twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ – ތަޤުދީރު

Nov 9, 2015

ލިޔުނީ: އާމިނަތު ހުމައިދާ

މިއަދަކީ އަހަރެންނަށް ވަރަށް ބޮޑު ދުވަހެކެވެ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަހަރެންނާ ދުރަށް، އެހެން ބައެއްގެ ގާތަށް ދާން ފުރާ ދުވަހެވެ. އޭލެވެލް ކިޔެވުމަށްޓަކައި މާލެ ދަނީއެވެ. ހުދު އަހަރެންނަކީވެސް އޭލެވެލް ކިޔެވުމަށްޓަކައި އެ ފަސްގަނޑުގައި ދުވަސްތަކެއް ހޭދަކޮށްފައިވާ މީހަކީމެވެ. އެއީ އަހަރެންގެ މާޒީއެވެ. ވަރަށް ހިތި ދުވަސްވަރެކެވެ. މިއަދު އަހަރެންނަށް އުނދަގޫ ކުރަމުން މިދަނީ އެ ހިތި މާޒީގެ ހަނދާންތަކެވެ. ވާނީވެސް އެހެންތާއެވެ.

އަހަރެންނަކީ ވަރަށް ނިކަމެތި އާއިލާއަކަށް އުފަންވި ކުއްޖެކެވެ. ތައުލީމަށްޓަކައި ހާއްސަ ގަދަރެއް އަހަރެންގެ ހިތުގައި ވެއެވެ. ނަތީޖާއަކަށްވީ އޯލެވެލްގެ ގަދަ ދިހައެއްގެ ދެވަނަ އަހަރެންނަށް ލިބުމެވެ. މި ނަތީޖާއާއެކު އަހަރެންގެ އާއިލާއިން އަހަރެންނަށް އިތުރަށް ކިޔަވައި ދިނުމުގެ ޝައުގުވެރިކަން އުފެދުނެވެ. އަހަރެންގެ މައިންބަފައިން ނިންމީ އަހަރެން މާލެ ގެންދިޔުމަށެވެ. ނަމަވެސް އަމިއްލަ ހަރަދުގައި ކިޔަވައިދެވޭނެހާ ތަނަވަސްކަމެއް އަހަރެންގެ އާއިލާއަކު ނެތެވެ. ނަމަވެސް މާލޭގައި ގެދޮރު ހުރި މުއްސަނދި ރައްޓެއްސަކާ ވާހަކަ ދައްކައިގެން އަހަރެން މާލެ ގެންދިޔައެވެ.

އަލިބެއާ ހަސީނައްތައަކީ ވަރަށް ކުރިން އަހަރެމެން ރަށަށް ދިވެހި ބޭސް ކުރަން އައިސް ބައްޕަމެން ކައިރީ ދުވަސްތަކެއް ހޭދަކޮށްފައިވާ ބައެކެވެ. އެދުވަސްވަރު އުފެދުނު ގާތް ގުޅުން މިއަދާ ހަމައަށްވެސް ދެމި އެބައޮތެވެ. އެދެމީހުން އަހަރެންގެ އާއިލާ ދެކެ ވަރަށް ލޯބިވެއެވެ. އެހާމެ ހެޔޮކޮށް ހިތައެވެ. އެހެންކަމުން އަހަރެންގެ ކިޔެވުމުގެ ހުރިހާ ހަރަދެއްގައި ވެސް އެއާއިލާއިން ހިފީ އެއްވެސް ޝަކުވާއެއް ނެތިއެވެ.

