާގެ ކާމިޔާބީ ފާހަގަ ކުރުމަށް ގޭގައި ޕާޓީއެއްވެސް އޮތެވެ. މިޕާޓީގައި ޝާޔާގެ ސްކޫލް ދައުރުގެ ރައްޓެހިންވެސް ބައިވެރިވި އެވެ. މިކަމާ ޝާޔާ އުފަލުން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ޝާޔާ އުޅޭ ކަހަލައެވެ. އޭނާއަށްޓަކައި އެވަރުގެ ކަމެއް ކޮށްދިނީތީ ޝާޔާގެ މައިންބަފައިންނަށް ޝުކުރު އަދާކުރީ ހަމަ އެވަގުތު އެވެ. ޝާޔާއަށްވީ އެހެން ހަދިޔާއެއް އޮންނާނެ ކަމުގައި ޝާޔާގެ މައިންބަފައިން ހާމަކުރި އެވެ. ޝާޔާ އޭނާގެ ބައްޕަގެ މޫނަށް ބަލާލީ އެހަދިޔާއަކީ ކޮބައިތޯ ސުވާލުކޮށްލާފަދަ ގޮތަކަށެވެ. އޭނާއަށް އެ ޕާޓީވެސް ހަދިޔާއަކަށް ފުދެއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒައިދުވެސް ޝާޔާއާއި ކޮށްލީ ސުވާލެކެވެ. ޝާޔާ ކިޔަވައިގެން އައި އެއްޗެއް ބޭނުން ހިފަން ގަސްތުކުރަނީ ކިހިނެތްތޯ އަހާލިއެވެ. މާބޮޑު ވިސްނުންތަކަކާއި ނުލައި ޝާޔާ ޖަވާބުދިނެވެ. މީގެ ކުރިން އެސުވާލަށް ޖަވާބު ދިނުމަށް ތައްޔާރުވެފައިވާ ކަހަލައެވެ. ޝާޔާބޭނުންވީ ބޯޓް ބްލްޑިންގެ ދާއިރާގެ މަސައްކަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ކުރާ ބަޔަކު ބަލައި އެބަޔަކާ އެއްކޮށް އެ މަސައްކަތް ކުރަން ކަމުގައެވެ. ޝާޔާގެ ޖަވާބު ލިބުމާއެކު ހަދިޔާއަކީ ކޮބައިކަން ޒައިދު ހާމަކޮށްލިއެވެ. އެއީ މަންމައާއި ބައްޕައާއެކު ރާއްޖޭގެ އެމަަސައްކަތް ކުރާ ތަންތަން ބަލަން ދިއުމެވެ. އެވަރުގެ ހަދިޔާއެއް ދޭން ނިންމުމުން ޝާޔާވަރަށް އުފާވިއެވެ. ކޮންމެ ވަގުތަކުވެސް އޭނާއާ އެންމެ ގަތުގައި ވުމަށް މައިންބަފައިން މަސައްކަތްކުރާތީ އެެވެ.
މާގިނަ ދުވަސްތައް ބޭކާރުކޮށްނުލައި އެމަސައްކަތްކުރާ ތަންތަން ބަލާލަން ދިއުމުގެ މަސައްކަތް ފެށިއެވެ. އެކި ތަންތަން ބެލިއިރުވެސް ޝާޔާ ހިތްހަމަޖެހޭ ވަރުގެ ތަނަކާ ދިމައެއް ނުވިއެވެ. ދެންއޮތީ ހަމައެކަނި ނުދެވި ރ.އަލިފުއްޓެވެ. ނަމަވެސް އަލިފުއްޓަށް ދާންޖެހުމުން ރިފްގާ ވަރަށް ކަންބޮޑުވި އެވެ. އަދި އެކަމާ ދެކޮޅުވެސް ހެދި އެވެ. އެރަަށަށް ހިނގައްޖެނަމަ އޭނާގެ އަތުން ޝާޔާ ގެއްލިދާނެކަމުގެ ބިރުހީވަނީ އެވެ. ނަމަވެސް ޝާޔާ އާދޭސް ކުރުމުން އެކަމަށް އެއްބަސްވި އެވެ. ހަގީގަތުގައި ޒައިދުވެސް ޝާޔާ ގޮވައިގެން އެރަށަށް ދާން އެހާހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް ޝާޔާ އެދުމަކާ ދެކޮޅުހެދުމަކީ ކުޅަދާނަ ކަމެއްނޫނެވެ. އެހާވެސް ޝާޔާދެކެ ލޯބިވެއެވެ.
