ކުރުވާހަކަ: ނުލިބުނު ލޯބި

ކުޅުދުއްފުށި އޮންލައިން - 1 އަހަރު ކުރިން - 28 ނޮވެމްބަރ 2015



ލިޔުނީ: ރައުފާ އާދަމް

މަތީ ޘާނަވީގެ ފުރަތަމަ ދުވަހެވެ. އައު ސްކޫލެކެވެ. އައު ޓީޗަރުންްނެވެ. އައު އެކުވެރިންނެވެ. ސްކޫލަށް ދިޔުމަށް އަހަރެން ތައްޔާރު ވަމުން ދިޔައީ އައު ހިތްވަރާކާ އަޒުމެއް ހިތުގައި ހަރުލައްވަމުންނެވެ. ކިޔަވައިގެން މަންމަ އުފާވާ ފަދަ ނަތީޖާއެއް ހޯދުމުގެ ނިޔަތުގައި އެވެ. އެ މަންމަ ނޫނީ އަހަރެންގެ އިތުރު އެއްވެސް މީހެއް ނެތެވެ. ވަރަށް ކުޑަ އިރު ބައްޕަ ވަނީ ނިޔާވެފަ އެވެ. އެހެންކަމުން މަންމަ އަހަރެން ބަލާ ބޮޑުކުރީ ވަރަށް ލޯތްބާއި އުންމީދާ އެކުގައިއެވެ.

ސްކޫލުގެ ގޭޓުގެ ތެރެއިން ވަދެގެން ދިޔައިރު ފެންނަމުން ދަނީ މުޅިންވެސް އައު މޫނު ތަކެކެވެ. އަހަރެން ކުރިން އުޅުނު ސްކޫލާ އަޅާބަލާއިރު ދެން ދަންނަ އެހެން ކުއްޖެއް ނެތެވެ. އެހެން ކަމުން ކުލާހުގައި އިންއިރު އިނދެވުނީ ވަރަށް މަޑުމަޑުންނެވެ. ފުރަތަމަ ދުވަސްވީމާ ކަންނޭނގެއެވެ. ނަަމަވެސް އެެއީ އަހަރެންގެ މިޒާޖެއް ނޫނެވެ. އަހަރުގެ ފުރަތަމަ ދުވަހު ކުލާސްތައް ދާނެގޮތަށް ތައާރަފު ވުމުގައި އެދުވަސް ދިޔައެވެ. ސެޝަން ނިމުމުން އަހަރެންނާއި ޒީނާ ގެއަށް ދިޔުމަށް ހިނގައިގަތީ މެވެ. ކޮރިޑޯގެ ތެރެއިން އެހެން ކުލާސްތައް ކުރިމަތިން ދަމުން ކުއްލިއަކަށް ބަލާލެވުނެވެ. އެވަގުތު އެ ކުލާސްގައި ހުރި ކުއްޖަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. ނުދަންނަ ކުއްޖެކެވެ. ނަމަވެސް އަހަރެންނަށް ވަަރަށް ގަޔާ ވެވިއްޖެއެވެ. އެވަގުތު އެ ފިރިހެން ކުއްޖާ ބަލާލިއެވެ. އަދި ހީލިއެވެ. “ވާއޮ” އަހަރެންނަށް ހިތާ ހިތާ ބުނެލެވުނެވެ. އެކުއްޖާގެ ހިނިތުންވުމަށް ރައްދު ދިނުމަށް އަހަރެންވެސް ހިނިތުންވެލީމެވެ.

އެ ރެއެވެ. އެ ފިރިހެން ކުއްޖާ މަތިން ހަނދާން ކުރެވެނީ އެވެ. ލޯ މަރާލިޔަސްމެއެވެ. ލޯ ހުޅުވިޔަސް ހަމަ އެ ހިނިތުންވުން ލޯ މަތީގައި ކުލަވަމުން ދިޔައެވެ. ނުނިދި އެނދުގައި ފުރޮޅިލަ ފުރޮޅިލާ އޮތީމެވެ. އެންމެ ފަހުން ނުނިދިގެން ފޭސްބުކް ބަލާލަން ތެދުވީ މެވެ. އައު ފްރެންޑް ރިކުއެސްޓެކެވެ. އެކްސެޕްޓް ކުރުމުގެ ކުރިން ޕްރޮފައިލް ހާވާލީމެވެ. އަހަރެން އަލަށް މި ފެށި ސްކޫލްގެ ކުއްޖެކެވެ. މާ ބޮޑު ވިސްނުމަކާ ނުލާ އެކްސެޕްޓް ކޮށްލީމެވެ. ހަމަ އެވަގުތު މެސެޖެއް އައެވެ.

އެކުއްޖާއެވެ. ތީ ކާކުތޯ އަހަރެން ސުވާލު ކުރީމެވެ.

“މިއަދު ވަރަށް ރީއްޗަށް ހީލީމެއްނުން” ޖަވާބުގައި އޭނަ ބުންޏެވެ. އަހަރެންނަށް ވީ ގޮތްވެސް ނޭނގުނެވެ. މިއީ އިއްތިފާގެއް ބާއެވެ. ނޫނީ އެހެން ކަމެއް ބާއެވެ.

އެރޭ ވަރަށް ލަސްވަންދެން ޗެޓު ކުރީމެވެ. ދެމީހުން އޭރުވަނީ ކޮންމެސް ވަރަކަށް ދަސްވެފައިއެވެ. އޭނާއަށް ކިޔަނީ އާތިފް އެވެ. އާތިފްގެ ކިބައިގައި އަހަރެން ވަރަށް ގަޔާވާ ސިފަތަކެއް ހުއްޓެވެ. ދެން ދުވަސްކޮޅަކުން ވާނެ ގޮތް އަހަރެންނަށް ވިސްނުނެވެ. ލޯތްބެވެ. އިންސާނުންގެ މެދުގައި ލައްވާފައިވާ ކަމެކެވެ. ލޯބި ވެވެން ހުރިއްޔާ ލޯބިވެސް ވެވޭނެ އެވެ. އެއީ އަހަރެންނަށް ބާރު ފޯރުވޭނެ ކަމެއް ނޫނެވެ. ނަމަވެސް ސުވާލަކީ އާތިފް އަހަރެން ދެކެ ލޯބި ވާނެހެއްޔެވެ؟

ކަލަންޑަރުން ދުވަސްތައް ގުނަމުން ދެއެވެ. ދުވަސްތައް މަސްތަކަށް ބަދަލު ވެއްޖެއެވެ. އަހަރެންނާ އާތިފްގެ ގުޅުންވެސް ވަރަށް ބަދަހި ވެއްޖެއެވެ. އަބަދުވެސް ހުރެވެނީ މެސެޖް ކޮށްލަ ކޮށްލައެވެ. މިހާތަނަށް އައިއިރު އަހަރެންނަށް ހަމަ ރަނގަޅަށް ވެސް އާތިފް ދެކެ ލޯބި ވެވިއްޖެއެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ޒީނާ އަށެވެ. ހުސް ގަޑިއެއް އޮތަސް ނެތަސް ސްކޫލަށް ދެވެން ފެށުނެވެ. ކޮރިޑޯ ތެރޭ ހިނގާ ގުރޫޕުގައިވެސް ވެއްޖެއެވެ. އެއީ ހަމަ އާތިފް ދެކިލުމަށްޓަކައެވެ. އަހަރެންގެ މި އުޅުމުގެ ސަބަބުން ކުލާހުގެ ބައެއް އެކުވެރިން ސުވާލު ކުރެއެވެ. އަނެއް ބައި އެކުވެރިން ދިމާ ކުރެއެވެ. އެއިން އެއްވެސް ކަމަކަަށް އަހަރެން ފަރުވާލެއް ނުދެމެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުރީ ހަމައެކަނި އާތިފް އަށެވެ.

“ރަނާ ތިހާ ލޯބިވަންޏާ އާތިފް ކައިރި ބުނަން ވީނުން” ޒީނާ އަހަރެންނަށް ލަފާ ދިނެވެ.

“ޒީނާ އަހަރެންމީ އަންހެން ކުއްޖެކޭ … އަހަރެން ކިހިނެތް ގޮސް ފިރިހެން ކުއްޖެއް ކައިރި ބުނާނީ ….”

