ދެވަނަ ބައި
އެބައިމިހުން އެކަލޭގެފާނަށް އިޖާބަ ނުދީ އެބައިމީހުންގެ ނުބައި އަމަލުތަކުގައި ދެމިތިބެއްޖެނަމަ ﷲ ގެ ޢަޛާބު އެބައިމީހުންގެ މައްޗަށް އަތުވެދާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދެވި އެވެ.
ނޫހްގެފާނުގެ ގައުމުގެ މީހުން ދެބައިވުން
ނޫހްގެފާނުގެ ދައުވަތު އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް އަޑުއިވުނު ހިނދު އެބައިމީހުންނަށް ސިހުން ލިބިގެން ދިޔައެވެ. އެކަލޭގެފާނު އެދައްކަވާ ވާހަކަފުޅުތަކަކީ ދުވަހަކުވެސް އެބައިމީހުން އަޑުއަހަފައިވާ ވާހަކަ ތަކެއް ނޫނެވެ. އެކަލޭގެފާނުގެ ބޭނުންފުޅަކީ ޣާފިލުކަމުގެ ނިދީގައި ތިބިބަޔަކު ހޭލައްވައި، އެބައިމީހުން އަމާންކަމުގެ ގޮވައްޗަށް ގެންދިއުން ކަމުގައި ވުމާއެކުވެސް އެބައިމީހުން ގިނަ ބަޔަކުވީ ރުޅިއިސްކުރާ ބަޔަކުކަމުގަ އެވެ.
ކޮންމެއަކަސް ނޫހްގެފާނުގެ ދައުވަތުގެ ސަބަބުން އެކަލޭގެފާނުގެ ގައުމުގެ މީސްތަކުން ދެބަޔަކަށްބެހިގެންދިޔަ އެވެ. އެއީ އެކަލޭގެފާނަށް ތަބާވާ ބަޔަކާއި އެކަލޭގެފާނު ދޮގުކޮށް ދެކޮޅުވެރިވާ ބައެކެވެ. އެ ދައުވަތުގެ ފުރިހަމަކަމާއި، ދޫފުޅު ފަރިތަކަމާއި، ބަސްފުޅު އެމުނި އެތުރުމުގައި ހުރި ފުރިހަމަކަމުން އެބައިމީހުންގެ ނިކަމެތި ފަގީރުންނާއި ބޮޑާކަމާއި ކިބުރުވެރިކަމުން އެއްކިބާވެފައިވާ މީސްތަކުން ހިތުގެ ހިމަނާރުތަކާ ހަމައަށް އެކަލޭނގެފަނުގެ ދައުވަތު ފޭދިގެން ދިޔައެވެ. އެބައިމީހުންގެ ތެރެއިން މުއްސަނދިންނާއި ބޮޑާ ކިބުރުވެރިން ތިބީ ހަރުކަށިކަމާއި، އިދިކީލިކަމުގައި ސާބިތުވެގެންނެވެ.
ބޮޑާވެ، ދެކޮޅުވެރިވި މީސްތަކުންގެ ބަސް
ނޫހުގެފާނު ރަސޫލުކަމާއިގެން ވަޑައިގަތުމުން، އެކަލޭގެފާނަކީ އެބައިމީހުން ފަދަ އިންސާނަކަށް ވާތީ، އެކަލޭގެފާނަކީ ރަސޫލަކު ކަމުގައި ބަލައިނުގަންނާނެ ކަމުގައި އެބައިމީހުން ބުނޫއެވެ. މިކަން ކީރިތި ގުރްއާނުގެ ހޫދު ސޫރަތުގެ 27 ވަނަ އާޔަތުގައި ﷲ ވަނީ ބަޔާންކޮށް ދެއްވާފަ އެވެ. އެކަލާނގެ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ.
“ފަހެ އެކަލޭގެފާނުގެ ގައުމުގެ މީހުންކުރެ ކާފިރުވި ބޮޑުން ބުނޫ އެވެ. ތިމަންމެން ކަހަލަ އާދަމުގެ ދަރިއަކު ކަމުގައި މެނުވީ ތިމަންމެން ކަލޭގެފާނު ނުދެކެމުއެވެ. އަދި ކަލޭގެފާނަށް ތަބާވި މީހުންނަކީ ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމު އެވެ. (އެއުރެން ތަބާވީ) މަތިމަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިޔެއްތަ ތިމަންމެން ހީކުރަނީ ތިޔަބައިމީހުންނީ ދޮގުހަދާ ބަޔަކު ކަމަށެވެ!”
ސަލާމްލެއްވި ނޫހުގެފާނު އެބައިމީހުންގެ އެބަހަށް އިންކާރެއް ނުކުރައްވަ އެވެ. އެހެނީ ހަމަކަށަވަރުން އެކަލޭގެފާނަކީ އިންސާނެކެވެ. ﷲ އެކަލޭގެފާނަށް ރަސޫލުކަން ދެއްވައި އިންސާނުންގެ ގާތަށް ފޮނުއްވާފައިވަނީ ދުނިޔޭގައި އުޅެމުން ދިޔައީ އިންސާނުން ކަމަށް ވާތީ އެވެ. ދުނިޔޭގައި އުޅެމުން ދިޔައީ މަލާއިކަތުން ކަމުގައި ވީނަމަ އެބައިމީހުންގެ ގާތަށް އެކަލާނގެ ރަސޫލުކަމައިގެން ފޮނުއްވީހީ ވެސް މަލާއިކަތެކެވެ.
(ނުނިމޭ)
– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި