ބަނަފްސާގެ ޖަމީލާ އިބްރާހިމް (ޖަމީ) އޭ ބުނުމުން ކާކުކަން ނޭނގޭނެ މީހަކު މަދުވާނެ އެވެ. ކުރީގައި ނަމަ ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުންނެވެ. މިހާރު ކޭކު އެޅުމުގެ ދާއިރައިން ނެވެ. ޖަމީލާ ނުވަތަ ޖަމީއަކީ ކުޅުދުއްފުށީގައި މިވަގުތު ހުރި އެންމެ ފުންނާބު އުސް ކޭކު އެޅުންތެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ކުޅުދުއްފުށީ އޮންލައިނަށް ދިން އިންޓަވިއުގައި ޖަމީ ބުނީ ކޭކު އެޅުމުގެ ހިޔާލު އުފެދުނީ ޕްރީ ސްކޫލުގައި އުޅުން ދުވަސްވަރު ދަރިވަރުންގެ އުފަންދުވަސްތަކަށް އަމިއްލަޔަށް ކޭކު އެޅުމުގެ ހިޔާލު އައި ހިސާބުން ކަމަށާއި އެހެން ނަމަވެސް އެދާއިރާއަށް ބޮޑަށް ޝައުގުވެރިކަން އުފެދުނީ ސްކޫލުން ވަކިވުމަށް ފަހު ކަމަށެވެ.
ޖަމީ ކޭކު އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2008 ވަނަ އަހަރު އެވެ. ޖަމީ ބުނީ މިއީ ކުރިއަށް ދެވިއްޖެނަމަ ރަނގަޅު ދާއިރާއެއް ކަމަށާއި އެހެންނަމަވެސް ފަށައިގަތް އިރު މިއީ އުދަނގޫ ކަމެއް ކަމަށެވެ. ހާއްސަކޮށް ބޮޑު ގޮންޖެހުމެއް ކަމަށް ބުނަންޖެހެނީ ކޭކު އެޅުމަށް ބޭނުންވާ ތަކެތި ފަސޭހައިން ރަށުން ނުލިބޭތީ އެވެ.
“މިރަށުން އެއްޗެހި ނުލިބޭތީ އުދަނގޫވަނީ. ކުލަ ކޮޅެއް އެއްޗެއްވެސް ނުލިބޭ. އެއީ އެންމެ ބޮޑު އުދަނގުލަކީ ރަށުން(ކުޅުދުއްފުށީ) އެއްޗެހި ލިބެން ނުހުރުން.” ޖަމީ ބުންޏެވެ.
މިދާއިރާއިން ރަން މެޑަލް ހޯދުމުގެ ހުވަފެން ދެކޭ ޖަމީ ވަނީ މިދިޔަ އަހަރު މާލޭގައި ބޭއްވި ފުޑް އެންޑް ހޮސްޕިޓާލިޓީ އެޝިއާ ފެއާގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން ގެ 2 ކެޓަގަރީއަކުން ރިހި މެޑަލް ހޯދާފަ އެވެ. އެއީ ވެޑިން ކޭކު އަދި އޮން ދަ ސްޕޮޓުން ނެވެ.
ޖަމީ ވަނީ އޭނާ ތައްޔާރުކުރާ ކޭކާއި ޕޭސްޓްރީގެ ވައްތަރުތައް ޔޫމީ ޖަމީގެ ޕޭޖްގައި ޕޯޓްކުރަމުންނެވެ.
ޖަމީ ބުނީ އަޅަން އުދަނގޫ ކޭކެއް މިހާތަނަށް ނެތް ކަމަށާއި ބޮޑަށް އަޅާހިތްވަނީ ބޮޑެތި ވެޑިން ކޭކު ކަމަށެވެ.
“އަޅަން އުދަނދޫ އެއްވެސް ކޭކެއް ނުހުރޭ. އެކަމަކު ބޮޑަށް އަޅާހިތްވަނީ ވަރަށް ބޮޑެތި ބޮޑެތިކޮށް ހުންނަ ކޭކު” ޖަމީ ބުންޏެވެ.
އެގޮތުން މިހާތަނަށް އެޅުނު އެންމެ ބޮޑު ކޭކަކީ ފަސްކޭކު ބޭނުން ކޮށްގެން ހެދި ކޭކު ކަމަށެވެ. ޖަލީ ބުނީ މިއީ އަންހެންވެރިން ގޭގަ ތިބެގެން ކުރަން ވަރަށް ރަގަޅު މަސައްކަތެއް ކަމަށާއި މިކަމުން އެކަށިގެންވާ އާމުދަނީއެއް ވެސް ލިބޭ ކަމަށެވެ.
މިކަމަށް ކުދިން ޝައުގުވެރިކަން ނުހުންނަނީ ކީއްވެތޯ ސުވާލު ކުރުމުން ޖަމީ ބުނީ ބުރަ މަސައްކަތަކަށް ވެފަ މިކަމަށް އެހާ ހޭލުންތެރިކަން ނެތީމަ ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް ރަގަޅަށް ކުރެވިއްޖެނަމަ މިއީ ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށެވެ. އޭގެ އިތުރުން ޖަމީއަށް ލިބިފައިވާ ހުނަރާއެކު އެހެން ކުދިންނަށް މިކަން ދަސްކޮށްދިނުމުގެ ހިޔާލުވެސް ޖަމީ ގެންގުޅެ އެވެ.
އެގޮތުން މިދިޔަ އަހަރު އޮކްޓޯބަރ މަސްތެރޭ ކޯހެއް ކުރިއަށް ގެންދިއުމުގެ ހިޔާލު ޖަމީ ކޮށްފައި ވިނަމަވެސް ދިމާވި އެކި ސަބަބުތަކަށްޓަކައި ކޯސްފެށޭގޮތްވަނީ ނުވެފައެވެ.