އަހަރެންނާއެކު އެއްކޮޓަރީގައި ހަސީނައްތަގެ ދަރިފުޅު ހަސްނާވެސް އުޅުނެވެ. ދައްތަމެންނާއި ހަސްނާ ވަރަށް ތަފާތެވެ. “ރެވިތެޔޮ ވަށައިގެން” އުޅޭ މީހެއް ކަހަލައެވެ. ވަރަށް ހަމަހިމޭނުން ނުހުރެވެއެވެ. އަހަރެންނާ އެއް އުމުރެއް ކަމުގައި ވިޔަސް އަހެރެންނާއި ހަސްނާ އުޑާ ބިންހާ ތަފާތެވެ. ހަސްނާ އެއްގޮތަކަށްވެސް ކިޔަވާ ހިތެއް ނުވެއެވެ. އުޅޭ ހިތްވަނީ އަބަދުވެސް ބޭރުގައި އެވެ. ހަސްނާ ބުނާކަމެއް ހަސީނައްތައަށް ނުކޮށްދެވިއްޖެ ނަމަ އެދެން ކަންތަކާ ޖެހުނީ އެވެ. ހަސީނައްތަވެސް ހީވަނީ ހަސްނާ ޖަހާ ބެރަކަށް ނަށަން ތައްޔާރަށް ހުންނަ ހެންނެވެ. އަލިބެވެސް ބޯޓު ދަތުރު ކުރަން އުޅެފައި ލިބޭ ޗުއްޓީގެ މަދު ދުވަސްކޮޅު އަބަދުހެން ހޭދަކުރަނީ ހަސްނާއަށް ނާނާ ކިޔަވައިދިނުމުގައި އޭ ބުނެލުމަކުން ދޮގަކަށް ނުވާނެއެވެ.

ފުރަތަމަ ޓާރމްގެ ކިޔެވުން ފެށިގެން ކުރިޔަށް ދިޔައެވެ. އަހަރެނެގެ ހުރިހާ ވަގުތެއް ކިޔެވުމުގައި ހޭދަކުރަމުން ދިޔައިރު ހަސްނާ އާއި ދިމާވަނީ ވަރަށް ކުޑަ ވަގުތުކޮޅަކު އެވެ. އޭނާ ކޮޓަރީގައި އުޅުނަކަސް އަހަރެންނަކާ ވާހަކަ ދައްކައެއް ނަހަދައެވެ. އެވެސް ނަސީބެއްކަންނޭނގެއެވެ. އަހަރެންގެ ކިޔެވުމަށް ހުރަހެއް ނޭޅެއެވެ. ހަސްނާ އަބަދުހެން ހޭބޯ ނާރާ އުޅެނީ ކޮންމެސް ތަނަކަށް ދާން ތައްޔާރުވާށެވެ. ހާއްސަކޮށް ރޭގަނޑުއެވެ. ހަސްނާގެ ގައިގައި ހަރުލާފައި ހުންނަނީ ބުޅަލުގެ އުސޫލެވެ. ނަމަވެސް އެކަންތަށް ހަސީނައްތަމެނަކަށް މާބޮޑު ކަމަށްކަށް ނުވެއެވެ.

އަހަރެންގެ މިންނަތް މަސައްކަތުގެ ސަބަބުން ފުރަތަމަ ޓާރމު ނިންމާލީ އަހުމަދިއްޔާ ސްކޫލުގެ އެންމެ ރަނގަޅު ނަތީޖާ ހާސިލް ކުރި ދަރިވަރުގެ ގޮތުގައި އެވެ. މުދައްރިސުން އަހަރެންނަށް ވަރަށް ތައުރީފު ކުރިއެވެ. އަހަރެންގެ މަންމައަށް އުފަލުން ރޮވުނެވެ. ހަސީނައްތަވެސް ހުރީ ވަރަށް އުފަލުންނެވެ. ބޮޑު ޕާޓީއެއް ބާއްވައި ދިނެވެ. އަހަރެން ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދިޔުމަށް ހަސްނާއަށް ނަސޭހަތްތެރިވިއެވެ. ހަސްނާއަށް އެވާހަކަތައް އިވޭ ކަމަކަށްވެސް ނުހެދިއެވެ. އައީ ރުޅިއެވެ. ހަސްނާ އެކަމާ ރުޅިއައުމުން ހަސީނައްތަ އެވާހަކަ ހުއްޓާލިއެވެ.

