ފުރަތަމަ ބައި
ނޫޙްގެފާނު ގައުމުގެ މީހުންނަކީ ﷲ ފިޔަވައި އެބައިމީހުން އަމިއްލައަށް ހަދައިގެން އުޅުނު ބުދުތަކަކަށް އަޅުކަން ކުރަމުން ގެންދިޔަ ބައެކެވެ. އެބައިމީހުން ގަބޫލްކުރާ ގޮތުގައި އެބުދުތަކަކީ އެބައިމީހުންނަށް އެހީވެދީ އެކިއެކި ނުރައްކާތަކުން އެބައިމީހުން ދިފާއުކޮށް އެބައިމީހުންނަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދޭ ތަކެއްޗެވެ. އެބައިމީހުން އެބުދުތަކަށް ކިޔަނީ ވައްދު، ސުވާޢު، ޔަޢޫޤް، ޔަޣޫޘް އަދި ނަޞްރާ އެވެ. މިކަން ކީރިތި ﷲ ވަނީ ސޫރަތުއް ނޫހްގެ 23 ވަނަ އާޔަތުގައި ބަޔާން ކުރައްވާފަ އެވެ. އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ.
“އަދި އެއުރެން ބުނޫ އެވެ. ހަމަކަށަވަރުން ތިޔަބައި މީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާ ހުށިކަމެވެ! އަދި ހަމަކަށަވަރުން ތިޔަބައި މީހުންމީހުން ވައްދު އާއި ސުވާޢު އާއި ޔަޢޫޤް އާއި ޔަޣޫޘް އާއި ނަޞްރާ؛ އާއި (މިހުރިހައި ބުދުތައް) ދޫކޮށް ނުލާހުށި ކަމެވެ.”
ހަޤީޤަގުތަގައި މިބައި މީހުންނަކީ އެބައިމީހުންގެ ތެރޭގައި އުޅެ ގޮސްފައިވާ ޞާލިހު ރަނގަޅު މީހުންގެ ނަން ތަކެވެ. އެބައިމީހުން މަރުވެ ދިއުމަށްފަހު އެބައިމީހުންގެ ފޭނުން، އެބައިމީހުންގެ ޛިކުރާތައް އާކުރުމަށްޓަކައި އެބައިމީހުންގެ ސިފާގައި ބުދުތައް ހެދީއެވެ. އޭގެ ދުވަސްތަކެއް ފަހުން މިބުދުތަކަށް އަޅުކަން ކުރަންފެށީ އެވެ. އޭގެ ޖީލުތަކެއް ފަހުން އައި މީސްތަކުންނަށް މިކަން ހިނގައިދިޔަ ގޮތެއްވެސް ނޭނގެއެވެ. އެބައިމީހުންނަށް ފެނުނީ އެބައިމީހުންގެ ކާބަފައިން އެބުދުތަކަށް އަޅުކަން ކުރަމުންދިޔަ ތަނެވެ. ބުދުތަކަށް އަޅުކަންކުރުން ބިނާވެ، ތަރުތީބު ވެގެން އައީ މިފަދައިންނެވެ.
ނޫޙްގެފާނުގެ ގައުމުގެ މީސްތަކުން ބުދުތަކަށް އަޅުކަންކުރަމުން ދަނިކޮށް އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ކީރިތި ﷲ އެބައިމީހުންގެ ގާތަށް ނޫޙްގެފާނު ފޮނުއްވިއެވެ. ނޫޙްގެފާނަކީ ވާހަކަފުޅު ދެއްކެވުމުގައި ފަސޭހަފުޅު ކެތްތެރި ބޭކަލެކެވެ. އެކަލޭގެފާނު އެބައިމީހުންގެ ގާތަށް ވަޑައިއިގެން، ދިރިއުޅުމުގެ ހަގީގީ ބޭނުމާއި ދުނިޔެ އުފެއްދުމުގެ މަގުސަދު އެބަމީހުންނަށް ބަޔާންކޮށްދެއްވަން ފެއްޓެވި އެވެ.
ރޭދުވާ ތަކުރާރުވަމުން ދިއުމުގައި ލިބިގަނެވޭނެ ފިލާވަޅުތަކާއި އޭގެބޭނުން މީސްތަކުންނަށް ހާމަކޮށްދެއްވަން ފެއްޓެވި އެވެ. އުޑުތަކާއި ބިމުގެ ވެރިފަރާތަކީ ﷲ ސުބްހާނަހޫ ވަތަޢާލާކަން ބަޔާންކޮށްދެއްވައި އެކަލާނގެ ފިޔަވާ ހައްގުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވާކަން ބަޔާންކޮށް ދެއްވަން ފެއްޓެވި އެވެ. ޝައިތާނާ އެބައިމީހުންގެ މައްޗަށް ވެރިވެގަނެ ބާތިލު މަގަށް އެބައިމީހުން ގެންދިޔަ ގޮތާއި އެކަމުން ސަލާމަތްވެ ސާފުސީދާވެގެންވާ މަގަށް ރުޖޫޢަވުމުގެ ވަގުތު އަތުވެއްޖެކަމުގައި ބަޔާންކޮށް ދެއްވަން ފެއްޓެވި އެވެ.
ނޫޙްގެފާނު އެބައިމީހުންނަށް ޙުއްޖަތާއި ދަލީލު ދައްކަވަމުން ގެންދެވީ ހުސްޠާހިރުވަންތަ ﷲ ފަރާތުން ވަޑައިގެން ހުންނެވި ބޭކަލެއްކަން އެނގޭނެފަދަ ޙުއްޖަތްތަކާއި ދަލީލުތަކާއެކުގަ އެވެ. އެބައިމީހުންގެ އަމިއްލަ އަތުން ހަދާފައިވާ ބުދުތަކެއްގެ އަޅުންތަކަށްކަށްވެ އެތަކެއްޗަށް އަޅުކަން ކުރުމަކީ ބުއްދީގެ ހަމަތަކާ ވެސް ހިލާފު ކަމެއް ކަމުގައި ބަޔާންކޮށް ދެއްވަމުން ގެންދެވި އެވެ. އެހެންކަމުން ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް އެބައިމީހުންނަށް އިންޒާރުކުރައްވަމުން ގެންދެވި އެވެ. އެބައިމިހުން އެކަލޭގެފާނަށް އިޖާބަ ނުދީ އެބައިމީހުންގެ ނުބައި އަމަލުތަކުގައި ދެމިތިބެއްޖެނަމަ ﷲ ގެ ޢަޛާބު އެބައިމީހުންގެ މައްޗަށް އަތުވެދާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދެވި އެވެ.
(ނުނިމޭ)
– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި