twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ – ބަދަލު

Nov 14, 2015

ލިއުނީ: އައިޝަތު ޖަޒީލާ ހުސެއިން

އާދައިގެ މަތިން ހެނދުނު ފަތިހާ ހޭލައިގެން ސާރާ ވަނީ ބަދިގެއަށެވެ. ރޮށި ފިހެ ސައި ހަދާލުމަށް ފަހު އޭނާ ނުކުތީ ސިޓިން ރޫމް ތެރެއަށެވެ. 6:30 ވާން ކައިރިވުމުން ސާރާގެ ބޭބެގެ 3 ކުދިންނަށް ގޮވާ ހޭލައްވަން ފެއްޓި އެވެ. 7:30 އަށް ސްކޫލަށް ދާން ވާއިރަށް ސައިބޮއެގެން ފެންވަރާ ހެދޭ ވަރަށެވެ. އެންމެންނަށް ގޮވާ ފެންވަރަން ފޮނުވުމަށްފަހު ސާރާ ދިޔައީ ސައިތައްޔާރުކޮށްލުމަށެވެ. 7:15 ވުމާއެކު ސާރާގެ ބޭބެ ނުކުމެ ހުރިހާ ކުދިން ސްކޫލަށް ގެންދިޔަ އެވެ.

ސާރާއަކީ އުމުރުން 18 އަހަރުން ފެށިގެން މާލޭގައި އުޅެމުން އަންނަ ކުއްޖެކެވެ. އޭނާ ހުންނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއާއި ބޭބެގެ އަންހެނުން ކައިރީގަ އެވެ. ބޭބެ ގެ އަންހެނުން ވަސީމާވެސް ސާރާއަށް ވަރަށް ހިތްހެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ސާރާއަކީ މުރާލި، އެހާމެ ހިވާގި ކެރޭ ކުއްޖެކެވެ. ވަގުތަށް ކަމޭހިތާ ކިޔަމަންތެރި މަސައްކަތްތެރި ކުއްޖެކެވެ. މީހުން އެންމެ ގަޔާވާކަހަލަ ހުރިހާ ސިފައެއް އޭނާގެ ގައިގައި ހުރެއެވެ. މުޅިންވެސް ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަނީ ސާރާ އެވެ. ސާރާ ކިޔެވުމަށް މާލެ ގެނައި ކަމުގައި ވިޔަސް އޭނާ ކިޔަވަން ދާހިތް ނުވީއެވެ. ނަމަވެސް ދައްތަގެ އާދޭހުގެ މަތިން ފަހާ ކޯހަށް ދާން އެއްބަސްވިއެވެ.

ކުދިން ސްކޫލަށް ދިއުމުން ސާރާ ގޭތެރެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ފެށިއެވެ. ކުނިކަހާފައި މުޅި ގޭތެރޭގައި ފެންފޮތި ލިއެވެ. އެއަށްފަހު ވެފައިވާ ވަރުބަލިކަން ފިލުވަލުމަށްޓަކާ ސޯފާގައި ޖައްސާލިއެވެ. އެއިރު ދައްތަ އަދި ނުވެސް ހޭލަ އެވެ. އެހެންވެ މުޅި ގޭތެރެ ވަނީ ވަރަށް ހަމަހިމޭން ވެފަ އެވެ.

މަރިޔަމްގެ އުމުރުން އެންމެ 5 އަހަރުގައި އޭނާގެ މަންމަ ވަނީ މިދުނިޔެއާއި އަލްވަދާއި ކިޔާފަ އެވެ. އޭނާގެ ހުންނަނީ 15 އަހަރުގެ ބޭބެއެއް އެކަންޏެވެ. ބައްޕައަކީ ދަތުރުކުރަންދާ މީހެއްކަމުން އެހާ ގިނައިން ބައްޕައެއް ނުފެނެއެވެ. މަންމަ ނިޔާވުމާ ގުޅިގެން މަރިޔަމް ގެ ބައްޕަ އިބްރާހިމް ނިންމީ އެހެންމީހަކާ ކައިވެނި ކުރުމަށެވެ. ދަރިންބަލާނެ އެހެންމީހަކު ނެތީމައާއެކު އެވެ.