ދެވަނަ ޓާރމު އަހަރެން ފެށީވެސް ފުރަތަމަ ޓާރމުގަ ލިބުނުފަދަ ފުރިހަމަ ނަތީޖާއެއް ހޯދުމުގެ އަޒުމުގައި އެވެ. ނަމަވެސް ދެވަނަ ޓާމުވީ އަހަރެންގެ މުޅި ހަޔާތުގައިވެސް ކުރިމަތިވި އެންމެ ހިތާމަވެރި ދުވަސްތަކަކަށެވެ. ހަސްނާ އަހަރެންނާ ރީތިކޮށް ވާހަކައެއް ނުދައްކައެވެ. އަބަދު އިންނަނީ މޫނު ކުނިކޮށްގެންނެވެ. ހަސްނާ ބޭނުންވީ އޭނާގެ މަންމަ ހަމައެކަނި އޭނާ ދެކެ ލޯބިވުމަށެވެ. ހަސީނައްތަ އަހަރެން ދެކެ ލޯބިވާކަން އެނގުމުން އޭނާގެ ހިތުގައި ހަސަދައިގެ އަލިފާންކޮޅެއް ރޯވިއެވެ. އަދި އަހަރެންނަށް އެކި ގޮތްގޮތުން އުނދަގޫ ކުރަން ފެށިއެވެ. އަހަރެންނޭ ކިޔައިގެން ދޮގު ވާހަކަތަށް އޭނާ މަންމަ ގަތު ކިޔަން ފަށައިފި އެވެ. ނުނިދާ ފިރިހެންކުދިންނަށް ގުޅައިގެން އޮންނަ ވާހަކައެވެ. ހަސްނާއާ ދިމާލަށް އެއްޗެހި ކިޔާ ވާހަކައެވެ. އަހަރެން އޭނާ ގެންގުޅޭ އެއްޗެހިން ބޭނުންކުރާ ވާހަކަ އެވެ. މި ފަދަ ދޮގުތަކެއް ދައްތަކައިރީ އޭނާ ހެދިއެވެ.

އެކަންތައްތަކުގެ ސަބަބުން ދައްތަ އަހަރެންނަށް ކުރި އިތުބާރު ކުޑަވިއެވެ. ތެދު ދޮގު ބަލާވެސް ނުލައެވެ. އޭގެ ފަހުން ދައްތަ އަހަރެންނާ ދިމަލަށް ވަރަށް އެއްޗެހި ގޮވިއެވެ. އަހަރެންގެ އަތުން ފޯނުވެސް އަތުލިއެވެ. އަހރެން ވަރަށް ދެރަވިއެވެ. ހަސީނައްތަ މަންމަ ކައިރީގައި ބުނީ އަހަރެންގެ ފޯނު ހަލާކުވީ ކަމުގައި އެވެ. އެކަމަކު ފޯނެއް ގަނެދެވެން އޮތީ އަލިބެ މާލެ ޗުއްޓީއަށް އައުމުން ކަމަށެވެ. ގުޅަން ބޭނުންވީމާ ދައްތަ ފޯނުން ގުޅޭނެކަމަށް ބުންޏެވެ. ނަމަވެސް އަހަރެންނަށް ދައްތަގެ ފޯނެއް ނުލިބެއެވެ. މަންމަމެންގެ ތަނަވަސްކަން ކުޑަކަމުން އެމީހުންނަށް އަހަރެންނަށް ގުޅެނީ ވަރަށް މަދުންނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ދުނިޔެ ހިނގާނީ ތޮށަލީދުޅައަށޭ ބުނަނީ މިހެންވެގެންތާއޭ އަހަރެންގެ ހިތައް އެރިއެވެ. އެހެން ކަމުން އަހަރެން ކެތްތެރިވީމެވެ.

