ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގަށް އައިސް ފައިވާ ބަދަލާއެކު ރާއްޖޭގެ ބާޒާރުގައިވެސް ތެލުގެ އަގު މިހާރު ވަނީ ބޮޑުތަން ދަށްވެފައެވެ. އެގޮތުން ލޯންޗުގެ ދަތުރުފަތުރުގެ އަގަށް ވެސް މި އަހަރު ފެށުނު ފަހުންވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަތުވެފައިއެވެ.
މި ބަދަލާއެކު އާންމުގޮތެއްގައި ކުޅުދުއްފުށިން ހަނިމާދޫއަށް ދަތުރުކުރާ ލޯންޗުތަކުގެ އަގު ހެޔޮވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ކުރިން 1300ރ އާއި 1500ރ އަށް ދަތުރުކުރަމުން ދިޔަ ލޯޗުތަކުގެ އަގު މި އަހަރު ފެށުމާއެކު 1000ރ އާއި 1100 ތިރިވެފައިއެވެ. އަގަށް މި ބަދަލު އައިސްފައި ވަނީ ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކަމަށް ލޯންޗުތަރު ކުރާ ގިނަ ފަރާތްތަކުން ބުނެއެވެ.
އާންމު ގޮތެއްގައި ހަނިމާދޫ އެއާރޕޯޓް ދަތުރުތަކަށް ދިޔުމަށް ކުޅުދުއްފުށިން ފަސިންޖަރުން އުފުލާ މި ލޯންޗުތަކުގެ އަގު ހެޔޮވުމާ ގުޅިގެން މި އައި ބަދަލަކީ ހެޔޮ ބަދަލެއް ކަމަށް ކުޅުދުއްފުށިން ހަނިމާދޫއަށް ދަތުރުކުރާ ފަރާތްތަކުން ދެކެއެވެ.
މި އަހަރު ފެށުމާއެކު ސަރުކާރާއި އާމުން ހިއްސާވާ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސެލް އަދި ޕެޓްރޯލެގެ އަގު ހެޔޮވުމާއެކު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 9.80ރ އަށް ތިރިވެފައިއެވެ. އަދި ޑީސެލް ލީޓަރެއް ލިބެން ހުރީ 11ރ އަށެވެ. ނަމަވެސް މި ބަދަލާ ގުޅިގެން މިހާތަނަށް ޓެކްސީ ފީގެ އަގަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ކުޅުދުއްފުށިން ހަނިމާދޫއާ ދެމެދު ކުރާ ލޯންޗްގެ އަގަށް އައި ހެޔޮ ބަދަލާއެކު މޯލްޑިވިއަން ކުރާ ދަތުރުތައް ވަނީ އިތުރުވެފަ އެވެ.