“ސާބަސް ރަނާ މިޒަމާނަކު ތިބައެއް ނޯވެއޭ… އެއީކީ މައްސަލައެއް ނޫން… ތިހެން ހުއްޓާ ތެޔޮ ނާށި ކާޅު ޖަހައި ގަނެދާނެ” އަހަރެންގެ ޖަވާބަށް ސަމާސާ ކޮށްލަމުން ޒީނާ ބުނެލިއެވެ.

” އާތިފް އަހަރެންދެކެ ލޯބިވާ ކަމެއް ނޭނގެ އޭ އެކަމަކު” އަހަރެން ބުނީމެވެ.

“ތީދެން ސުވާލު އުފެދޭ ވަރު ކަމެއްވެސް ނޫނޭ ނުން… އަބަދުވެސް ރަނާއަށް ގުޅާ މެސެޖް ކުރާއިރު އެބަ އެނގެއެއްނުން އޭނާގެ ދިރިއުޅުމުގައި އެހެން މީހެއް ނެތްކަން. ތިހާ ފިނޑި ނުވެ ބުނެބެލަ” ޒީނާ ހިތްވަރު ދިނެވެ.

އޭގެ އަނެއް ދުވަހު އަހަރެން ނިންމީ ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އާތިފް ކައިރީ ބުނުމަށެވެ.

“ހަލޯ އާނ ކީކޭ ރަނާ…. ވަރަށް މުހިންމު ވާހަކައެއް އެބަ އޮތޭ ބުނީމަ މި ގުޅީ” ވާހަކަ ދެއްކީ އާތިފް އެވެ.

“އާނ… މި އަހަރެން ..” ޖެހިލުންވެ ހުރެ ވާހަކަ ދައްކަން ފެށީމެވެ.

“އައްދެ އަހަރެން މީ ނުދަންނަ މީހެއް ނޫނޭނުން. ކިހިނެތް ތިވަނީ؟” ހީލާފަ އާތިފް ބުންޏެވެ.

“އާތިފް ….އަހަރެންނަށް އާތިފް ދެކެ ލޯބި ވެވިއްޖެ” ވަރަށް އަަވަސް އަވަހަށް އަހަރެން ބުނެލީމެވެ.

އާތިފްގެ ޖަވާބެއް ނުލިބުނެވެ. ދެމެދުގައިވާ ހަމަހިމޭން ކަން ކަޑުވާލީ އަނެއްކާވެސް އަހަރެންގެ އަޑުންނެވެ. “ސޮރީ އަހަރެންނަށް ބުނެވުނީ… މީ ދެނ ނުދައްކާ ވާހަކައެއް އިނގޭ”

“އޭ މަޑުކޮށްބަލަ. ވަރަށް އުފާ ވެއްޖެ… އެކަމަކު … އެކަމަކު…. އަހަރެން ލޯބިވާ އެހެން ކުއްޖެއް ހުރޭ” އާތިފް ބުންޏެވެ.

“އޭން ކީކޭ ކީއްވެ ކުރިން ނުބުނީ؟ އަހެރެން މީ ހާދަ ބޮޑު މޮޔައެކޭ!!” އަހަރެން އަމިއްލަ ނަފްސާ ޝަކުވާ ކޮށްލީމެވެ.

“ރަނާ އިހަށް ހަމަޖެހިބަލަ. ތިއީ މައްސަލައެއް ނޫނޭ. ގަބޫލުކުރަން އަހަރެން ލޯބިވާ ކުއްޖެއްް ހުންނަކަން ބުނަން ޖެހޭނެކަން އެކަމަކު” އާތިފް ގެ ވާހަކަތައް އިތުރަށް އަޑުއަހާނެ ހިތްވަރު ނެތުމުން އަހަރެން ފޯނު ކަނޑާލީމެވެ. އަދި މި ކުރެވުނު މޮޔަ ކަންތަކާ ވިސްނާލީމެވެ.

“ތެޔޮ ނާށި ކާޅު ޖަހައިގަނެއްޖެ” އެހެން ކިޔާ އަހަރެން ޒީނާއަށް މެސެޖެއް ކޮށްލީމެވެ. އެވަގުތު އާތިފްގެ މެސެޖެއް އައެވެ. އެ މެސެޖުގައި ވަނީ

” ރަނާ…. އަހަރެން އެ ވާހަކަ ނުބުނީ އެއީ އެއްވެސް މާނައެއް ނެތް ކަމެއްވެ …އެއީ އަހަރެން ވަރަށް ކުރިންސުރެ ލޯބިވާ ކުއްޖެއް. އޭނާ އަހަރެންދެކެ ނުވޭ. އަަރެންނަށް ރަނާ ދެކެ ނުވެނުނަސް މި ދެމެދުގައިވާ އެކުވެރިކަމަށް ބަދަލެއް ނާންނާނެ. ޔަގީން ކުރޭ ބައެއް ފަހަރު ލޯބީގައި ތިމާ ކިތަންމެ ލޯބިވިއަސް އަނެކާ ތިމާ ދެކެ ނުވެދާނެ އެކަމަކު އެއީވެސް ލޯބި”

މެސެޖް ކިޔާ ނިމުނު އިރު އަހަރެންނަށް ރޮވިއްޖެ އެވެ. އެ ދުވަހުން ފެށިގެން އަހަރެންނަށް އާތިފްއާ މޫނު ހަމަ ކުރާކަށް ނުކެރެއެވެ. ވާހަކައެއް ނުދެއްކެ އެވެ. މަޑުމަޑުން ގުޅުން ކެނޑެން ފެށުނެވެ. ދުވަސްކޮޅެއް ކުރިން އެހާ ގާތްކޮށް އުޅި މިއަދު ނުދަންނަ ބަޔަކަށް ވެއްޖެއެވެ.

ސްކޫލްގެ 2 އަހަރު ނިމި ގުރެޖުއޭޝަނާ ހަމައަށް އައި ގޮތްވެސް ނޭނގުނެވެ. އާތިފާއި އަހަރެން އެއްކުލާސް ނޫންވެ މިވީހާ ދުވަހު ފިލަައިގެން އުޅުނު ނަމަވެސް މިރެއަކު ނުފިލޭނެއެވެ. އެ ހަފްލާ ނިމި އެންމެން ފޮޓޯ ނަގަން ފެށިއެވެ. ސްކޫލުން ވަކިވާތީ އެ ހިތާމާގައި ކަރުނައާއި ގުރެޖުއޭޓު ވުމުގެ އުފަލުގެ ކަރުނަ އެންމެންގެ ލޯމަތީ ވެއެވެ. އަހަރެންގެ ލޮލުގައި އިތުރު ކަރުނައެއްވެސް ވެއެވެ. ފޮޓޯ ނަގާ ސްޓޭޖައްވެސް އަހަރެން އެރީ ގުރެޖުއޭޝަން ހެޓާއެކު ފޮޓޯއެއް ނެގުމަށެވެ. އެވަގުތުވީ އާތިފްއަށްވެސް އެރުނު ވަގުތަކަށެވެ. އެހެން ކަމުން ދެމީހުންނަށްވެސް ޖެހުނީ އެ ފޮޓޯއަށް ޕޯޒް ވެގެން ތިބުމަށެވެ. ނުދަންނަ ދެމީހުން ފަދައިން ތިބިއިރު އެކަކު އަނެކަކު ބުނަން ބޭނުން ވާ ކިތަންމެ ކަންތައްތަކެއް ހުއްޓެވެ. އެތަނުން އަހަރެން އަވަސް ފިޔަވަޅުތަކުގައި ނުކުމެގެން އައީ ލޮލުގައިވާ ކަރުނަތައް ފޮރުވުމަށް އެންޏެއް ނޫނެވެ. ފަހުން ލަދުގަންނަން ޖެހޭ ފަދަ އެއްޗެއް ދެވަނަ ފަހަރަށް އާތިފްގެ ކައިރީގައި ބުނެވިދާނެތީއެވެ. ފަހަތުން ޒީނާވެސް އައެވެ.