ނަމަވެސް ދުވަސްކޮޅެއްފަހުން ލޯ ކުރިމަތިން ފެންނަނީ އަހަރެންގެ ދުވަހަކުވެސް ހުވަފެނުންވެސް ދެކިފައިވާ ކަންތައްތަކެއް ނޫނެވެ. ރޭގަނޑުގެ އަރާމު ނިދިން އަހަރެން މަހުރޫމު ކުރީ ހަސްނާގެ ނުބައި އަމަލުތަކެވެ. އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ ކޮޓަރިއަށް ވައްދަން ފެށިއެވެ. ކޮންމެ ރެއެއްގެ ދަންވަރު ދެއެއްޖަހާލާކައްހާއިރު އަހަރެންނަށް ހޭލެވެނީ ހަސްނާގެ ހުނުމުގެ އަޑަށެވެ. ހަސްނާ އޭނާގެ ލޯބިވެރިޔާއާއެކު ވަގުތުތައް ހޭދަކުރަމުންދިޔައީއެވެ. އަސީލް ހެދިހާގޮތެއް ހަސްނާއަށް ވަރިހަމައެވެ. އެމަންޒަރުތަށް ބަލާކަށް އަހރެންނަށް ވާ ފަސޭހައެއް ނުވިއެވެ. އަދި އަހަރެންނަކީ ބުރުގާ އަޅައިގެން އުޅޭ ކުއްޖަކަށް ވުމުން އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އަހަރެންގެ އައުރަ ހިލޭ ފިރިހެނަކަށް ފެނުމަކަށް އަހަރެން އެއްގޮތަކަށްވެސް ނޭދެމެވެ. ނަމވެސް ކުރާނީ ކީއްހެއްހެވެ. އަހަރެން އެއަޑަށް ހޭލެވުމާއެކު އަވަސްވެ ގަންނަނީ ފާހަނަޔަށް ދިޔުމަށެވެ. ނަމަވެސް ފާހާނާއިގާ އެހާގިނައިރު ނުނިދާ ހުންނަނީ ކިހިނަކުންހެއްޔެވެ. ހެނދުނު ސްކޫލަށް ދާން ޖެހެއެވެ. ދެން އަހަރެން ނިންމީ ބުރުގާވެސް އަޅައިގެން އޮވެ ނިދާށެވެ. ނަމެސް އެހެން އޮވެ ނިދާނީ ކިހިނެތް ހެއްޔެވެ. ހޭލާއިރު އޮންނަނީ ދާހިއްލާ ފޯވެފައިއެވެ. ތަންތާ ބިހިނަގާފައިއެވެ. އަހަރެންނަށް ލޯގަނޑު ކުރިމައްޗަށް އެރޭ ކޮންމެ ފަހަރަކު މީހާގެ ސިފައަށް އައިސް ހުރި ބަދަލު ފެނުމުން ކަރުނަ އޮހޮރެއެވެ.

މިއުނދަގޫތަކާ ވޭންތަކުގެ ސަބަބުން އަހރެން ވަރަށް ބަލިވިއެވެ. ބޮލުގައި ރިއްސާވަރުން ސްކޫލަށް ނުދެވޭ ދުވަސްތައް ގިނަވާން ފެށިއެވެ. މުދއްރިއްސުން އަހަރެންގެ މިޒާޖައް އައި ބަދަލު ވަރަށް ބޮޑަށް ފާހަގަ ކުރިއެވެ. އެތައް ފަހަރަކު ސުވާލު ކުރިއެވެ. ނަމަވެސް އަހަރެންނަކަށް ހަގީގަތަކަށް ކިޔައިދޭކަށް ނުކެވެއެވެ. އަހަރެން އެވާހަކަތައް ކިޔައިދިނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ “އަޔާނީ” ގެ އާދޭހަށެވެ. އަޔާނީ އަހަރެންނަށް ވަރަށް ހަމްދަރުދީވިއެވެ. އެވާހަކަތައް ކިޔައިދިން ދުވަހު އޭނާވެސް ރުޔެވެ.