މަރިޔަމްއާއި ހަސަނަށް އެކުދިންގެ އާ ދޮންމަންމަ ލިބިއްޖެ އެވެ. ނަމަވެސް އެއީ އެކަކުވެސް އުންމީދު ކުރިފަދަ މީހެއް ނޫނެވެ. އެއަށްވުރެ މާ އަނިޔާވެރިކަން ބޮޑެވެ. އޭރުވެސް ދޮންމަންމަގެ ދެ ދަރިންވެސް އުޅެއެވެ. އިބްރާހިމާއި އިންފަހުން އެކުދިންވެސް އުޅެނީ މަރިޔަމްމެނާ އެއްގެޔެއްގަ އެވެ.

ހެނދުނުގެ ހިތްގައިމު ވަގުތެވެ. މަރިޔަމްގެ ބޭބެ ހަސަން ނުކުތީ ސްކޫލަށް ދިޔުމަށްޓަަކާ ވަރަށް ނަލަ ހެދިލައިގެންނެވެ. ބޯކޮށް މޫނުގައި ފުށްޖަހާފައި މުޅިގައިގައި އަތަރު ލައިގެންނެވެ. ކުއްލިއަކަށް ހަސަނަށް ވީ ތަދުން ހަޅޭއްލަވައި ގަނެވުނެވެ. އޭނާ ބާރަށް ރޯންފެށިއެވެ. ފޮތް ދަބަސްވެސް ބިންމައްޗަށް ވެއްޓިއްޖެވެ. މުޅި ޔުނީޕޯމް ހަޑިވެއްޖެ އެވެ. މިހުރިހާ ކަމެއް ވީ އިރު މަރިޔަމްހުރީ ކޮޓަރީގެ ދޮރުގައި ހުރި ލޯވަޅަކުން ބަލަހައްޓައިގެނެވެ. އޭނާވެސް ބިރުން ހަލާކުވާވަރު ވިއެވެ. ދޮންމަންމަ އޭނާގެ ބޭބެއަށް އަނިޔާކުރާތަން ބަލާކަށް އޭނާގެ ހިތަށް ކެތް ކުރެވޭ ވަރެއް ނުވިއެވެ. އެކަމަކު ގަންނާ ކުރައްވާ ބިރެއްގެ ސަބަބުން އެ ހިސާބަށް ދާކަށްވެސް ނުކެރުނެވެ.

އަނިޔާއާއި ހިތާމައިގައެ ދުވަސްތައް ވޭތުވަމުން ދިޔައެވެ.

“މަރިޔަމް! އަހަންނަކަށް ދެން މިތާކު ކެތެއް ނުކުރެވޭނެ. އަހަރެން މިއުޅެނީ ދާން” ހަސަން އޭނާގެ އާދޭސްތައް އޭނާގެ ކޮއްކޮއަށް އިއްވާލި އެވެ. އޭރު ހަސަންގެ އުމުރުން 17 އަހަރެވެ. ތަންދޮރު އެނގޭވަރު ވެއެވެ. ”

ބޭބެ ކޮންތާކަށް ތި ދަނީ އަަހަރެން ބަހައްޓާފަ.. ނުދޭ ބޭބެ.. އަހަރެން އެކަނިވާނެ އެއިރުން.” މަރިޔަމް އާދޭސް ކުރަންފެށި އެވެ.

“ބޭބެ އަދި މަރިޔަމް ގެންދާނަން އިނގޭ.. އެކަމަކު ބޭބެ މިހާރު ދާންވެއްޖެ. ވަރަށް ހިތްހެޔޮ ކުރާތި. ހަސަން ވަރަށް ހިތްވަރުކޮށްފައި ބުނެލި އެވެ.

މަރިޔަމްގެ އުމުުރުން މިހާރު 10 އަހަރު ވެއްޖެ އެވެ. ބޭބެ އެއްވެސް ހަބަރެއް ނުވެއެވެ. މަރިޔަމް ވަރަށް ބޮޑަށް އެކަނި ވެއެވެ. އޭނާގެ ބައްޕަވެސް ދަތުރުކުރަން ދިޔަގޮތަށް މިފަހަރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ކުއްލި އަކަށް މަރިއަމް އަށް ފެނުނީ ގޭ ދޮރުން މިހާކު ވަރަށް ބޮޑު ފޮށިގަނޑެއް ހިފައިންގެން ވަންނާތީ އެވެ. މަރިޔަމްގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވި އެވެ. އެމީހާ އައިސް މިއީ މަރިޔަމްގެ ބައްޕަ ފޮނުވި ހަދިޔާއެެއް ކަމަށް ބުނުމުންނެވެ. ފޮށި ހުޅުވާލަން އޭގައި އަތް ލިތަނާ ދޮންމަންމަ އަތުވެއްޖެ އެވެ. އަދި އޭނާގެ ދެ ދަރީންވެސް ކައިރީގައި ތިއްބެވެ.

