ޑައެޓް ކުރަން ފަށާ ގިނަ މީހުންނަށް ދިމާވާ ވަރަށް އާންމު މައްސަލައެއް އޮވެއެވެ. އެއީ ޑައެޓް ކުރަން ފަށާފައި ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑުގެ ބަރުދަން ކުޑަ މިންވަރަކަށް ލުއިވި ނަމަވެސް ހަމަ އެވީހާ ދުވަސްތެރޭގައި އަނެއްކާވެސް ހަށިގަނޑުގެ ބަރުދަން އިތުރުވެގެން ދިއުމެވެ. އަދި ބައެއް ފަހަރަށް ހަށިގަނޑުގެ ބަރުދަން ޑައެޓް ކުރަން ފެށި އިރަށް ވުރެ މާބޮޑަށްވެސް ބަރުވެގެން ދެއެވެ. މިހެން ކަން ދިމާވަނީ ކީއްވެގެން ކަން ހަމަ ޔަގީނުންވެސް ޑައެޓް ކުރާ މީހުންގެ ހިތަށް އަރާނެއެވެ.
ރުޓްގާސް ޔުނިވާސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރ ޝާލޮޓް މާކީ ވަނީ ކެއުމާއި ޑައެޓް ކުރުމުގެ މައްޗަށް ރިސާރޗް ކުރުމުގައި 15 އަހަރު ވަނީ ހޭދަކޮށްފައިއެވެ.
ސައެންޓިފިކް އެމެރިކަން ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ އާޓިކަލްގައި ބުނާގޮތުން ސައިންސުގެ އަލީގައި ކޮށްފައިވާ ބޮޑު ދިރާސާއެއްގެ ނަތީޖާގައި ދައްކާގޮތުން ޑައެޓް ކުރުމަކީ ބަރުދަން ލުއި ކުރުމަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށާއި ގިނަ ޑައެޓް ކުރާ ފަރާތްތައް ޑައެޓް ކުރުން ހުއްޓާލުމުން ބަރުދަން މާބޮޑަށްވެސް އިތުރުވާ ކަމަށް މާކީ ބުނެފައިވެއެވެ.
ޑައެޓްގެ ކުރުމުގައި ގެންގުޅޭ އެކި ގޮތްތައް ހުންނަ އިރު މަދު މިންވަރެއް ކައިގެން ހުރުމާއި ކެލަރީ ހުންނަ ކާއެއްޗެހި ލިމިޓް ކުރުމައި ކާބޯހައިޑްރޭޓް އަދި ހަކުރު ހުންނަ ކާއެއްޗެހި އެއްގޮތަކަށްވެސް ބޭނުންނުކޮށް ހުންނަން ޖެހޭ ޑައެޓް ޕްލޭންތަކުގައި ދެމި ނުހުރެވެނީ އެ ޕްލޭންތަކަކީ މާބޮޑަށް ވަރުބަލިކޮށްލާ ކުރިޔަށް ގެންދިޔުމަށް އުނދަގޫ ގޮތްތަކަކަށް ވާތީ ކަމަަށް މާކީ ބުނެއެވެ.
*ޑައެޓް ކުރުމުން އިތުރަށް ފަލަވޭ
2013 ވަނަ އަހަރު ކުރި 20 ދިރާސާގެ ތެރެއިން 15 ދިރާސާގެ ނަތީޖާގައި ދައްކާފައިވާ ގޮތުން ޑައެޓް ކުރުމުން ބަރުދަން ލުއިނުވެ އިތުރަށް ހަށިގަނޑު ބަރުވާކަމަށް މާކީ ބުންޏެވެ.