ރ.އަލިފުއްޓަށް ދެވުމާއެކު ދަތުރުގެ ވަރުބަލި ފިލުވާލައި ހަވީރު ވުމުން ރަށުތެރެ ބަލާލުމަށް ނުކުމެލީ އެރަށުގައު އެކަން އެންމެ ފުޅަކޮށް އެމަސަައްކަތްކުރާ މާވަޑި އަހުމަދާ ބައްދަލުކޮށްލުމުގެ ބޭނުމުގަ އެވެ. މީގެ ކުރިންވެސް ޝާޔާގެ މައިންބަފައިން އެރަށަށް އައިސްފައިވާތީ ރަށުތެރޭ ހިނގަން ނޭނގިގެން އުޅޭކަށް ނުޖެހުނެވެ. ކޮންމެ ތަނަކަށްވެސް ދާން އެނގެއެވެ. މާވަޑި އަހުމަދަ ބައްދަލުކޮށް އެމީހުން އައި ބޭނުން ބުނެދިނުމުން އޭނާއެކު ބޯޓް ޔާޑަށް ދިއުމަށް ޝާޔާއަށް ދައުވަތު ދިނެވެ. އެތަނުގެ މަސައްކަތް ޝާޔާވަރަށް ފަރުވާތެރިކަމާއެކު ބެލިއެވެ. ބަންނަން ފަށާފައިހުރި ބޯޓުތަކާއި ސަފާރީތަކާއި އެއްޗެހި އެތަނުގައި ހުއްޓެވެ. ޝަޔާބޭނުންވީ އެބޯޓް ޔާޑުގައި މަސައްކަތް ކުރާށެވެ. އެތަނުގެ މަސައްކަތްތަކުގައި ދޭތެރޭ ހިތްހަމަޖެހޭތީއެވެ. ޝާޔާއަށް އެފުރުސަތު މާވަޑި އަހުމަދު ދިނެވެ. އެދާއިރާއިން ކިޔަވައިގެން ހުރި ތައުލީމި ޒުވާނަކަށް ފުރަގަސް ދޭނީ ކިހިނެތް ހެއްޔެވެ؟ ނަމަވެސް އެ އަންހެން ކުއްޖާ އެފަދަ ދާއިރާއަކުން ފެނުނީތީ މާވަޑު އަހުމަދު ހައިރާންވި އެވެ.
ފާއިތުވަ ކޮންމެ ދުވަަހަކުވެސް ޝާޔާ އޭނާގެ ހުނަރުވެރިކަމާއި ގާބިލުކަން އޭނާގެ މަސައްކަތުން ސާބިތުކޮށްދެމުން ދިޔައެވެ. އުޅުމުގެ ތެރޭގައި މާވަޑި އަހުމަދު ހިތުގައި އެތައް ސުވާލެއް ފުނިޖެހެމުންދިޔައެވެ. ސަބަބަކީ އޭނާ ގަބޫލްކުރާގޮތުގައި އެދާއިރާއިން ކުރިއަށް ދެވޭނީ ފިރިހެން ކުދިންނަށެވެ. މިހާތަނަށް އެ ދާއިރާއިން ފެންމުންދަނީވެސް ފިރިހެން ކުދިން ކަމަށް ވާތީއެވެ. އަދި އަންހެން ކުއްޖެއްގެ ގައިގައި އެފަދަ ހިތްވަރު ހުރިތަން އޭނާގެ ލޯ ކުރިމަތިން ހަމަވަމުން ދާތީއެވެ. އޭނާ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ޝާޔާއާއި ކުރަމުން ދިޔައެވެ. މި ދާއިރާއިން ކުރިއަށް ދިއުމަށް ވިސްނީ ކިހިނެތް ވެގެންތޯ އަހަމުން ދިޔައެވެ. އަދި އެހިތްވަރު ލިބުނީ ކިހިނެތްތޯވެސް އެހިއެވެ. އޭނާގެ މައިންބަފައިންނާ ބެހޭގޮތުންވެސް މާވަޑި އަހުމަދު ސުވާލިކޮށް ހަދައެވެ. ކޮންމެ ސުވާލަކަށްވެސް ޝާޔާ ވަރަށް ފުރިހަމަކަމާއެކު ޖަވާބުދެމުން ގެންދިޔަ އެެވެ. ނަމަވެސް މާވަޑި އަހުމަދުގެ ހިތައް އެއްވެސް ހަމަޖެހުމެއް ނުލިބެ އެވެ.
މާވަޑި އަހުމަދާއެކު މަސައްކަތްކުރުމުގެ ތެރޭގައި އެފެދިފައި އޮންނަ ރަހުމަތްތެރި ކަމުގެ ސަބަބުން ޝާޔާ މާވަޑި އަހުމަދުގެ ގެޔަށްގޮސް ހަދަ އެވެ. އޭނާގެ އަންހެނުން ޒުބޭދާވެސް ޝާޔާއަށް ވަރަށް ރަނގަޅެވެ. ޝާޔާ އެކޮޅުގައި މަސައްކަތް ކުރަން ނިންމުމުން ޝާޔާއެރަށުގައި ހުރުމަށް ގެއެއް ކުއްޔަށް ހިފައިދީފައި އެކޮޅުގައި ދުވަސް ކޮޅަކު މަޑުކޮށްލުމަށް ފަހު ޝާޔާގެ މައިންބަފައިން މާލެދިޔައީއެވެ. އެހެން ކަމުން ޝާޔާވެސް ފޫހިވާތީ ދާނެއެހެންތަނެއް ނެތުމުން މަސައްކަތް ނިންމާލާފައި ޒުބޭދާގާތަށް ގޮސްހަދަ އެވެ. މިހެންގޮސް އުޅޭއިރު ޒުބޭދާގެ ފަރާތުން ޝާޔާއަށް ފާހަގަ ކުރެވޭކަމެއް އޮވެއެވެ. އެއީ ޝާޔާއެކު އޭނާ ހޭދަކުރާވަގުތުތަކުގައި އަބަދުވެސް ހިޔާލަކަށް ގެއްލިފައި އިންނަކަމެވެ. މިކަމާ ޝާޔާ ސުވާލު ކުރުމުން ޒުބޭދާ ބުނީ އޭނާއަށް ވެސް ޝާޔާފަދަ އަންހެން ކުއްޖަކު ލިބުނުކަމަށެވެ. ނަމަވެސް ނަސީބު ދެރަކަމުން ވިހާފައި މާގިނަ އިރެއްނުވެ ނިޔާވީކަމުގަ އެވެ. އެކުއްޖާ ދުނިޔޭގައި ހުރިނަމަ ޝާޔާފަދައިން ކިޔަވައިގެން މޮޅުވެގެން އޭނާ ބައްޕައާއެކު މަސައްކަތްކުރަން ހުންނާނޭ ވަރަށް ހިތައްއަރަ ކަމުގަ އެވެ. އެދެމައިން ދެއްކިވާހަކަ މާވަޑި އަހުމަދަށް އިވުނެވެ. އޭނާ އެކަމާ ވަރަށް ދެރަވިއެވެ. އަދި މީގެ ވިއްސަކަށް އަހަރުކުރިން ކުރެވުނު ކަންތަކާއި ދޭތެރޭ ވިސްނާލައި އެކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރޭކާލިއެވެ. އެވިސްނުމުގައި ހުއްޓާ އެއްލި ކަޅިއަކުން ފެނުނީ ވާތު ކަންފަތް ކައިރީ އިން ލަފެވެ. އޭނާއަށް އެފަދަ ލަފެއް ހަމަ އޭނާގެ ދަރިފުޅު ވާތުކަންފަތުންވެސް ފެނުނެވެ.