“މަރިޔަމް! ތީގައި އަތްނުލާތި. ހަމަ މިހާރު ދޭ އެހެރަ ތެލިތައް ދޮވެފައި ކައްކަން އުދަން” ދެން އިވުނީ ދޮންމަންމަގެ ހަރުކަށި ބަސްތަކުގެ އަޑެވެ.

މަރިޔަމް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ހިތްދަތި ވެފައިވާލެއް ބޮޑު ކަމުން އޭނާއަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށި އެވެ. ރޮއެރޮއެ ވަރުބަލި ވެގެން މަރިޔަމް ގޮސް އެނޭގެ ކޮޓަރީގެ ދޮރުގައިވާ ލޯވަޅުން ބޭރު ބަލާލި އެވެ. އެއިރު ދޮންމަންމަައާއި އޭނާގެ ދެދަރީން ހަދިޔާތައް ނަގައިގެން އުޅޭތީ ފެނެއެވެ. ރީތި ފައިވާންތަކާއި ހެދުންތައް ހުއްޓެވެ.ސްކޫލް ދަބަހާއި ބޫޓް ހުއްޓެވެ. ހުރިހާ އެއްޗެއް ނަގައިގެން އެމީހުން ދިޔައީ އެމީހުންގެ ކޮޓަރިއަށެވެ. މަރިޔަމް ވަރަށް މަޑު މަޑުން ނުކުމެ ފޮށި ބަލާލި އެވެ. އޭގައި އޮތީ އެންމެ މެޓަ އެކެވެ. މަރިޔަަމް ދެރަވެފައި ހުރެ އެ މެޓާ ނަގައިގެން ގެންދިޔައެވެ. އޭނާލާނެ ރީތި ހެދުމެއް ނުލިބުނެވެ. އަރާނެ ރީތި ފައިވާނެއްވެސް ނުލިބުނެވެ. ހިތްވަރުކޮށްލާފައި މަރިޔަމް ދިޔައީ ދޮންމަންމަ ބުނި މަސައްކަތް ކުރެވޭތޯ އެވެ.

“އައްޗީޑި.. މަރިޔަމް.. މީގަ ނުލައޭ ރަހަޔަކުން ކުރެ ރަހައެއްވެސް.. އެއްޗެއް ކައްކާކަށްވެސް ކަލޭމެން މަންމަ ދަހެއް ނުކޮށްދޭތަ.. އަޅެ.. މާ އަވަހަށް މަރުވީދޯ؟ ހެހެ” އޭނާގެ ދޮންމަންމަ އޭނާއަށް މަލާމަތްކޮށް ހަޅޭލަން ފެށި އެވެ. އެއިރުވެސް ދޮންމަންމަގެ ދެ ދަރިން ތިބީ ހެވިފަ ދިލިފަ އެވެ. ނަމަވެސް ހުރިހާ ހިތާމައެއް ކުރަން ޖެހެނީ މަރިޔަމް އެވެ.