އޭނާއަކީވެސް އަހަރެންފަދަ ނިކަމެތި ކުއްޖެއްކަމށް ވުމުން އޭނާއަށް މާބޮޑު އެހީއެއް އެކަމުގައި ވެވެން ނެތްކަން އެނގުމުންނެވެ. އަޔާނީ ބުނަމުން ދިޔައީ ހިތްވަރުކޮށްފައި ދއްތައަށް އެވާހަކަތައް ކިޔައިދިނުމަށެވެ. ނަމަވެސް އަހަރެން އެވާހަކަތައް ދައްތައަށް ކިޔާދިފިއްޔާ ހަސްނާ އަހަރެންނަށް ކޮންމެ ގޮތެއްވެސް ހަދާފާނެކަން އަހަރެންނަށް އެނގެއެވެ. އަދި ދައްތަ އެވާހަކަތައް ގަބޫލު ނުކުރާނެކަން އެއީ މެންދުރުގެ އިރު ފަދައިންހާމަވާން އޮތް ކަމެއްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަޔާނީ ކޮންމެސް ގޮތަކުން ދައްތައަށް އެކަން އެންގިއެވެ. އެދުވަހު އަހަރެންނާއި އަޔާނީއާއި ދިމާލަށް އެއްޗެހި ގޮވަ ވަރަކަށް ދުވަހަކުވެސް މީހަކު އެއްޗެއްސެއް ނުގޮވައެވެ. އަހަރެން ވަރަށް ރުއީމެވެ. ގަބޫލުކުރުމަށް އެދި އާދޭސް ކުރީމެވެ. ނަމަވެސް ދައްތަ އެ އާދޭސްތަކުގައި ކޮޅުފައި ޖެހިއެވެ.

އެ ހުރިހާ ކަންތައްތަކުގެ ސަބަބުން އަހަރެން ކިޔެވުން މަތިން މުޅިން ފޫހިވިއެވެ. އަދި ކޮންމެސް ގޮތަކުން ރަށަށް ދެވޭތޯ މަސައްކަތް ކުރީމެވެ. އަޔާނީގެ އެހީތެރިކަމާއެކު އަހަރެންނަށް އެކަންތައް ހަމަޖެހުނެވެ. އަދި ރަށަށް ދިޔުމުގެ ކަންތައް ހަމަޖެހުމުން ދައްތަމެނަށްވެސް ނޭނގި ސިއްރުން ފޮށި ތަންމަތި ތައްޔާރު ކުރީމެވެ. އަނެއްދުވަހު ފަތިހު ދިޔުމަށްޓަކައި އަހަރެން އެއްޗެހި ތައްޔާރުކޮށްފައި ނިދީމެވެ.

ކުއްލިއަކަށް އަހަރެންނަށް ހޭލެވުނުއިރު ކަމަކުދާކަށް ނެތެވެ. ކޮޓަރީގައި ހުރި އެއްޗެހިތައް ތަޅާ ސޫނާފަތި ކުރަނީ އެވެ. ހަސްނާއާއި އަސީލް ތިބިގޮތް ފެނިފައި އެދެމީހުން ތިބީ މަސްތުވެފައިކަން އަހރެންނަށް ޔަގީން ވިއެވެ. ދުނިޔެ ހެއްދެވި ގޮތަށްތިބެ މުޅި ކޮޓަރީގައި އެނބުރެނީއެވެ. އަހަރެންނަށް ބާރަށް ރޯން ފެށުނެވެ. އެކަމަކު އެދެމީހުންނަށް ވާނުވާއެއް ނޭނގެއެވެ.

މީހަކު ދޮރުގައި ތަޅާގަތް އަޑަށް އަހަރެން ސިއްސައިގެން ދިޔައެވެ. އެއިވުނީ ދައްތަގެ ރުއިމުގެ އަޑެވެ. ދޮރު ނުހުޅުވިގެން އުޅޭ އަޑެވެ. އަހަރެންނަކަށް ދޮރެއް ނުހުޅުވޭނެއެވެ. ހަސްނާ ވަނީ އެއައްވުރެ މޮޅަށް އަހަރެންނަށް ނުހުޅުވޭގޮތަށް ހަދާފައި އެވެ. ނަމަވެސް އިރުކޮޅެއް ފަހުން ދައްތަ ތަޅުދަނޑިއެއް ހިފައިގެން އައިސް ދޮރު ހުޅުވިއެވެ. އަހަރެންނަށް ދައްތަގައިގައި އޮޅުލައިގަނެވުނެވެ. ދައްތަ އަހަރެން ގޮވައިގެން ގޭތެރެއަށް ދާން ހިނގައިގަތެވެ.

“ސަރާ. ނުރޮއެ ހުއްޓާލާ. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. ދައްތަ ހީކުރީ ސަރާއަށް ބައްޕަ މަރުވިކަން އަދި ނޭނގޭކަމަށް. ކާކު ބުނީ؟ ”

އެޖުމްލަ ހީވީ އަހަރެންގެ ކަންފަތަށް ހޮނު އެޅިހެންނެވެ. އަހަރެންނަށް އަދި އެކަމެއް ނޭނގެއެވެ. އަހަރެން މިރޮނީ ކީއްވެގެންކަން އަދި ދައްތައަށް ނޭނގޭކަން ޔަގީންވިއެވެ. ނަމަވެސް ދައްތަ ދިން ހަބަރުން އަހަރެން ބިންމައްޗަށް ތިރިވާން ފެށިއެވެ. ދައްތަ އަހަރެން ހިއްލާލައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމާއެކު ދައްތައަށް ފެނުނު މަންޒަރުގެ ސަބަބުން ދައްތަގެ ދެލޯ ބޮޑުވެ އަހަރެންގެ ގައިވެސް ދޫވިއެވެ. ދައްތައަށް އާދެވުނު ރުޅިގައި ވަގުތުން ޕޮލިހަށް އެކަން އެންގިއެވެ. އަހރެންގެ ވާހަކަތައް ގަބޫލު ނުކުރެވުމުން އެކަމާ ނިހާޔަތައް އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އަދި އަހރެން ރަށަށް ގެންދިޔުމުގެ ކަންތައްތައް ދައްތަ ވަރަށް ފަސޭހަ ކޮށްދިނެވެ. ނަމަވެސް ރަށަށް އައުމުން ހިތާމަތައް އިތުރުވާނެކަން އެނގުމުން އަހަރެންނަށް ގިސްލާ ރޮވެން ފެށުނެވެ.

“މަންމާ… މަންމާ!! އަދިވެސް ނުނިމޭތަ؟ މިހާރު ފުރާގަޑި ޖެހުނީ އަވަސްކޮށްލަން ހިނގާދޯ!!!…

އަހަރެންގެ ދަރިފުޅުގެ އަޑަށް އަހަރެން ސިއްސައިގެން ދިޔައެވެ. އަހަރެންގެ ލޯ ކަރުނުން ތެމި ފޯވަނީ އެވެ. ކަރުނަތައް ފުހެލާފައި ގަޑިއަށް ބަލާލެވުނެވެ. ދަރިފުޅު ފުރުވާލަން ދާންވީއެވެ. އަވސް އަވަސް ކޮށްލައިގެން ދަރިފުޅުގެ ދަބަސް ތައްޔާރުކޮށްލީމެވެ. އަދި ދަރިފުޅުގެ އަތުގައި ހިފައިގެން ބަނދަރާ ދިމާލަށް މިސްރާބު ޖެހީމެވެ. ވަރަށް އަސަރާއެކު ދަރިފުޅަށް އަލްވަދާއުކީ މަންމައަށް ތަގްދީރުގައި ލިޔެވިފައިވާފަދަ ކަމެއް ދަރިފުޅުގެ ތަގުދީރުގައި ނުވުމަށް އެދޭ ހާލުއެވެ.

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 އޭ ގެ އާމިނަތު ހުމައިދާ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355