twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކާބޯތަކެތި ވިއްކާ ތަންތަން އަލުން ރަޖިސްޓްރީކުރުމުގެ މުއްދަތު 29 ގައި ހަމަވަނީ

Jan 26, 2016

ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކޮށް ގެޒެޓްކުރި އާ ގަވައިދުގެ ދަށުން، އެފަދަ ތަންތަން އަލުން ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތު މިމަހު 29 އަށް ހަމަވާނެ އެވެ.

ފަހުން އެކުލަވާލި މި ގަވައިދުގެ ދަށުން އަންނަނިވި ވިޔަފާތިތައް އަލުން ރަޖިސްޓްރީކުރަން ޖެހެ އެވެ.

– ހޮޓާ ކެފޭ، ރެސްޓޯރެންޓް، ކެންޓިން، ކޮފީ ޝޮޕް، ބޭކަރީ، ޓޭކްއަވޭ، ބަދިގެ

– ކޭޓަރިންގ ސާރވިސަސް، ޕޭސްޓްރީ ޝޮޕް، ހެދިކާ ވިއްކާ ތަންތަން

– ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކުރާ ތަންތަން / ކާބޯތަކެތި ބަންދުކުރާ ތަންތަން

– މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތައް

– ނަޢަމްސޫފި ކަތިލުމުގެ ހިދުމަތްދޭ ތަންތަން

މީގެ އިތުރުން ގޭގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ވިޔަފާރިކުރާ ފަރާތްތަކުންވެސް ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. އަދި އާއްމު ގޭގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާނަމަ ރަށު ކައުންސިލް އިދާރާއިން ދޫކުރާ ހުއްދަ ލިބުމުން ޕަބްލިކް ހެލްތް ޑިޕާޓްމެންޓްގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ހައުލަތު މުހައްމަދު ވިދާޅުވީ ރަޖިސްޓްރީ ނުވެ ހުއްދަނުހޯދާ ކާބޯތަކެތި އެއްވެސް ވިޔަފާރިއެއް ކުރުމަކީ ގައިވަދުގެ ދަށުން މަނާ ކަމެއް ކަމަށާއި ގައިވަދުގައި ބަޔާން ކުރާ އުސޫލުތަކާ ހިލާފުވާ ފަަރާތްތައް ޒިންމާދާރުކުރުވައި ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އެޅޭނެ ކަމަށް ހައުލަތު ވިދާޅުވި އެވެ.

ހައުލަތު ވިދާޅުވީ އެފަދަ ވިޔަފާރިތައް ކުޅުދުއްފުށީގައި ހިންގާ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދެވިފައިވާނޭ ކަމަށާއި އަދި ލިޔުމުންވެސް މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް އަދިވެސް ގިނަ ފަރާތްތަކުން ހުއްދަ ނުހޯދައި ވިޔަފާރިކުރާ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްހައުލަތު ވިދާޅުވި އެވެ.

ފިޔަވަޅު އެޅުމުގެ ކުރިން ކުޅުދުއްފުށީގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަންދީ ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އެފަރާތުން އިލްތިމާސް ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355