twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕެޓްރޯލް އަގު ހެޔޮވީ މާލެއަށް، އަތޮޅުތަކަށް ނުވޭ!

Jan 7, 2016

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް އަދި ޑީސަލްގެ އަގު އައު އަހަރު ފެށުމާއެކު ވަރަށް ބޮޑުތަނުން އަގު ހެޔޮކޮށްފައެވެ. އެގޮތުން މި މަހު އެކަކުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 1.20 ރުފިޔާ އަގުހެޔޮކޮށްފައިވާއިރު ޑީސަލް ލީޓަރަކުން އެއް ރުފިޔާ އަގު ހެޔޮކޮށްފައި ވެއެވެ. އެހެން ކަމުން މީގެ ކުރިން 11ރ އަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު މި ބަދަލާއެކު މިހާރު ހުރީ 9.80ރ. އަށެވެ.

މާލޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއިން ދުވަހަކު ދަށްނުވާވަރަށް ދަށްވެފައިވީ ނަމަވެސް މި ބަދަލު އައިސްފައިވަނީ ހަމައެކަނި މާލެއަށެވެ. އަތޮޅުތެރޭގެ އެއްވެސް ރަށަކުން މި އަގަކަށް ޕެޓްރޯލް ލިބެން ނެތްކަން ފާހަގަކޮށްލެވެއެވެ. ކުޅުދުއްފުށީގައި ޕެޓްރޯލް ވިއްކަމުންދާ އެތުމާ ކުންފުނިން ވިއްކާ ޕެޓްރޯލްގެ އަގަށް މާ ބޮޑު ބަދަލެއް އައިސްފައިއެއް ނުވެއެވެ.

ކުޅުދުއްފުށީގައި ޕެޓްރޯލާއި ޑީސަލް އެންމެ ފުޅާދާއިރާއެއްގައި ވިއްކަމުން އަންނަ އެތުމާ ކުންފުނީގެ ވެރިޔާ އަބްދުﷲ އާދަމް ވިދާޅުވީ އެތުމާއިން އެއްވެސް އިރަކު މާލެއާ އެއް އަގެއްގައި ޕެޓްރޯލް ވިއްކާފައި ނުވާނެ ކަމެވެ. އަދި އެތުމާއަށް ފިއުލް ގަންނަނީ ފިއުލް ސަޕްލައި މޯލްޑިވްސް އިން ކަމަށާއި އެ ކުންފުނިން ވިއްކަމުން ދަނީ އެ ފަރާތުން ހެޔޮކޮށްދިން މިންވަރަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

އެގޮތުން މީގެ ކުރިން އެތުމާ އިން 13.15ރ ލީޓަރެއްގެ ރޭޓުން ވިއްކި ޕެޓްރޯލްގެ އަގު ހެޔޮވެފައިވަނީ ލީޓަރެއް 12.38ރ އަށެވެ. އަދި ކުރިން 11.45 އަށް ލިބުނު ޑީސެލްގެ އަގު ހެޔޮ ކޮށްފައި ވަނީ 10.92 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355