twitterviber whatsapp telegramfacebookyoutube instagram
17th June 2026

ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަން: ހަނުހުރުން ނިމުމަކަށް ގެންނަމާ!

ހާޝިމް އަބޫބަކުރު
Jun 17, 2026

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ފިރިހެނުންނެއް ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ އިރު، އޭގެ ތެރެއިން ގިނަ ފިރިހެނުން ނަފުސާނީ ބައްޔަށް އެހީތެރިކަން ހޯދުމުގެ ބަދަލުގައި އިޚްތިޔާރު ކުރަނީ ހަނުހުރުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮންމެ އަހަރަކު ދުނިޔޭގައި 720,000 އަށްވުރެ ގިނަ މީހުން އަމިއްލައަށް މަރުވެއެވެ. އަދި ގިނަ ގައުމުތަކުގައި މިފަދަ މަރުތަކުގެ ބޮޑު އިންސައްތައަކީ ފިރިހެނުންނެވެ. އެހެން ނަމަވެސް، އަންހެނުންނާ އަޅާބަލާއިރު ފިރިހެނުން ނަފްސާނީ އެހީތެރިކަން ހޯދުމަށް ފަސްޖެހޭ މިންވަރު އިތުރެވެ.

ފިރިހެނުންނަށް އާންމުކޮށް ދިމާވާ ނަފްސާނީ މައްސަލަތައް

އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށް ވެސް ތަފާތު ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާންޖެހެއެވެ. އޭގެ ތެރޭގައި:

• މާޔޫސްކަން (Depression)
• ހާސްކަމާއި ނުތަނަވަސްކަން (Anxiety disorders)
• ދިގުދެމިގެންދާ ބުރަ ހާލަތްތަކުގެ ސަބަބުން ކުރިމަތިވާ ނަފުސާނީ ވަރުބަލިކަން (Stress and burnout)
• މަސްތުވާތަކެތީގެ ވަބާގައި ޖެހުން (Substance use disorders)
• ބޮޑެތި ބިރުވެރި/ހިތާމަވެރި ހާދިސާއަކަށް ފަހު ދިމާވާ ނަފްސާނީ ބަލި (PTSD)
• އެކަނިވެރިކަން

އާންމުކޮށް ފެންނަ އަލާމާތްތައް

ނަފްސާނީ މައްސަލަތަކުގެ ސަބަބުން މީހާގެ އިހުސާސްތަކާއި، އުޅުމާއި، އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބަދަލު އާދެއެވެ. އެގޮތުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

• މެދުނުކެނޑި ގިނަ ދުވަހު ދެރަވެފައި ހިތާމައިގައި އުޅުން ނުވަތަ ނާއުންމީދުގައި އުޅުން
• ކުދިކުދި ކަންކަމާ ހިތްހަމަނުޖެހެވުން އަދި ސިނގުރުޅި އާދެވުން
• ކުރިން ކުރާހިތްވާ ކަންކަމަށް ހުންނަ ޝައުގުވެރިކަން ގެއްލުން
• ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން
• ނިދުމަށް ދަތިވެ ނުނިދުން
• އަބަދު ވަރުބަލިވެފައި ހުރުމާއި ހަކަތަ ދަށްވުން
• މީހުންނާ އެކީ ވަގުތު ހޭދަކުރަން ބޭނުންނުވެ އެކަނިވެރިވާން ބޭނުންވުން
• އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް ނުވަތަ އަމިއްލައަށް މަރުވުމަށް ވިސްނުން

މިފަދަ މައްސަލަތައް ދެނެގަންނަން އުނދަގޫވަނީ ކީއްވެ؟

ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހައްލުކުރުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފިރިހެނުންގެ ފަރާތުން ފެންނަ އަލާމާތްތައް އާންމުކޮށް މިފަދަ ހާލަތްތަކުގައި ފެންނަ އަލާމާތްތަކާ ތަފާތުވުމެވެ.

