twitterviber whatsapp telegramfacebookyoutube instagram
21st September 2026

ހަނދާންނެތުންމަށްވުރެ ބޮޑު ކަމެއް: އަލްޒައިމާސް ބަލި

ހާޝިމް އަބޫބަކުރު
Sep 21, 2026

އަހަރެމެން އެންމެން ވެސް ކަންކަން ހަނދާންނެތެއެވެ. ބައެއް ފަހަރަށް ކޮޓަރިއަކަށް ވަންނަ އިރު ވަދެވުނު ބޭނުން ހަނދާނުން ކައްސާލައެވެ. އެއްފަހަރު ދިމާވެފައިވާ މީހެއްގެ ނަން ހަނދާންކުރަން އުނދަގޫވުން ނުވަތަ ތަޅުދަނޑި ބޭއްވުނު ތަނެއް ހަނދާންނެތުމަކީ ވެސް ހަމަ ދިމާވާ ކަންކަމެވެ.

އާންމުގޮތެއްގައި މިފަދަ ކަންކަމަކީ އިންސާނަކަށް ވީތީ ދިމާވާ އާދައިގެ ކަންކަމެވެ. ނަމަވެސް، ކަންކަން ހަނދާންނެތުން އާންމުވާން ފަށައިފިނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ މައިންބަފައިން އެއް ސުވާލެއް ތަކުރާރުކޮށް ކުރަންފަށައި، ކުރިން ކުރަން އެނގޭ އާދައިގެ ކަންކަން ކުރަން އުނދަގޫވާން ފަށައިފިނަމަ، ނުވަތަ މިސްކިތުން އަންނައިރު ނުވަތަ ކުރިން އަބަދު ދާ ފިހާރައަކަށް ގޮސްފައި ވެސް މަގުއޮޅޭ ގޮތްވާނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ އާދައިގެ ހަނދާންނެތުމެއް، ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަކަށް ބަދަލުވަނީ ކޮން ހިސާބަކުން ހެއްޔެވެ؟

މިއީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 21 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އަލްޒައިމާސް ބައްޔަށް ހޭލުންތެރިކުރުމުގެ ދުވަހު ވިސްނާލަންޖެހޭ މުހިންމު ސުވާލެކެވެ.

އަލްޒައިމާސްއަކީ އަކި ކޮބާ؟

އަލްޒައިމާސް ބައްޔަކީ މީހާގެ ހަނދާނަށާއި، ވިސްނުމަށާއި، އަދި ދުވަހުން ދުވަހަށް ކުރާ އާދައިގެ ކަންކަން ކުރުމުގެ ގާބިލުކަން ދަށްވެގެންދާ ސިކުނޑިއަށް ޖެހޭ ބައްޔެކެވެ. އެހެންކަމުން އަބަދު ކަންކަން ހަނދާންނެތި މި ކަން ދެމިގެންވާ ބަދަލަކަށްވެ، މީހާގެ އާދައިގެ ދިރިއުޅުމަށް އޭގެ އަސަރުކުރަން ފަށާކަމަށް ފާހަގަކުރެވޭ ހިސާބުން އެއީ ކަންބޮޑުވާންޖެހޭ އިންޒާރެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ހަނދާންނެތުން/އަކުސަ ނުވަތަ ޑިމެންޝިއާގެ 60-70 އިންސައްތަ ކޭސްތަކަކީ އަކީ އަލްޒައިމާސް ބައްޔެވެ.

ހަނދާންނެތުން އިންޒާރަކަށް ވާންވީ ކޮން އިރަކު؟

އަލްޒައިމާސް ބަލި ފެށެނީ ކުއްލިއަކަށް ދިރިއުޅުމުގެ ބޮޑުބައެއް ހަނދާނުން ފުހެވިގެން ގޮސްގެންނެއް ނޫނެވެ. އެހެންކަމުން، އަލަށް ދަސްވާ މައުލޫމާތުތައް ތަކުރާރުކޮށް ހަނދާންނެތުން، އެއް ސުވާލެއް ތަކުރާރުކޮށް ކުރުން، ކުރިން ކުރަން އެނގޭ އާދައިގެ ކަންކަން ކުރަން އުނދަގޫވުން، އާދައިގެ ބަސްތައް ބުނަން އުނދަގޫވުން، ނުވަތަ ވަގުތާއި ތަންތަނާމެދު އޮޅުންބޮޅުންވުން ފަދަ ބަލީގެ ނިޝާންތަކަށް ސަމާލުކަން ދޭންޖެހެއެވެ.