މަރިޔަމްއަށް ލާން ލިބެނީ ދޮންމަންމަގެ ދަރިން ލައިފައި ބާކޮށްފައި ހުންނަ ހެދުމެވެ. ނަމަވެސް މިގޮތަށްވެސް ޝުކުރުކޮށްލައިގެން މަރިޔަމް ކެތްކުރެވޭތޯ ބަލައެވެ. ކޮންމެވެސް ދުވަހަކުން މިއަށްވުރެ ރަނގަޅު ގޮތެއް ވާނޭއޭ ހިތަށް އަރުވާލާފަ އެވެ. ދޮންމަންމަ އޭނާ ތަފާތު ކުރާ ވަރު ހިތަށް އަރާފައި އޭނާ އަބަދުވެސް ރޮއެވެ. އޭނާއަށް ނުދީ މީރު އެއްޗެހި ގަނެގެން ކާތީ އެނާއަށް ފެނެއެވެ. ދޮންމަންމަގެ ދެދަރީން ސްކޫލަށް ދާއިރު މަރިޔަމް ހުންނަން ޖެހެނީ ގޭގައި އޭނާއަށް މަސައްކަތް ކޮށްލަދީދީ އެވެ. ހިތްދަތި ދިރިއުޅުމެކެވެ. ނަމަވެސް ކެތް ކުރުންނޫން އެހެންގޮތެއް މަރިޔަމްއަކަށް ނެތެވެ. މަރިޔަމް އާ މެދު ކަންކުރާގޮތެއް އޭނާހެ ބައްޕައަކަށް ނޭނގެ އެވެ. އެނގެނީ ހަމައެކަނި އޭނާގެ ބޭބެ އަށެވެ.

މަރިޔަމް އުމުރުން 17 އަހަރު އެ ވޭނާއި ހިތްދަތި ކަމުގައި ހޭދަކުރި އެެވެ. ނަމަވެސް މަރިޔަމް ގެ ހިތަށް ހަމަޖެހުމެއް ލިބުނީ އޭނާގެ ބޭބެ އޭނާ ބަލައި އައުމުންނެވެ. އޭނާ ގެންދަނީ މާލެއަށް ކަން އެނގުމުން މަރިޔަމް ވަރަށް އުފާވި އެވެ. މަރިޔަމް ބޭނުންވީ އަލުން އައު އަޒުމަކާކު ހަޔާތް ފެށުމަށެވެ. ވެދިޔަ ހިތްދަތި ދުވަސްތައް ހަދާން ނައްތާލުމަށް ފަހު އެވެ. އެގޮތުގެ މަތިން މާލެ ގޮސް މަރިޔަމް މާލެގޮސް އޭނާގެ ނަން ވެސް ބަދަލު ކުރިއެވެ. މިހާރު އެއީ ސާރާ އެވެ. މުޅިން އައު މީހެކެވެ.

ސިޓިން ރޫމްގެ ދޮރުގައި ޓަކި ޖަހާލުމާއެކު ސާރާ ދިޔައީ ސިއްސައިގެންނެވެ. މާޒީގެ ފުން ކަނޑުން ހަމަބިމަށް އާދެވުނީ ސާރާގެ އެކުވެރި ހަސީނާ ގޮވާލުމުން ނެވެ. އޭރު ސާރާ އިނީ ކުޑަކޮށް ރޮވޭގޮތްވެސް ވެފަ އެވެ. އަވަހަށް މޫނު ފުހެލުމަށް ފަހު ހަސީނާ ގާތު އެތެރެއަށް އައުމަށް ބުންޏެވެ.

“ބަލަ ހިނގާ މިރޭ ކޮފީއެއް ބޯލަން.. ތިހެން އަބަދު ގޭގައި އިންނާނެ ކަމެއް ނެތޭނުންތަ..” ހަސީނާ ސާރާއާ މުހާތަބު ކޮށްލި އެވެ.

ހަސީނާ އަކީ ސާރާގެ ވަރަށް ގާތް އެކުވެރި އެވެ. އެއީ އޭނާއަށް ފަހާކޯހުން ބައްދަލުވި އެކުވެރިއެކެވެ. ހަސީނާއާއެކު ބޭރަށް ގޮސް އުޅުމުގެތެރޭގައި ސާރާއާށް ވަރަށް ގިނަ މީހުންނާ ބައްދަލިވި އެވެ. އެގޮތުން ޝާހިދުއާ ވެސް ބައްދަލުވީ މިހެންނެވެ.

