ވ. ފެލިދޫގައި ބެންކޮ އޮފް މޯލްޑިވްސްގެ އައު ބުރާންޗެއް އަންނަ ޖެނުއަރީ މަހު ހުޅުވާނެކަމަށް އެކުންފުނިން އިއުލާންކޮށްފިއެވެ.
ފެލިދޫގައި ގާއިމްކުރެވޭ ބީއެމްއެލްގެ 28 ވަނަ ބްރާންޗަކީ ކުދި އާބާދީގެ ރަށްތަކަށް ވަރަށް އެކަށީގެންވާ ތަފާތު މޮޑެލްއެއްގެ ދަށުން ހުޅުވިގެންދާ ބްރާންޗެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެގޮތުން އާންމުކޮށް ބްރާންޗުތަކުގައި ހުންނަ ކައުންޓަރުތަކުގެ ބަދަލުގައި 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ބްރާންޗުގައި އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބޭންކުގެ ރަސްމީގަޑިތަކުގައި އެހީތެރިވުމަށް ބްރާންޗުގައި އެކަށީގެންވާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރާނެއެވެ.
ބީއެމްއެލްގެ ސީ.އީ.އޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލްގެ ސެލްފް ސާވިސްގެ އޭޓީއެމްތަކަށް ދަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބެމުންކަމަށާއި މިހާތަނަށް 1.5 މިލިއަން ޓްރާންސެކްޝަން މިފަދަ އޭޓީއެމްތައް މެދުވެރިކޮށްވަނީ ހަދާފައި ކަމަށެވެ.
މީގެ އިތުރުން މިފަދަ ބްރާންޗަކަށް ރަނގަޅު ތަރުހީބެއް ލިބިއްޖެ ކަމަށްވާނަމަ 2016 ވަނަ އަހަރު އިތުރު 6 ބްރާންޗެއް ހުޅުވަން ވިސްނާކަމަށް އެންޑްރޫ ހީލީ ބުންޏެވެ.
“އަޅުގަނޑުމެން ފެލިދޫގައި ހުޅުވާ ބްރާންޗުގައި ބޭނުން ކުރާނީ 24 ގަޑިއިރު ހިދުމަތް ލިބޭ މީގެ އޭޓީއެމްތައް އަދި އެކަށީގެންވާ އަދަދެއްގައި މުވައްޒަފުން ރަސްމީ ގަޑީގައި އަމިއްލަ ފަރުދުންނަށް އަދި ވިޔަފާރިތަކަށް ހިދުމަތް ދިނުމުގައި މަސަކަތް ކުރާނެ. މިފަދަ ބްރާންޗަކަށް ބަލައި މީގެ 6 ބްރާންޗު 2016 ވަނަ އަހަރުގެ ތެރޭގައި ހުޅުވުމަށް އަޅުގަނޑުމެން ވިސްނަން” އެންޑްރޫ ހީލީ ވިދާޅުވިއެވެ.
ބީއެމްއެލްގެ 27 ބްރާންޗާއި، 70 އޭޓީއެމްއާއި 3200 ޕީއޯއެސް މާޗަންޓުން އަދި 170 ކޭޝް އޭޖެންޓުންނާއި 9 ސެލްފް ސާވިސް ބެންކިންގ މަރުކަޒުތަކާއި 5 ދޯނި ބޭންކިންގ ޔުނިޓު ހުރެއެވެ.