އަންހެނުން އާންމުގޮތެއްގައި ދެރަވުމާއި މާޔޫސްވުން ފާޅުކޮށް، އާއިލާ ނުވަތަ ރަހުމަތްތެރިންގެ ގާތުގައި އެ ވާހަކަތައް ދައްކައި ނަފްސާނީ އެހީތެރިކަމަށް އެދޭއިރު، ފިރިހެނުންގެ ފަރާތުން ނަފްސާނީ ނުތަނަވަސްކަން ފެންނަނީ ތަފާތު ސިފަތަކެއްގައެވެ. އޭގެ ތެރޭގައި:

• ރުޅިގަދަވުމާއި ކަންކަމާ ފޫހިވުން
• ޖެހިލުމެއްނެތި ނުރައްކާތެރި ކަންކަން ކުރުން (Risk taking behavior)
• އަނިޔާވެރިވުން ނުވަތަ ހަރުކަށިވުން
• މާބޮޑަށް މަސައްކަތުގެ ތެރޭގައި އުޅުން
• މަސްތުވާތަކެތި ބޭނުންކުރުން

ފިރިހެނުންގެ ފަރާތުން ފެންނަ މިފަދަ ކަންކަމަކީ ގިނަ ފަހަރަށް ނަފްސާނީ ބައްޔެއްގެ އަލާމާތްތަކެއްގެ ގޮތުގައި ނުދެކެވޭތީ، މިފަދަ އަލާމާތްތައް ހުންނަ ވަރަށް ގިނަ ފިރިހެނުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަމާއި ފަރުވާ އޮންނަނީ ނުދެވިއެވެ.

މުޖުތަމަޢުން ދެކޭ ގޮތް ނުވަތަ "ސްޓިގްމާ" ގެ ނުފޫޒު

ރާއްޖެ ވެސް ހިމެނޭހެން ގިނަ މުޖުތަމަޢުތަކުގައި އެންމެ ތުއްތު އުމުރުން ފެށިގެން ވެސް ފިރިހެން ކުދިންނަށް ދަސްކޮށްދެވެނީ "ވަރުގަދަވާން" ނުވަތަ "ފިރިހެނަކަށް ވާން" އަދި "ފިރިހެންކުދިން ނުރޮއި ހިތްވަރުގަދަ ކުރުމަށެވެ." މިފަދަ ވިސްނުންތަކާއި ތަރުބިއްޔަތުތަކުގެ ސަބަބުން، ބޮޑެތިވެ ދިރިއުޅުމުގެ ބޮޑެތި ކަންކަމާ ކުރިމަތިލާ އިރު ހިތުގެ އުދާސްތަކާއި ނަފްސާނީ ގޮތުން ތަހައްމަލު ކުރާ ކަންކަމާ ބެހޭގޮތުން ފާޅުގައި ވާހަކަދެއްކުމަށް ފިރިހެނުންނަށް ދަތިވެއެވެ. ނުވަތަ އެފަދަ ކަމަކާ ކުރިމަތިވުމުން އެ ވަނީ ކިހިނެއްކަން އަމިއްލަ ނަފުސަށް ވެސް ދެނެގަންނާން ގިނަ ފިރިހެނުންނަށް ނޭނގެއެވެ. އަދި ނަފުސާނީ ކަމެއްގައި އެހީއަށް އެދުމުން މުޖުތަމައުން އެއީ ބަލިކަށި، ނާގާބިލު ނުވަތަ ފިރިހެންވަންތަކަން ކުޑަ މީހެއްގެ ގޮތުގައި ދެކެފާނެތީ އެފަދަ ވާހަކައެއް ރަހުމަތްތެރިއަކު ނުވަތަ އާއިލާ މީހެއްގެ ކައިރީގައި ވެސް ދެއްކުމަށް ގިނަ ފިރިހެނުން ޖެހިލުންވެއެވެ. މިއީ ފިރިހެނުންނަށް ދިމާވާ ނަފްސާނީ ބަލިތައް ކުރިއާލާ ދެނެގަތުމަށާއި ފަރުވާ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.