ޝާހިދުއާ ލޯބީގެ ގުޅުނުތާ މިހާރު 2 ހަފްތާ ވީ އެެވެ. އަދި އެކަކަށްވެސް އަނެއްކަކުގެ ހަގީގަތެއް މާބޮޑަކަށް ނޭނގެ އެެވެ. ސާރާ ބޭނުންވަނީ އޭނާގެ ދައްތަމެނާ ބައްދަލުކޮށްލުމަށް ޝާހިދު ގެންނާށެވެ. ނަމަވެސް ޝާހިދު މިކަންކުރަން ޖެހިލުން ވެއެވެ. އަދި ފަހުން ބައްދަލު ކުރެވިދާނެ ކަމަށް ބުނެއެވެ. ކޮންމެއަކަސް ސާރާއާއި ޝާހިދު ބައްދަލު ކުރަނީ ގެއިން ބޭރުން އެކިތަންތަނުނެވެ. މިގޮތަށް ދުވަސްތައް ގޮސް 3 މަސްވެއްޖެ އެވެ. ދެމީހުން އެކަކު އަނެއްކަކުދެކެ ވަރަށް ލޯބި ވެއެވެ. ނަމަވެސް ދައްތަމެންނާ ބައްދަލު ކުރުމުގެ ހިޔާލެއް ޝާހިދު ނުކުރެއެެވެ. އަދި އެގުޅުން ސިއްރުކޮށްފައި ބާއްވައި ދިނުމަށް ޝާހިދު ސާރާ ގާތުގައި އެދުނެވެ.

އާދައިގެ މަތިން ހެނދުނު މަސައްކަތް ނިންމާފައި ސާރާ ސޯފާގައި ޖައްސާލި އެެވެ. ގޭގެ ދޮރުން ވަދެގެން އައި މީހާފެނިފައި ސާރާއަށް ކޮޅަށް ތެދުވެވިއްޖެ އެވެ. ސިހިފައި ކަހަލަ ގޮތަކަށް ބައްޕާއޭ ކިޔާ ދުއްވައި ގަނެވިއްޖެ އެވެ. އޭނާ ވީ އުފަލެއް ބަޔާން ކޮށްދޭންވެސް ނޭނގުނެވެ. ނަމަވެސް ޖެހިގެން އައި ހިނދުކޮޅު ބައްޕަ ބުނި އެއްޗަކުން ސަރާގެ ހިނިތުންވުން ފަޑުވެއްޖެ އެވެ. ގަބޫލް ނުކުރެވިފައި ބައްޕައާއި ދިމާއަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. ދައްތަ އައިސް އަތުގައި ހިފި އެވެ. އަދި ސާރާ ބައްޕަގާތު ސާރާ ނުގެންދިއުމަށް އާދޭސް ކުރަން ފެށިއެވެ. ނަމަވެސް ސާރާގެ ބައްޕައައީ ސާރާ ބަލާކަމުން އޭނާ ހުރީ ގޮތްދޫކުރާ ހިޔާލެއްގަ ނޫނެވެ. އެދުވަހު ދައްތަ ވަރަށް ރުއެވެ. އަދި ސާރާވެސް އެހާ ބޮޑަށް ދެރަވި އެވެ. އެހާ ރަނގަޅު ދައްތައެއް ދޫކޮށްފައި ސާރާ ދާކަށް ބޭނުމެއްނޫނެވެ. ސާރާގެ ދައްތަ އޭނާއަށް މީރު އެއްޗެހި ކާންދެ އެވެ. ރީތި ހެދުންދީ ރީތި އެއްޗެހި ގަނެދެ އެވެ. ނަމަވެސް ދައްތަ ދޫކޮށްފައި ދާންޖެހޭ ދުވަސް އައީއެވެ. ޝަހިދަށް އަންގައިވެސް ނުލާ ދާންޖޭހޭތީ ސާރާ ވަރަށް ދެރަވި އެވެ. ނަމަވެސް ބައްޕަ ބުނާބަސް އަހައިގެން ސާރާ ރަށައް ދިޔައެވެ.

ރަށަށް ދެވުމާއެކު ސާރާއަށް އެހެން ހަބަރެއްވެސް ލިބުނެވެ. އޭނާގެ ކައިވެނި ކުރަން އޭނަގެ ބައްޕަ އެހެންމީހަކު ހޯދާފައިވާ ކަމުގެ ހަބަރެވެ. ޝާހިދު މަތިން ސާރާ ވަރަށް ހަނދާން ވި އެވެ. ޝާހިދު ދެރަވާނެ މިންވަރު ހަނދާންވި އެވެ. އަދި އޭނާއާއެކު އުޅުން ދުވަސްތައް ހަނދާންވެ ރޮވޭގޮތް ވިއެވެ. ނަމަވެސް ސާރާއަކީ ކިޔަމަންތެރި ކުއްޖެއްކަމުން އޭނާއަކަށް ބައްޕަގެ އެދުމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. ސާރާގެ ހިތުގެ އެދުންތައް ފޮރުވަލުމަށް ފަހު ނުވެސް ދަންނަ މީހަކާ ކައިވެނު ކުރުމަށް އޭނާ އެއްބަސް ވިއެވެ.

ކައިވެންޏަށް 2 މަސްވީއިރުވެސް ސާރާ ހުންނަނީ އަބަދުވެސް ހިތާމައިން ފުރިފައިވާ ހާލުގަ އެވެ. ހިތަށް ހަމަޖެހުމެއް ނުލިބޭ ކަހަލަ އެވެ. ނަމަވެސް އޭނާގެ ފިރިމީހަ ނިޔާޒް އޭނާއަށް ވަަރަށް ހިތްހެވެ. ރީތި އެއްޗެހި ހޯދައިދީ މީރު ކާނާ ހޯދައި ދެއެެވެ. ނަމަވެސް ސާރާ ހަނދާން ވަނީ ޝާހިދު މަތިންނެވެ.

ދުވަސްތައް މިގޮތަށް ފާއިތި ވަމުން ދެއެވެ. ސާރާ މީހަކާ އިނުމަށްފަހު އުޅެނީ ނިޔާޒްމެން ގޭގައި ކަމުން ދޮންމަންމައެއް އެހާބޮޑަކަށް ނުފެނެ އެވެ. ނިޔާޒް ކައިރީގައި އެދިގެން ސާރާ ބޭނުންވީ ދުވަސްކޮޅަކަށް ދައްތަމެންގެ ގާތަށް މާލެ ދިއުމަށެވެ، މިކަމާ ނިޔާޒް އެއްބަސްވި އެެވެ. ނިޔާޒަކީ ވަރަށް ހެޔޮ މިޒާޖެއްގެ މާތް މީހެކެވެ. ސާރާއަށް ލިބުނީ ސާރާއަށް ލިބުނީ ވަރަށް ހެޔޮ ފިރިއެކެވެ.

ސާރާއަށް މާލެ އާދެވުމުން އޭނާގެ ދައްތަ ވަރަށް އުފާވި އެވެ. އަދި ފިރިމީހާގެ ކަންތައް އަހާ އޮޅުން ފިލުވި އެވެ. ސާރާ ދިއުމުން ދައްތައަށް ވީ އުނދަގޫ ތަކާއި ހުރިހާ ކަންތައްތަކެއް ކިޔާދިނެވެ. އެހުރިހާ ވާހަކައެއް ތެރެއިން ސާރާ ބޭނުންވީ ހަމަ އެންމެ ސުވާލެއް ދައްތައާ ކޮށްލުމަށެވެ.

“ދައްތާ! އަހަރެން ރަށަށް ދިއުމުން އަހަރެން ހޯދަން ޝާހިދު ކިޔާމީހަކު މިގެޔަށް އައިތަ؟ ސާރާ ވަރަށް ފަރުވާތެރިކަމާ އެކު އެސުވާލު ދައްތައާ ކޮށްލި އެެވެ.

” ކީކޭ ސާރާ! ކޮން ޝާހިދުއެއް؟..އެއުޅޭ ހަރީރާ ގޯތި ބޮޑު ޕާޓޭ ވާހަކަތަ ތި ދައްކަނީ؟ ސާރާއަށް ކިހިނެތް އޭނާ އެގެނީ؟ ސާރާގެ ދައްތަ ދިން ޖަވާބު އަހާފައި އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެއްޖެ އެވެ. އަދި ސުވާލު ތަކުން ހިތްފުރިއްޖެ އެވެ.

“އެއީ ޕާޓޭ އެއްތަ؟ އަހަންނަކަށް ނޭނގެ އެކަމެއް.. އެއީ އަހަރެން މާލޭގައި އުޅުންއިރު ރައްޓެހިވެގެން އުޅުން ކުއްޖާ” ސާރާ އިސްޖަހާލާފައި މަޑުމަޑުން ދައްތަ އަށް ކިޔާދިނެވެ.

“ޔާރައްބީ.. މާގޭ ސާރާ ސަލާމަތްވިކަން ހަމަ ނަސީބެއްނު. އެ ޝާހިދު އެއީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާ މީހެއް. މާލޭގެ އެންމެނަށްވެސް އެކަން އެނގޭނެ. ނަސީބެއްނު ތިމީހާ ކައިރިން ސަލާމަތްވެ ރަނގަޅު ފިރިއެއް ލިބުނުކަން. ސާރާ ބައްޕަ ސާރާ ބަލާ ނައިނަމަ ކަންތައް މުޅިން ގޯސްވީ ހެއްނު” ސާރާ ދައްތަ ކަންބޮޑުވެފައިވާ ރާގަކަށް ކިޔާދިނެވެ.

ސާރާއަށް ވިސްނެން ފެށީދެނެވެ. ޝާހިދު އޭނާގެ ދައްތަމެންނާ ބައްދަލު ކުރަން ނައި ސަބަބަކީ އެއީ ތާއެވެ. ސާރާގެ ދިރިއުޅުން ބަރުބާދުނުވެ ސަލާމަތް އެވީ ހަމަ ކިރިޔާއެވެ. ކިޔަމަންތެރިކަން ސަރާގެ ކިބައިގައި ނުވާނަމަ އޭނާގެ ހަޔާތް މިއަދު ވަރަށް ބަނަވީހެވެ. ބައްޕަ ބުނާ ބަސްއަހައިގެން ދިއުމުން އޭގެ ފޮނި ނަތީޖާ އޭނާއަށް ފެނިއްޖެ އެވެ. އެއަށްފަހު ޝާހިދު ހަދާން ނައްތާލާފައި ނިޔާޒުއެކީގައި އުފާވެރި ހަޔާތެއް ވޭތުކުރެވޭތޯ އޭނާ އާ އަޒުމަކާއިއެކު މަސައްކަތް ފެށިއެވެ. ދޮންމަންމަ އޭނާއާށް ކުރި އަނިޔާތައްވެސް ހިތުން ފިލުވާލުމަށް މަސައްކަތް ކުރިއެވެ.

އެގޮތުން އެ މަންމައަށް ހިތްހެޔޮކޮށް އެގެއަށްވެސް އޭނާ ދާންފެށި އެވެ. ބަލި ހާލުގައި ދޮންމަންމަ ބަލާނެ މީހަކު ނެތިފައިވަނިކޮށް އެކަމުގެ ޒިންމާވެސް ނެގީ ހަމަ ސާރާއެވެ. އޭރު ދޮންމަންމަ ގެ ދެދަރިން އޭނާ ދޫކޮށްފައި ހިގައްޖެ އެވެ. ސާރާއަށް އަނިޔާ ކުރެވުނީތީ އޭނާއަށް އެ ދޮންމަންމަ މާފަށް އެދުނެވެ. އަދި ސާރާގެ ހިތުން ރުހުމުން ހިތުގައި އެއްވެސް ކަހަލަ ކިލަނބު ކަމެއް ނުބާއްވާ ދޮންމަންމައަށް މާފު ދިނުމަށްފަހު އޭނާގެ ހަޔާތް އުފާވެރިކަމާއެކު ވޭތުކުރަމުން ގެންދިޔައެވެ.

އެއްވެސް އިންސާނަކަށް މާތްﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނޭ މަންމަ އަބަދު ބުނާ ހަނދާން އެދުވަހު ސާރާވި އެވެ. އެނާގެ ލޮލުން އުފާވެރިކަމުގެ ކަރުން އައެވެ.

ދުނިޔޭގައި އުޅޭއިރު ކުރިމަތިވާ ހިތަމަތަކާއި ހިތްދަތި ކަންކަމަށް ކެތްކުރަން ވާނެއެވެ. އެއްވެސް މީހަކަށް އަބަދު ހިތާމައި އުޅޭކަށް ނުޖެހޭނެ އެވެ. އަޑި ގަޑަކަށްފަހު އުސްގަނޑެއް އަންނަ ބީދައިން އުފަލަކަށް ފަހު ހިތާމައެއް ކުރިމަތިވާނެ އެވެ. މި ކަންކަމާއި ކެރިގެން ކުރިމަތިލާން ދަސްކުރަން ޖެހޭނެއެވެ.

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ބީ ގެ އައިޝަތު ޖަޒްލީ ހުސެއިން އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355