“ތީދެން ކޮންކަމެއް ؟ އަމިއްލަ ނަފަސައް ތިހެން ނުހަދަ ބަލަ. މުޅި މީހާ ހަލާކުވެދާނެ! ބޭކާރު ކަމެއް ތިކުރަނީ ކީއްވެ؟ ”

“ޒީނާ …. އަހަރެން އާތިފް ދެކެ ވަނީ ހަގީގީ ލޯބި… ތިހާ ފަސޭހައިން ކިހިނެތް ހަނދާން ނައްތާލާނީ … އާތިފްއަށް އެކުއްޖާ ދެކެ ވެވެންޏާ.  ކީއްވެ އަހަރެންނަށް ނުވާން ވީ؟ އަހަރެން ދިފާއުގައި ބުނީމެވެ.

“ރަނާ!” ފަހަތުން އަހަރެންގެ ނަން އިވުނެވެ. އެއީ ކާކުކަން އަހަރެންނަށް އެނގުނެވެ. އަހަރެން އެނބުރެލީމެވެ.

“ރަނާ…އަދިވެސްތަ؟” އާތިފް ހައިރާން ކަމާއިއެކު އެހިއެވެ.

“ރަނާ ތިހެން ނުހަދާ….އަހަރެންނަށް އިންތިޒާރު ނުކުރޭ…. ރަނާ އަށް އަހަރެންނަށް ވުރެ މާ ރަނގަޅު ކުދިން ލިބޭނެ” އަހަރެންގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް އާތިފް ބުންޏެވެ.

“އެހެންތަ؟ އާތިފްއަށް އިންތިޒާރު ކުރެވޭ ނަމަ ކީއްވެ އަހަރެންނަށް ނުވާންވީ؟ ވެދާނެ މިއީ މޮޔަ ކަމަކަށްވެސް … އެކަމަކު އަހަރެން އާތިފް ނޫން މީހެއް ބޭނުމެއް ނޫން. ބައެއް ފަހަރު ލޯތްބަކީ އަނެކާ ލޯބިވާތީ ވާ އެއްޗެއް ނޫން” އާތިފް ބުނި ވާހަކަ އަހަރެންވެސް ބުނީމެވެ.

“އެކަމަކު ތި ގޮތައް ރަނާގެ ދިރިއުޅުން ރަނާގެ ދިރިއުުޅުން ބޭކާރު ނުކުރޭ” އާތިފް އަހަރެންގެ ކައިރީ އެދުނެވެ.

“ތިހާ އަސަރު ކުރަންޏާ ކީއްވެގެންތަ އަހަރެން ދެކެ ލޯބިވެޔޭ ނުބުނަނީ؟ ބުނެބަލަ…” އަހަރެންނަށް ރޮވުނެވެ.

އަހަރެން ހިނގައިގަތީ އާތިފްގެ ޖަވާބެއް ނުލިބޭނެކަން ޔަގީންވާތީއެވެ. އަހަރެން ފަސް އެނބުރި ބަލާލީ އަހަރެންގެ ނުލިބުނު ލޯތްބަށެވެ. އެއީ އެންމެ ފަހު ފަހަރަށް ކަމަށް ނިންމައިގެންނެވެ.

އެރެއަކީ އަހަރެން ޑޮކްޓަރުކަން ކިޔެވުމަށް މެލޭޝިއާ އަށް ފުރަން އޮތް ރެއެވެ. ހިތާމަތަކަށް “ޓާޓާ” ކިޔަމުން އަހަރެން ފުރީ އައު ފެށުމަކަށެވެ. އެވަގުތު ޗެކިންގައި ހުއްޓައި ފޯނެއް އައެވެ. އަހަރެންނަށް ކުއްލި ސިހުމެއް ލިބުނެވެ. އެއީ އާތިފްއެެވެ. ފޯނުގެ ސްކްރީނަށް އަހަރެން ބަލަހައްޓައިގެން ހުރެ އާތިފްގެ 6 ކޯލް މިސް ވިއެވެ. އެކަމާ ކުރިމަތި ލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަރެން ބޭނުންވީ އާތިފްއާ ދުރަށް ދާށެވެ. ބޯޓަށް އަހަރެން އެރީ އަހަރެން އެ ނިޔަތުގައި އެވެ.
ޑޮކްޓަރުކަން ކިޔަވައިން އަހަރެން ރަށަށް އަނބުރާ އައީ އޭގެ 8 އަހަރު ފަހުންނެވެ. އެތައް އަހަރެއްގެ ހިތްވަރާއި މިންނަތެވެ. ނަތީޖާ ލިބި އެކަމުގެ ފޮނި މީރުކަން ލިބުނު ދުވަހުއެވެ. މަންމަ އާއި އާއިލާގެ އެހެނިހެން މެންބަރުންގެ އުފާވެރިކަން އެއަށް ވުރެ ބޮޑެވެ. ގާތް އެކުވެރިޔާ ޒީނާ ފެނުނު ދުވަހެވެ. ޒީނާ ވަނީ ކައިވެނިކޮށް 2 ކުދިންގެ މަންމައަކަށް ވެފައިއެވެ. ރަށުގައި ފައި ޖެހުމާއެކު ކުރީގެ ހަނދާންތައް އާވާން ފެށިއެވެ.