އެހެންނަމަވެސް އެއްޗެއް ބަހައްޓަން ޖެހޭ ތަން ނޫން އެހެންތަނެއްގައި ބެހެއްޓުމާއި މަގުއޮޅުމާއި ކުރިން ޝައުގުހުރި ކަންކަން ކުރާ ހިތްނުވުން ފަދަ ކަންކަމަކީ ސިއްހީ އިތުރު މައްސަލަތަކާއި، ބޭނުންކުރާ ބޭހާއި، އަދި ޑިމެންޝިއާގެ އިތުރު ބާވަތްތަކުގެ ސަބަބުން ވެސް ދިމާވެދާނެ ކަންކަން ކަމަށް ވާތީ އެފަދަ ކަމެއް ދިމާވާ ކޮންމެ މީހަކީ އަލްޒައިމާސް ބަލި ޖެހިފައިވާ މީހެކޭ ނުބުނެވޭނެއެވެ. އެހެންކަމުން، އެފަދަ ކަންކަން ދިމާވަނީ މުސްކުޅި އުމުރުގެ ސަބަބުން އެކަނި ކަމަށް ނުވަތަ އެފަދަ ކަންކަމަކީ އަލްޒައިމާސް ބަލި ކަމަށް އަމިއްލައަށް ނުނިންމާ ސިއްހީ މާހިރުންގެ އެހީތެރިކަން ހޯދަންޖެހެއެވެ.

ތަފާސްހިސާބުން ރާއްޖޭގެ ހާލަތު

ހެލްތު މިނިސްޓްރީން މިއަހަރު އެކުލަވައިލާފައިވާ ނޭޝަނަލް ޑިމެންޝިއާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2026–2036 އަށް ބަލައިލާއިރު މިވަގުތު ރާއްޖޭގައި ޑިމެންޝިއާ އުޅޭ މިންވަރު ދެނެގަތުމުގެ ރަސްމީ ގައުމީ ދިރާސާއެއް ހެދިފައެއް ނެތެވެ. އެހެންނަމަވެސް 2017–2021 އަށް އާސަންދައިގެ މައުލޫމާތަށް ބަލައި، އެލްޒައިމާސް ސޮސައިޓީ އޮފް މާލްޑިވްސްއިން އަންދާސާކޮށްފައިވާ ގޮތުގައި ރާއްޖޭގައި ޑިމެންޝިއާ ހުރި 1,400 އެއްހާ މީހުން އުޅެއެވެ. އަދި 'ގްލޯބަލް ބާޑަން އޮފް ޑިޒީޒް' ދިރާސާއިން އަންދާސާކުރި ގޮތުގައި 2019 ވަނަ އަހަރު ރާއްޖޭގައި ޑިމެންޝިއާ އެކު އުޅޭ 1,703 މީހުން ތިބި އިރު 2050 ވަނަ އަހަރާ ހަމައަށް މި އަދަދު 11,135 އަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.

އަލްޒައިމާސް ބަލިން ރައްކާތެރިވާން ކުރެވޭނީ ކޮންކަމެއް؟

އަލްޒައިމާސް ބައްޔަކީ އުމުރުން ދުވަސްވުމާއި އަދި ވާރުތަވާ ބައްޔަކަށް ވެސް ވާތީ މި ހާލަތު މެދުވެރިވުން އެއްކޮށް ނުހުއްޓުވުނު ކަމުގައި ވީނަމަވެސް ސިކުނޑި އާއި ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވޭ ކަންކަމަކީ އަލްޒައިމާސް ބަލިން ރައްކާތެރިވުމަށް އެޅޭނެ މުހިއްމު ފިޔަވަޅުތަކެވެ. އޭގެ ތެރޭގައި ގަވާއިދުން ކަސްރަތުކުރުމާއި މިންހެޔޮކޮށް ނާސްތާކުރުމާއި، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ލޭގެ ޕްރެޝަރާއި، ހަކުރުބައްޔާއި، ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމާއި ކޮންމެ ދުވަހެއްގެ ވެސް ނިދި ހަމަކުރުމާއި އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވުމާއި ދުޅަހެޔޮ ގޮތެއްގައި ކަންކަމާ ވިސްނައި ފިކުރު ހިންގުމަކީ މުސްކުޅި އުމުރުގައި ވެސް ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