އިޖުތިމާއީ އަދި އިގްތިސާދީ ޕްރެޝަރުތައް

އިޖުތިމާއީ އަދި އިގްތިސާދީ ޕްރެޝަރުތަކުގެ ސަބަބުން އަންހެނުންނަށް ވުރެ ބޮޑަށް ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުފޫޒު ފޯރައެވެ. އެގޮތުން މާލީ ދަތިތަކާއި ދަރަނިވެރިވުމާއި ވަޒީފާ ނެތުން ނުވަތަ ވަޒީފާގެ ރައްކާތެރިކަން ކުޑަވުމާއި މަސައްކަތުގެ މާހައުލުގައި އިންތިހާހަށް އަދި ދިގުދެމިގެންދާގޮތަށް ބުރަބޮޑުވުމާއި އާއިލީ ޒިންމާތައް އިންތިހާއަށް ގިނަވުމުގެ އިތުރުން އާއިލީ އަދި ޒަވާޖީ ހަޔާތުގެ ގުޅުންތަކުން އަންނަ ޕްރެޝަރުތަކުގެ ސަބަބުން ނަފުސާނީ ގޮތުން އަސަރުކުރެއެވެ.

އެހީތެރިކަމަށް އެދެންވީ ކޮންއިރަކު؟

ނަފްސާނީ ބައްޔަކަށް ފަރުވާނުކޮށް ދޫކޮށްލުމަކީ ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައްސަލަތަކަކީ ވެސް ސިއްހީ ކަންކަމެވެ. އެއީ އަމިއްލަ ނުކުޅެދުންތެރިކަމެއް ނޫނެވެ. ޖިސްމާނީ ބަލިތަކެކޭ އެއްފަދައިން، ނަފްސާނީ މައްސަލަތަކަކީ ވެސް އެކަން ދެނެގަނެ، އެހީތެރިކަމާއި އެކަށީގެންވާ ފަރުވާ ބޭނުންވާ ކަންކަމެވެ.

އާންމު ދިރިއުޅުމަށާއި، ވަޒީފާއަށާއި، އާއިލީ ގުޅުންތަކަށް ނުވަތަ ނަފްސާނީ ހަމަޖެހުމަށް ބުރޫއަރާ ފަދަ އަލާމާތްތަކެއް ދިގު މުއްދަތަކަށް ފެންނަމުންދާނަމަ، ފިރިހެނުން ވެސް އެހީތެރިކަން ހޯދުމަށް އިސްކަންދޭންޖެހެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި:

• އިތުބާރުކުރެވޭ ރަހުމަތްތެރިއަކާ ނުވަތަ އާއިލާގެ މެންބަރަކާ ވާހަކަދެއްކުން.
• ކައުންސިލަރެއް ނުވަތަ ނަފްސާނީ ސިއްހަތުގެ މާހިރެއްގެ އެހީތެރިކަން ހޯދުން.
• ގަވާއިދުން ކަސްރަތުކުރުން.
• ހަމަ ނިދި ހޯދުން.
• ދުންފަތާއި މަސްތުވާތަކެތީގެ އިތުރުން ސިއްހަތަށް ގެއްލުންދޭ ތަކެތިން ދުރުހެލިވުން.
• އެހީތެރިކަން ފޯރުކޮށްދޭނެ މީހުންނާ ގުޅުން ބޭއްވުން.

އެންމެންގެ ޒިންމާއެއް

ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަކީ ހަމައެކަނި އެ ފަދަ ކަންކަން ދިމާވާ މީހުންގެ އެކަނި ޒިންމާއެއް ނޫނެވެ. މިއީ އާއިލާތަކާއި، ވަޒީފާ އަދާކުރާ ތަންތަނާއި، ތައުލީމީ މުއައްސަސާތަކާއި، މުޖުތަމައު އަދި ސިޔާސަތު އެކަށައަޅާ ފަރާތްތަކުގެ ވެސް ޒިންމާއެކެވެ. އެހެންކަމުން އެއްވެސް ޖެހިލުމެއް، ލަދުވެތިކަމެއް ނެތި، މިފަދަ މައްސަލަތަކާ ގުޅޭގޮތުން ފިރިހެނުންނަށް ފާޅުގައި ވާހަކަދެއްކޭނެ ފަދަ ރައްކާތެރި މާހައުލުތަކެއް ގާއިމުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.

ތިޔައީ ނަފްސާނީ ގޮތުން ދަތިތަކެއް ތަހައްމަލު ކުރަމުންދާ މީހެއްނަމަ، ހަނދާންކުރާށެވެ. ތިބާ ތިޔަ ހަނގުރާމަ ކުރަނީ އެކަންޏެއް ނޫނެވެ. އެހީތެރިކަން ލިބެން އެބަހުއްޓެވެ. އަދި ބަލިން ފަސޭހަވުމަކީ ކުރެވޭނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355