“އާތިފް ކިހިނެތް؟” އަހަރެންނަށް އަހާލެވުނެވެ. ޒީނާ ވަކި ޖަވާބެއް ނުދިނެވެ.

“މެރީ ކުރީ ދޯ އޭނާ؟ އެއްކަލަ ކުއްޖައާ ތަ؟” އަހަރެންނަށް އަނެއްކާވެސް އަހާލެވުނެވެ.

“ހިނގާބަލަ. އަހަރެން ހީކުރީ ރަނާ އާތިފް މަތިން ހަނދާން ނައްތާލީ ކަމަށް. އެއީ 8 އަހަރު ކުރީގެ ކަމެކޭ” ޒީނާ އަހަރެންގެ އަތުގައި ހިފާ ގޭތެރެއަށް ވަންނަމުން ބުންޏެވެ.

“އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު ނުވި ފުރި ދުވަހުވެސް ގުޅި” އަހަރެން ބުނީމެވެ.

“އެނގޭތަ ގުޅީ ކީއްވެކަން ؟ އެއީ އާތިފްވެސް ރަނާ ދެކެ ލޯބިވާ ވާހަކަ ބުނަން” ޒީނާ ބުންޏެވެ.

“އޭން ކީކޭ؟” އަހަރެންނަށް ހައިރާން ކަމާއެކު ބުނެވުނެވެ.

“އާން އެކޭ އާތިފް އަދިވެސް ހުރީ ރަނާއަށްޓަކައި” ޒީނާގެ ވާހަކައަށް ބެލުމެއް ނެތި އަހަރެން ދުއްވައިގަތީ އާތިފް ހޯދުމަށެވެ. މިވީހާ ދުވަހު އަހަރެން ކުރި އިންތިޒާރު ނިމުމަކަށް އައީ އެވެ. އުފަލުގެ ކޮޅެއްވެސް ނެތެވެ.

“އާތިފް!” ވަރަށް ބާރަށް ގެއަށް ގޮސް އަހަރެން ގޮވީމެވެ.

“ރަނާ!” އެ ލޯބި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެެވެ. ދެމީހުން އެކަކު އަނެކަކުގެ ކުރިމައްޗަށް އާދެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ތިބެވުނެވެ.

“ރަނާ ހާދަ އިންތިޒާރެއް ކުރެވިއްޖެއޭ” އަހަރެންގެ އަތުގައި ހިފާލަމުން އާތިފް ޖަވާބު ދިނެވެ.

8  އަހަރު ދުވަސް އެކަކު އަނެކަކުގެ އިންތިޒާރުގައި ހޭދަ ކުރިގޮތް ކިޔާދިނީމެވެ.

“ރަނާ އަހަރެން ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން” އާތިފް ބުންޏެވެ.

“ތިއީ އަހަރެންވެސް ބޭނުންވާ ގޮތް. މަންމާއާ ބައްދަލު ކުރަން މިރޭ އަންނަން ވީނުން” އާތިފްގެ ކޮނޑުގައި ބޯ އަޅާލަމުން އަހަރެން ބުނީ މެވެ. އަހަރެންނަށް ލިބެމުންދާ އުފަލުގެ ވާހަކަ ބަޔާން ކުރަން ވެސް ނޭނގުނެވެ.

އެރޭ އާތިފްގެ މައިން ބަފައިންނާއި އާތިފް އަހަރެންނާ ބައްދަލު ކުރަން އައެވެ. އެރޭ ވެގެން ދިޔައީ އަހަރެން ހީކުރި ގޮތާ ހިލާފަށް އަހަރެންގެ ދިރިއުޅުމަށް އައި ބޮޑު ތޫފާނަކަށެވެ.

“ބައްޕާ…. މިއީ ރަނާގެ މަންމަ”

“އާބިދާ. ލަތީފް” އާތިފް އޭނާގެ ބައްޕަ އަހަރެންގެ މަންމައާ ތައާރަފް ކުރިއެވެ. ކަންދިމާ ކުރިގޮތުން އެދެމީހުން މީގެ ކުރިންވެސް އެކަކު އަނެކަކު ދަނެއެވެ.

“ދަރިފުޅާ ދަރިފުޅަކަށް އާތިފްއަކާ ކައިވެންޏެއް ނުކުރެވޭނެ”

“މަންމާ… އެކީއްވެ؟” މަންމަގެ ވާހަކައިން އަހަރެންނަށް ކުއްލި ސިހުމެއް ލިބުނެވެ.

“ބައްޕާ. ކީއްތަ މި ވަނީ ؟” އަހަރެންގެ މަންމައާއި ބައްޕަގެ މެދުގައި މެދުގައި ކަމެއް ހިނގާފައިވާ ކަމުގެ އިހުސާސެއް ކުރެވިގެން އާތިފްވެސް ސުވާލު ކުރިއެވެ.

އަހަރެންވެސް އާތިފްވެސް ސުވާލު ކުރަމުން ދިޔައީމެވެ.

“އެއީ އާތިފްގެ ބައްޕައަކީ ދަރިފުޅުގެ ބައްޕައަށް ވީމަ” މަންމަގެ އަޑުން މުޅިތަން ހިމޭން ވިއެވެ.

“މަންމާ ކީކޭ ތިކިޔަނީ؟…. އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައެއް ނުން” ރަނާ ބުންޏެވެ.

“ދަރިފުޅާ މަންމައަށް މާފްކުރޭ. ދަރިފުޅުގެ ބައްޕައަކީ މީ… އަހަރެމެން ދެމައިން އެކަނި ކޮށްލާފައި އެހެން އަންހެނެއް ފެނިގެން ދިޔަ ލަތީފް ތީ… ދަރިފުޅު ދެރަ ނުކުރަންވެގެން މަންމަ އެ ދޮގު ހެދީ” ނޭނގޭ ވާހަކަތަކެއް އެއްފަހަރާ އެނގިގެން ދިޔައެވެ.

“މާނައަކީ އާތިފްއަކީ އަހަރެންގެ” އަހަރެންގެ ސުވާލު އެހިސާބުން ހުއްޓުނެވެ.

“އާން އެއީ ދަރިފުޅުގެ އެއްބަފާ ބޭބެ” އަހަރެންގެ ޖުމްލަ މަންމަ ފުރިހަމަ ކޮށްދިނެވެ. އަަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. 8 އަހަރުގެ އިންތިޒާރަށް ފަހު އެންމެ ފަަހުން އެއަށް ނިމުން މިއައީ ކޮންފަދަ ގޮތަކަށް ހެއްޔެވެ.؟ އާތިފްވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓެވެ. ގެއިން ނުކުމެގެން ދިޔައީ ފަސް އެނބުރި ބަލާވެސް ނުލައެވެ. ބަލާނީ ފަހެ ކޮން މޫނަކަަށް ހެއްޔެވެ.؟

ބިތްޖެހިފާ އަހަރެންނަށްވެސް ހުރެވުނެވެ. ވިސްނުނީ އެންމެ އެއްޗެކެވެ. ބައެއް ކަންތައްތަކަކީ ހިތުގެ ފުންމިނުން ކިތަންމެ އެދުނު ނަމަވެސް ތަގުދީރުގައި ވާން ނެތްނަމަ ނުވާނެ ކަމެކެވެ.

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ސީ ގެ ރައުފާ އާދަމް އެވެ.


ގުޅުން ހުރި ލިޔުންތައް