އެހެންކަމުން އޭނާ ގަސްތުކުރީ ޝާޔާގެ މައިންބަފައިންނާ ބައްދަލުކުރާށެވެ. މިވާހަކަ ޝާޔާގާތުގައި ބުނުމުން އޭނާ ބުނީ މިއަދު އޭނާ ދެކިލަން އަންނަން އުޅޭ ވާހަކަ މަންމަމެން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އެރޭ އިޝާ ނަމާދުން ފައިބައިގެން މާވަޑި އަހުމަދު ގަސްތުކުރީ ޝާޔާގެ މައިން ބަފައިންނާ ބައްދަލު ކުރުމަށް ދިއުމަށެވެ. އެގެއަށް ދިޔައިރު ޝާޔާގެ މައިންބަފައިން ހަބަރު ބަލަން ތިއްބެވެ. ނަމަވެސް ޝާޔާއެއް ފެންނާކަށް ނެތެވެ. މާވަޑި އަހުމަދު އަވަސްވެގަތީ އޭނާ ކުރަން އައި ކަންތައް ވަގުތު ބޭކާރުނުކޮށް އަވަހަށް ކުރާށެވެ. އެންމެ ފުރަތަމަވެސް ޝާޔާގެ މައިންބަފައިންނާ ކޮށްލި ސުވާލަކީ ޝާޔާއަކީ އެމީހުންގެ އުފަން ދަރިއެއްތޯ އެވެ. ކުރިމަތިވާން މިއުޅެނީ ކޮން ކަންތައްގަނޑެއް ބާއޭ ހިތަށްއަރައި ރިފްގާ ބިރުން އިދެ ޒައިދުގެ އަތުގައި ބާރަށް ހިފާލި އެވެ. އަދި ޒައިދު ވަރަށް ކެތްތެރިކަމާއެކު އެސުވާލަށް ޖަވަބު ދިނެވެ. ޝާޔާއަކީ އެމީހުންގެ އުފަންދަރިއެއް ނޫންކަމުގަ އެވެ. ނަމަވެސް އެމީހުން ޝާޔާ ބަލާބޮޑުކުރަމުން މިގެންދަނީ އުފަންދަރިއެއް ފަދައިން ކަމަށް ބުންޏެެވެ. ޖަވާބުލިބުމާއެކު މާވަޑި އަހުމަދުގެ ހިތުގައި ހުރި ސުވާލުތަށް ފަހަރަކު ސުވާލަކަށް ފަހު ސުވާލެއް ބޭރު ކުރަމުން ދިޔަ އެވެ.
ޒައިދު ހުރިހާ ވާހަކައެއްވެސް ކިޔާދިނެވެ. އެދެމަފިރިންނަށް ކުދިން ނުލިބޭކަމުގައި ބުންޏެވެ. އަދި ޝާޔާއަކި މީގެ ވިއްސަކަށް އަހަރުކުރިން އެމީހުން އަލިފުއްޓަށް އައި ދަތުރެއްގައި އެއްދުވަހެއް ފަތިހުގެ ވަގުތު އަތިރިމަތީގައި ހިނގާލަން ނުކުމެ އުޅެނިކޮށް ގަސްތަކުގެ ތެރެއިން ކުއްޖަކު ރޯ އަޑު އިވުމުން ގޮސް ބެލިއިރު އޮތްކުއްޖެއްކަމުގަ އެވެ. އެމީހުން ކުއްޖަކު ބޭނުންވެފައި ތިބިލެއް ބޮޑުކަމުން ޝާޔާގެންދިއައީ ކަމުގަ އެވެ. މިވާހަކަތައް އަޑު އިވުމުން މާވަޑި އަހުމަދަށް ވަރަށްބާރަށް މަގޭ ދަރިފުޅާއޭ ކިޔާފައި ގޮވާލެވުނެވެ. އެވަގުތު ޝާޔާ ގިސްލުމުގެ އަޑު އިވުނެވެ. ޝާޔާއަށް ކިތަންމެ ރަނގަޅަކަށްވެސް އެމީހުން ދެއްކިވާހަކަ އެނގިއްޖެކަން އެންމެނަށްވެސް ޔަގީންވި އެވެ. އެއިރު ޝާޔާ އޭނާގެ އަސްލު މަންމައާއި ބައްޕަ ކައިރިއަށް ގޮސްދާނެތީ ރިފްގާ ދެރަވެގެން ރޮނީއެވެ. އެންމެންވެސް ތިބީ ޝާޔާދެން ކަންތައް ކުރާނެގޮތް ނޭނގިފައެވެ. ޝާޔާއަށް އެހެން ހެދީ ކީއްވެތޯ މާވަޑި އަހުމަދާ ސުވާލުކުރި އެވެ. އޭނާ ލަދުން އިސްޖެހިއެވެ. އަދި ހުރިހާ ވާހަކަ އެއް ކިޔައި ދިނެވެ.