*ޑައެޓް ކުރުން ހުއްޓާލުމުން ގިނައިން ކާހިތްވޭ
ޑައެޓް ކުރުމުގައި ވަކި ބާވަތެއް ނުވަތަ ވަކި ކާނާއަކާ ދުރަށް ދިޔުމުން އެ އެއްޗެއް އިތުރަށް ބޮޑަށް ކާހިތްވާނެއެވެ. އަދި އެ ކާއެއްޗަކާމެދު އިތުރަށް ވިސްނޭގޮތްވެސް ވެއެވެ. ގަބޫލު ކުރަން ކިތަންމެ ދަތިކަމުގައި ވިޔަސް އެ ކާހިތްވާ އެއްޗެއް ކެއުމުން ދާއިމީ ގޮތެއްގައި ބަރުދަން ލުއިކުރުމުގައި އެހީއަކަށް ވާކަމަށް މާކީ ދެކެއެވެ.
2012 ވަނަ އަހަރު 193 ފަލަ މީހުން ދެ ގުރޫޕަކަށް ބަހައިގެން ކުރިދިރާސާއެއްގައި އެކަން ހާމަވި ކަމަށް މާކީ ބުނެއެވެ. އެ ދިރާސާގައި 4 މަސް ވަންދެން އެއް ގުރޫޕުން ލޯކެލަރީ ބްރެކްފާސްޓް ނެގި އިރު އަނެއް ގުރޫޕުން ނޯރމަލް ކެލެރީގެ ބްރެކްފާސްޓެއް ނަގާފައި ވެއެވެ. 4 މަހަށް ފަހު ކޮންމެ ގުރޫޕެއްގެ މީހުންވެސް 13 ކިލޯ ލުއިވެފައިވެއެވެ. ނަމަވެސް ޑައެޓް ހުއްޓާލުމަށްފަހު 4 މަސްދުވަސްތެރޭގައި ލޯކެލަރީ ބްރެކްފާސްޓް ނެގި މީހުން 11 ކިލޯ ބަރުވި އިރު ނޯރމަލް ކެލެރީ ބްރެކްފާސްޓް ނެގި މީހުން ބަރުވީ 6 ކިލޯ އެވެ.
*ޑައެޓް ކުރުމަކީ ހާސްވާކަމެއް
ޑައެޓް ކުރާ ގިނަ މީހުން ކާނީ ކޮން ބާވަތެއްގެ ކޯޗެއްކަމާއި ނުކާން ވާނީ ކޮން އެއްޗެއް ކަމާ މެދު ވިސްނާ ފިކުރު ކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެފަދަ މީހުން ޑައެޓްތަކާއި ކެއުމާ ބެހޭ އާ މައުލޫމަތު ހޯދުމުގައި އަވަދި ނެތި އުޅޭ ކަމަށް މާކީ ބުނެއެވެ.
2010 ވަނަ އަހަރު 121 އަންހެނުންނަށް ކުރި ދިރާސާއެއްގެ ނަތީޖާގައި ދައްކާގޮތުން ކެއުމުގައި ކެލަރީ ހުންނަ ބާވަތް މަދުކޮށްގެން އުޅޭ އަންހެނުންގެ ކޯޓިސޯލް ހޯމޯން ލެވެލް އިތުރުވެއެވެ.
ސްޓްރެސް ހޯމޯނެއް ކަމަށްވާ ކޯޓިސޯލް މަތިވުމުގެ ސަބަބުން ކަންކަމާމެދު އަވަހަަށް ހާސްވާގޮތް ދިމާވެއެވެ.
ކަންތައްތައް މިހެން އޮތް އިރު ޑައެޓް ކުރުމުގެ ރަނގަޅު ގޮތަކީ ކޮބާ ހެއްޔެވެ؟
މާކީ ދެކޭ ގޮތުގައި މި ސުވާލުގެ ޖަވާބަކީ ދެމިހުރެވޭނެ ފަދަ ކުދި ބަދަލުތައް ކެއުމުގައި ގެނައުމެވެ. އަދި މި ގޮތަކީ ދާއިމީ ގޮތަކަށް ބަރުދަން ލުއި ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ގިނަ ދިރާސާތަކުންވެސް ދައްކާ ކަމަށް މާކީ ބުނެއެވެ.