އެއްދުވަހަކު ޕްރޮފެސަރަކު އޭނާގެ ދަރިވަރުންނަށް ދުވަހުގެ ކުލާސް ނަގައިދިނުމަށްޓަކައި ކުލާހަށް ވަނެވެ. އަދި ދަރިވަރުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ޕްރޮފެސަރުގެ މޭޒު މަތީ ބައެއް ތަކެތި ބަހައްޓާފައި ހުއްޓެވެ. ޕްރޮފެސަރ އެއްވެސް އެއްޗެއް ނުބުނެ އެތެރެ އެނގޭ ބޮޑު ޖަގެއް ނަގައި ދެ އިންޗިއެއްހާ ފުޅާމިން ހުންނަ ހިލަތަކެއް އެ ޖަގުގެ ތެރެއަށް އަޅަން ފެށިއެވެ.
ޕްރޮފެސަރ އެއްވެސް އެއްޗެއް ނުބުނެ ކުރަމުންދިޔަ ކަންތަކަށް ދަރިވަރުންގެ ޝައުޤުވެރިކަން ހުއްޓުނެވެ. ޖަގު ފުރެންދެން ހިލަ އެޅުމަށްފަހު ޕްރޮފެސަރ ދަރިވަރުންނާ ސުވާލެއް ކުރިއެވެ. “މިހާރު ޖަގު ފުރިއްޖެތަ؟”
“ލައްބަ..” ހުރިހާ ކުދިން އެއް އަޑަކުން ބުންޏެވެ.
ޕްރޮފެސަރ އެއްވެސް އެއްޗެއް ނުބުނެ އަނެއްކާވެސް ޕްރޮފެސަރގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. މިފަހަރު މޭޒުމަތީގައި ހުރި ފަސް އޮށްތަކެއް ހިލަ ތަކުގެ މައްޗަށް އަޅާލުމަށްފަހު، ކުޑަކޮށް ޖަގު ހަލުވާލުމާއެކު ހިލަތަކުގެ ތެރޭގައިވާ ހުސް ދޭތެރެތައް ފުރުނެވެ. އަނެއްކާވެސް ޕްރޮފެސަރ ދަރިވަރުންނާ ސުވާލެއްކުރި އެވެ. “މިހާރު ޖަގު ފުރިއްޖެތަ؟”
“ލައްބަ…” ހުރިހާ ކުދިން ވަރަށް ޔަޤީން ކަމާއެކު މިފަހަރު ބުންޏެވެ.
މިފަހަރުވެސް ޕްރޮފެސަރ އެއްވެސް އިތުރު އެއްޗެއް ނުބުނެ ވެލި ކޮތަޅެއް ނެގުމަށްފަހު ޖަގުގެ ތެރެއަށް އަޅާލި އެވެ. ވެލިފުއްތައް ޖަގުގެ ތެރޭގައިވާ ހުސް ޖާގަތައް ފުރާލިއެވެ. ޕްރެފަސަރ ހަމަ ކުރިން ކުރި ސުވާލު ތަކުރާރުކުރި އެވެ.
ދަރިވަރުން އެއް ކުއްޖަކު އަނެއް ކުއްޖެއްގެ މޫނަށް ބަލައިލުމަށްފަހު ވަރަށް ޔަޤީން ކަމެއް ނެތި “ލައްބައޭ” ބުންޏެވެ.
“އެންމެ ރަނގަޅު. މި ޖަގު މި ރަމްޒު ކޮށްދެނީ ތި ކުދިންގެ ހަޔާތް. ހިލަތައް އެ ރަމްޒު ކޮށްދެނީ ހަޔާތުގެ އެންމެ މުހިއްމު ކަންތައްތައް. ތިބާގެ ދީން، މައިންބަފައިން، އަނބިދަރީން، ތިބާގެ ސިއްހަތާއި ތަޢުލީމް. އެހެން ހުރިހާ ކަމެއް ބީވެ ދިއުމަށްފަހުވެސް އެ މި ކަންކަން ތިބާއާ އެކު ވާ ނަމަ ތިބާއަށް ތިބާގެ ހަޔާތް ފުރިފައިވާކަމަށް ޤަބޫލު ކުރެވޭނެ” ޕްރޮފެސަރ ކިޔާދިނެވެ.
ދަރިވަރުން ޝައުޤުވެރިކަމާއެކު އަޑުއަހަން ތިއްބެވެ.
“މި ފަސް އޮށްތައް ރަމްޒު ކޮށްދެނީ ތިބާގެ ހަޔާތުގައި ދެން ހުރި މުހިއްމު ކަންތައްތައް. ތިބާގެ ވަޒީފާ، ތިބާގެ ގެ، ތިބާގެ ރައްޓެހިންނާއި ތިބާގެ ދުއްވުމަށް ބޭނުންކުރާ ވެހިކަލް ފަދަ ތަކެތި. އަދި ވެލިފުއްތައް ރަމްޒު ކޮށްދެނީ ތިބާގެ ހަޔާތު ބާކީހުރި ކަންތައްތައް” ޕްރޮފެސަރު ކުރިއަށް ގެންދިޔަ އެވެ.
“އެންމެ ފުރަތަމަ ޖަގުގެ ތެރެއަށް ވެލިތައް އަޅާލިނަމަ ކިހެނެއް ވާނީ..؟ ހިލަތަކާއި ފަސްއޮށްތައް ޖަގުގެ ތެރެއަށް އަޅާނެ ޖާގައެއް ނުލިބޭނެ އެއްނު ދޯ. ހަޔާތުގައިވެސް ވާނީ ހަމަ އެހެން. ކުދިކުދި ކަންތައްތަކުން ހަޔާތް އެކަށް ފުރާލައިފިނަމަ ހަޔާތުގެ އެންމެ މުހިއްމު ކަންތައްތައް ކުރަން ވަގުތެއް ނުލިބޭނެ. އެހެންވީމާ އެންމެ ފުރަތަމަ ބޮޑެތި ކަންތައްތަކަށް އިސްކަންދީފިނަމަ ހަޔާތުގައި އެހެން ކަންކަން ކުރަން ވަގުތު ލިބޭނެ. އުފާވެރި ހަޔާތެއްވެސް ލިބޭނެ. އަބަދުވެސް ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކުރުމާއި، އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް އިސްކަން ދިނުމާއި، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރަން އިސްކަން ދޭންވާނެ. އޭރުން ވަޒީފާއަށްވެސް ވަގުތު ދެވޭނެ، ކޮފީއަށްދާންވެސް ވަގުތު ދެވޭނެ” ޕްރޮފެސަރ ކިޔާދިނެވެ.
“ހަޔާތުގެ އެންމެ ފުރަތަމަ ކަމަކަށް ހިލަތަކާމެދު ޒިންމާދާރުވުމަށް އިސްކަން ދޭން ވާނެ. އަބަދުވެސް ކަންތައްތައް ތަރުތީބު ކުރުމަށްފަހު ކުރުމުން ގިނަ ވަގުތު ލިބިގެންދާނެ” ޕްރޮފެސަރ ނިންމާލި އެވެ.