ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ރޭ ނެގިއިރު އާސެނަލްއަށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ކުޅެން ޖެހިއްޖެ އެވެ.
މިއީ ހަ އަހަރުގެ ތެރޭގައި ނޮކްއައުޓް ސްޓޭޖްގައި އާސެނަލްއަށް ބާސެލޯނާއާ ކުޅެން ޖެހުނު ތިންވަނަ ފަހަރަށް ވާއިރު މީގެ ކުރީން ކުޅުނު ދެފަހަރުވެސް އާސެނަލް ވަނީ ކަޓައިގެން ގޮސްފަ އެވެ. ފާއިތުވެދިޔަ ފަސް ސީޒަނުގައިވެސް އާސެނަލް ކަޓައިގެން ގޮސްފައިވަނީ ދެވަނަ ބުރުންނެވެ.
ޗެލްސީއަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަކަށް ވަނީ ނޮކްއައުޓް ސްޓޭޖްގައި ޕީއެސްޖީއާ ކުޅެން ޖެހިފަ އެވެ. މި ދެ ޓީމް ފާއިތުވެ ދިޔަ ދެ ސީޒަނުގައިވެސް ބައްދަލުކުރި މެޗު 3-3 ގެ އެގްރިގޭޓް ސްކޯރއަކުން ނިމުނުއިރު ދެވަނަ ބުރަށް ދަތުރުކުރި ޓީމު ކަނޑައެޅުނީ އަވޭ ގޯލުގެ އުސޫލުންނެވެ.
އިނގިރޭސި ލީގުން ދެވަނަ ބުރަށް ދެން ކޮލިފައިވި މެންޗެސްޓަރ ސިޓީއަށް ކުޅެން ޖެހޭނީ ޔޫކުރެއިންގެ ޑައިނަމޯވް ކިއެވް އާ އެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ސިޓީ ދެވަނަ ބުރުން ކެޓީ ބާސެލޯނާ އަތުންނެވެ. މިއީ ސިޓީއަށް އެ ޓީމުގެ ތާރީޚްގައި ގުރޫޕްގެ އެއްވަނަ ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ލެގު ޔޫކުރެއިންގައި ކުޅޭއިރު ޑައިނަމޯވްގެ ސަޕޯޓަރުންގެ ރޭސިޒަމްގެ އަމަލުތަކުގެ ސަބަބަން އެއްވެސް ސަޕޯޓަރަކަށް މި މެޗު ބަލާކަށް ނުވަދެވޭނެ އެވެ.
ގުރޫޕް ސްޓޭޖްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ރިއަލް މެޑްރިޑަށް ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް ސްޓޭޖްގައި ބައިކޮޅަށް އެންމެ ގިނަ ލަނޑު ވަތް ރޯމާއާ އެވެ.
ދެވަނަ ބުރުގެ އެންމެ ވަރުގަދަ އެއް މެޗުގެ ގޮތުގައި ބެލިފައިވަނީ އެންމެ ފަހުގެ ރަނަރއަޕް ޔުވެންޓަސް އަދި ބަޔާން މިއުނިކު ބައްދަލުކުރާ މެޗެވެ.
އިތުރު މެޗުތަކަށް ބަލާއިރު 2013 ވަނަ އަހަރުގެ ރަނަރއަޕް އެތުލެޓިކޯ ނުކުންނާނީ ނެދަލޭންޑްސްގެ ޕީއެސްވީއާ ދެކޮޅަށެވެ. ފޯޓްގަލްގެ ބެންފީކާ ރަސިޔާގެ ޒެނިތްއާ ދެކޮޅަށް ނުކުންނައިރު ކުއާޓާ އަށް ދިއުމަށް މުޅިން އަލަށް ނުކުންނަ ދެ ޓީމު
ކަމުގައިވާ ވޫލްފްސްބާގް އަދި ގެންޓް ގެ މެޗަކީ އެންމެ ސަޕްރައިސް އެއް މެޗެވެ.
ދެވަނަ ބުރުގެ މެޗުތައް އޮންނާނީ ފެބްރުއަރީ އަދި މާޗް މަހުއެވެ.