އެއީ މީގެ ވިއްސަކަށް އަހަރު ކުރިން އޭނާއަށް ޝާޔާ ލިބުންވާހަކަ ބުންޏެވެ. ނަމަވެސް އޭނާ ބޭނުންވީ ފިރިހެން ކުއްޖެކެވެ. އޭނާއެކު މަސައްކަތް ކުރެވޭނީ ފިރިހެން ދަރިންނަށް ކަމަށް އެއިރު ގަބޫލް ކުރެވިފައިވާތީ އެވެ. އަދި އޭނާ ނެތްދުވަހަކުންވެސް އެމަސައްކަތް ކުރެވޭނީ ފިރިހެން ދަރިއަކަށް ވާތީ އެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެއްކަން ޝާޔާ ސާބިތު ކޮށްދީފި ކަމަށް ބުންޏެވެ. އޭނާ އެއްވެސް ހާލެއްގައި އަންހެން ދަރިއެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން ޑޮކްޓަރަށް ފައިސާ ދީގެން ދަރިފުޅު މަރިވީކަމަށް ހެދީއެވެ. ދަރިފުޅު ވިހެއީ ދަންވަރުގެ ވަގުތެއްގައި ކަމުން އެއްވެސް މީހަކަށް ނޭނގި ގެއްގޮސް ދަރިފުޅު އެއްލާލީ ކަމަށް ބުންޏެވެ. އަދި އެއިން އެއްވެސް ކަމެއް ޝާޔާގެ މަންމައަށް ނޭނގޭނެ ކަމަށް ބުންޏެވެ. ޝާޔާ އޭނާގެ މަންމައަށް މާފުކުރުމަށް މާވަޑި އަހުމަދު އެދުނެވެ. އަދި ކޮށްދެވެންޏާ ބައްޕައަށްވެސް މާފުކޮށްދިނުމަށް އެދުނެވެ. ޝާޔާ އޭނާ ބޭނުންވި ގޮތް އިއްވާލި އެވެ. އެއީ އޭނާގެ މަންމަ އެތަނަށް ގެނެސް މަންމައަށް ހުރިހާ ވާހަކައެއް ކިޔާދިނުމަށެވެ. އަދި މަންމަ ފަރާތުން މައާފަށް އެދުމަށެވެ. މާވަޑި އަހުމަދު ލަހެއްފަހެއްނެތި އެބުނި ގޮތަށް ކަންތައްކުރި އެވެ.
އެވާހަކަތައް އަޑުއަހާފައި ޒުބޭދާ ހުރީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފަ އެވެ. މި ހުރިހާ ދުވަހު އޭނާގެ ހިތުގައި އަހުމަދާ ދޭތެރޭއޮތް ލޯބި ނަފްރަތަށް ބަދަލު ވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޒުބައިދާ އަހުމަދަށް މާފުކުރާކަށް ބޭނުމެއް ނޫނެވެ. ނަަމަވެސް ޝާޔާ އެދުނީތީ އެކަން ކޮށްދިނެވެ. އަދި ޝާޔާވެސް އޭނާގެ މައިންބަފައިންނަށް މާފު ކުރިއެވެ. އޭނާއާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިއަށް އެމީހުންނާ ދޭތެރޭ ހިތްބަރުކުރަން ބޭނުން ނުވާތީއެވެ. އަދި އޭނާ ބަލާބޮޑުކުރި މައިންބަފައިން ދޫކޮށްލަން ބޭނުން ނޫންކަމަށް ޝާޔާ ބުންޏެވެ. އެެހެން ކަމުން އޭނާގެ އަސްލު މައިންބަފައިން ނަށްވެސް އެގެއަށް އައިސް އެމީހުންނާއެކު އުޅުމަށް އެދުނެވެ. ރިފްގާމެން މިކަމާ ލޮލުން ބޮލުން ގަބޫލު ވިއެވެ. އަދި މީހުންދިން ތަރުބިއްޔަތުގެ ފޮނި ނަތީޖާ ނިކުމެއްޖެކަމުގެ އިހްސާސް ކުރެވުނެވެ.
ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބާއްވާ 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 B ގެ މަރިޔަމް ޝަހާ އެވެ.