އަލްޒައިމާސް ބަލި މީހުންނަށް ވެސް ބޭނުންވަނީ އޯގާތެރިކަމާއެކު އަޅައިލުން

އަލްޒައިމާސް ބަލި ޖެހިފައިވާ މީހަކު ސުވާލުތައް ތަކުރާރުކުރުމާއި، ދޭ އިރުޝާދުތައް ހަނދާންނެތުމާއި ނުވަތަ އުޅުމަށް ބަދަލުއައުމަކީ ގަސްދުގައި ކުރާ ކަމެއް ނޫނެވެ. މި ބަދަލުތަކަކީ ބަލީގެ ބައެކެވެ. އެހެންކަމުން ކެތްތެރިކަމާއި އޯގާތެރިކަމާއެކު އެމީހުންނާ މުއާމަލާތުކުރުމަކީ ކޮންމެހެން މުހިންމު ކަންކަމެވެ. ކޮންމެ ދުވަހެއްގެ ކަންކަން ވެސް އެއްގޮތެއްގައި ހިފެހެއްޓުމާއި، އާދައިގެ ސާފުބަހުން މުއާމަލާތްކުރުމާއި، ޖަވާބުދިނުމަށް ބަލި މީހާއަށް ވަގުތުދިނުމާއި، ކަންކަން އޮޅުންބޮޅުންވާ ވަގުތުތަކުގައި ބޭކާރު ބަހުސްތަކުން ދުރުހެލިވުމަކީ ހާއްސަ ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. މީގެ އިތުރުން މުހިންމު ތަކެތި އަބަދުވެސް އެއް ތަނެއްގައި ބެހެއްޓުމާއި، ވެއްޓުން ނުވަތަ މަގުއޮޅިގެން ދިއުމުގެ ނުރައްކާ ކުޑަކުރުމާއި، ބޭސްތައް ބަލަހައްޓައި ގަވާއިދުން ޑޮކްޓަރަށް ދެއްކުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ބަލިމީހާގެ ކެއުމަށާއި، ނިދުމަށާއި، މިޒާޖަށާއި އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ބޮޑެތި ބަދަލުތައް ސިއްހީ އެހީތެރިންނާ ހިއްސާކުރަންޖެހޭނެއެވެ.

އެހެން ބަލިމީހުންނެކޭ އެއްގޮތަށް އަލްޒައިމާސް ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ވެސް ބޭނުންވަނީ އޯގާތެރިކަމާއި އަޅައިލުމެވެ. ޤަދަރުވެރި ދިރިއުޅުމެކެވެ. ހަނދާންބަހައްޓަން ޖެހޭ ކަމަކީ އެފަދަ މީހުންނަށް މުއާމަލާތްކުރުމަށާއި އަމިއްލައަށް ކަންކަން ކުރުމަށް ދަތި އުނދަގޫތަކެއް ދިމާވިޔަސް އިޙްތިރާމާއި، އެކުވެރިކަމާއި، އިންސާނީ ގުޅުމަށް އޮތް ބޭނުންތެރިކަމެއް ނެތިގެންނެއް ނުދާކަމެވެ. އެމީހުން ނަމެއް ހަނދާންނެތިދާނެއެވެ. ނަމަވެސް އޯގާތެރިކަމުގެ އަގު ވަޒަންކުރަން އެނގޭނެއެވެ. ވާހަކަ ދައްކާއިރު ދޭހަވާން އުނދަގޫވެދާނެއެވެ. ނަމަވެސް ދަންނަ އޯގާތެރި އަޑަކުން ހިތްހަމަޖެހުން ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293