ރާއްޖޭގައިވެސް މިހާރު ގައިން ގަޔަށް ނާރާ ނަމަވެސް ނުރައްކާތެރި ބަލިތައް ފެތުރެމުން މިދަނީ އިންތިހާ ދަރަޖައަށް ބިރުގަނެ އަދި ސަމާލުކަންދޭ މިންވަރަކަށެވެ. އެގޮތުން ހައިޕަޓެންޝަން ނުވަތަ ލޭ މައްޗަށް ދިއުން މިވަނީ އެންމެ ޒުވާން އުމުރުގެ މީހުންވެސް ހަނގުރާމަކުރާ ބައްޔަކަށްވެފަ އެވެ.
ލޭ މައްޗަށް ދިއުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ނުބައި ކެއުމުގެ އާދަތަކާއި، މަދު ހަރަކާތްތެރިކަމާއި، އިތުރު ބަރުދަން ހިމެނެއެވެ. ލޭ މައްޗަށް ދާން މެދުވެރި ވަނީ ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާ އާޓްރީތަކުގެ ތެރޭގައި ޕްރެޝަރު މައްޗަށް ދިއުމުންނެވެ. މިހެން ވުމުން، މުޅި ހަށިގަނޑަށް ބޭނުންވާ ލޭ ދައުރުކުރުމަށްޓަކާ އިތުރު މަސައްކަތްތަކެއް ހިތުން ކުރަން ޖެހެ އެވެ. އަދި މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި ކިޑްނީގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ.
ހައިޕާޓެންޝަން ނުވަތަ ލޭ މައްޗަށް ދިއުމުގެ ދެ ވައްތަރެއްވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ފުރަތަމަ ވައްތަރަކީ ޕްރައިމަރީ ހައިޕާޓެންޝަނެވެ. ލޭ މައްޗަށް ދާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ޖެހެނީ ޕްރައިމަރީ ހައިޕާޓެންޝަން ކަމަށް ދިރާސާތަކުން ދައްކަ އެވެ. ޕްރައިމަރީ ހައިޕާޓެންޝަނަކީ ފާޅުކަން ބޮޑު ދިގު މުއްދަތަށް ފަރުވާ ހޯދަން ޖެހޭ ބައްޔެއް ނެތި، ލޭ މައްޗަށް ދިއުމެވެ.
ދެވަނަ ވައްތަރަކީ ސެކަންޑަރީ ހައިޕާޓެންޝަނެވެ. ދެވަނަ ވައްތަރަކީ ދިގު މުއްދަތަށް ފަރުވާ ހޯދަން ޖެހޭ ބައްޔަކާ ގުޅިގެން ލޭ މައްޗަށް ދިއުމެވެ. މިގޮތަށް ލޭ މައްޗަށް ދިއުމަށް މެދުވެރިވާ ބައެއް ސަބަބުތަކަށް ބަލާލާ އިރު، ކިޑްނީއާއި ހިތް އަދި ލޭ ދައުރުވުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން ލޭ މައްޗަށް ދެ އެވެ.
ދިރާސާތަކުން ދައްކާގޮތުގައި 30 އަހަރުން މަތީގެ މީހުންގެ މެދުގައި ލޭ މައްޗަށް ދިއުން އާންމުވެފައިވާއިރު، ފިރިހެނުންނަށްވުރެ އަންހެނުންގެ މެދުގައި މިކަން އިތުރެވެ. މިކަމުން ދުރުހެލިވުމަށް ޑޮކްޓަރުން ލަފާދެއްވަނީ ގަވާއިދުން ދުޅަހެޔޮ ކާނާ ކެއުމަށާއި، ކަސްރަތު ކުރުމަށާއި، ލޮނު މަދުކުރުމަށެވެ.
އިންސާނުންގެ މެދުގައި މިހާރު އާދައަކީ ބަލިން ރައްކާތެރިވުމަށް ވުރެ ބޮޑަށް ބަލި ޖެހުމުން ފަރުވާ ހޯދުން ކަމަށްވެފައިވާ ނަމަވެސް، ލޭ މައްޗަށް ދިއުން ހުއްޓުވުމަކީ ނުވަތަ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަކީ ދިރިއުޅުމަށް ގެނެވޭ ކުޑަ ބަދަލުތަކަކާ އެކު ކޮށްލެވިދާނެ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ލޭ މައްޗަށް ދިއުމުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ކާނާގެ ތެރޭގައި ތަރުކާރީއާއި މޭވާ، ކިރު އަދި މަސް ހިމެނެއެވެ. އަދި ބޮޑެތި މީހުންގެ ލޭގެ މިންވަރު ހުންނަންވާނީ 120/80 mmHg އަށްވުރެ ދަށުގައެވެ. ކުޑަކުދިންގެ ލޭގެ މިންވަރު ހުންނަންވާނީ އުމުރާ އެކަށީގެންވާ މިންވަރެއްގައެވެ.
ޅައުމުރުގައި ލޭ މައްޗަށް ދިއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ފާސްޓް ފުޑްގެ ބޭނުން އިތުރުވުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކުގެ ބޭނުން އިތުރުވުމުގެ ސަބަބުން ހަރަކާތްތެރިކަން މަދުވުން ހިމެނެއެވެ.
ބައްޔެއް މެދުވެރި ނުވެ، ލޭ މައްޗަށް ދިއުން ނުވަތަ ޕްރައިމަރީ ހައިޕާޓެންޝަން ޖެހެން މެދުވެރިވާ ސަބަބުތައް ގިނަ އެވެ. ޒަމާނަށް އައި ބަދަލުތަކާ އެކު މުޖުތަމައެއްގައި ދިރިއުޅޭ މާހައުލަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ލޭ މައްޗަށް ދިއުމަށް މަގުފަހިވެ އެވެ. މިގޮތުން ބަލާލާ އިރު، ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުލިބި، ސަރުބީ ގިނަ ކެއުންތައް ކައި، ގިނައިން ލޮނު ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ރިސްކް ފެކްޓާސް އިތުރު ވެގެން ދެ އެވެ.
ލޭ މައްޗަށް ދިއުމުގެ ސަބަބުން ނުރައްކާތެރި ގިނަ ބަލިތަކަކަށް ދޮރު ހުޅުވިގެންދެ އެވެ. މީގެ ތެރޭގައި ސްޓްރޯކް އަދި ހާޓު އެޓޭކް ފަދަ ނުރައްކާތެރި ބަލިތައް ފާހަގަކޮށްލެވެ އެވެ.