ހަތަރުވަނަ ބައި
އެބައިމީހުންނަށް ނޫޙްގެފާނު އެންގެވި ބަސްފުޅު ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކޮށްދެއްވާފަ އެވެ. އެކަލާނގެ ވަހީކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ.
“އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބައަކުން ނޭދެމެވެ. ތިމަންކަލޭފާނުގެ އުޖޫރަ ﷲ ގެ ޙަޟްރަތުގައި މެނުވީ ނުވެއެވެ. އަދި އީމާންވެއްޖެ މީސްތަކުން ފަހައި ބޭރުކުރާ މީހަކު ކަމުގައި ތިމަންކަލޭފާނު ނުވަމެވެ. ހަމަކަށަވަރުން އެއުރެންނީ އެއުރެންގެ ވެރި ރަސްކަލާނގެއާ ބައްދަލުވާނެ ބަޔެކެވެ. އެެހެނެއްކަމަކު ތިޔަބައިމީހުންނީ ޖާހިލު ބަޔަކު ކަމުގައި ތިމަންކަލޭފާނު ދެކެވަޑައިކަންނަވެ މެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން އެއުރެން ފަހައި ބޭރުކޮށްފިނަމަ ﷲ ގެ އަޒާބުން އަހުރެން ސަލާމަތްކޮށް ނަޞްރު ދޭނީ ކާކުހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ އަދި ﷲ ގެ ޚަޒާނާތައް ތިމަންކަލޭފާނުގެ އަރިހުގައި ވެޔެކޭ ތިޔަބައިމީހުންނަކަށް ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނަކަށް ޣައިބެއްވެސް އެނގިވަޑައެއް ނުގަނެއެވެ. އަދި ތިމަންކަލޭގެފާނީ މަލާއިކަތެކޭ ވެސް ވިދާޅެއް ނުވަމެވެ. އަދި ތިޔަބައިމީހުންގެ ލޯތަކުން ނިކަމެތިކޮށް ހިތާމީހުންނާމެދު އެއުރެންނަށް އެއްވެސް ހެވެއް ﷲ ނުދެއްވާނެ ކަމަށް ވެސް ތިމަންކަލޭގެފާނު ވިދަޅެއްނުވަމު އެވެ. އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެންމެމޮޅަށް ދެނެވޮދިގެންވާނީ ﷲ އެވެ. (އެފަދަ އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވިނަމަ) އެހިނދު ތިމަންކަލޭގެފާނު ވާހުށީ، އަނިޔާވެރިންގެ ތެރެއިން ކަން ކަށަވަރެވެ” (ސޫރަތުލް ހޫދު: 31-29)
މީސްތަކުން ކާފިރުކަންމަތީ ދެމިތިބުން
ނޫޙްގެފާނުގެ މީސްތަކުންނަށް ދީނުގެ ދައުވަތު ދެއްވައި އެބައިމީހުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގެންދެވީ އެބައިމީހުންނަށް އެއަށް ރައްދު ނުދެވޭނެފަދަ ފުރިހަމަކަމާއެކު އެވެ. އެހައިރުން ބަލިވެއްޖެކަމުގެ އިހްސާސް އެބައިމީހުންނަށް ކުރެވެމުން ދިޔަކަން އަންނަނިވި އާޔަތުގެ މާނައިން ދޭހަވެއެެވެ.
” އެއުރެން ދެންނެވޫ އެވެ! އޭ ނޫޙްގެފާނެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިމަންމެންނާ ޖަދަލުކުރައްވައިފީމު އެވެ. އަދި ތިމަންމެންނާ ޖަދަލުކުރެއްވުން ގިނަ ކުރައްވައިފީމު އެވެ. ފަހެ ކަލޭގެފާނު ވަނީ ތެދުވެރިންގެ ތެރެއިން ކަމުގައި ވާނަމަ ތިމަންމެންނަށް ތިޔަ ވައުދުކުރައްވާ ކަންތައްތައް ތިމަންމެންނާ ހަމައަށް ގެންނަވައި ބައްލަވާށެވެ! އެކަލޭގެފާނު ވިދާޅުވި އެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ އެކަންތައްތައް ތިޔަބައިމީހުންނާ ހަމައަށް ގެންނަވާ ހުށިކަން ކަށަވަރީ ﷲ އެވެ. އަދި ތިޔަބައިމީހުންނަކީ އެކަލާނގެ ނުކުޅައްދައި، ރެކިގެން ދެވޭނެ ބަޔަކު ކަމުގައި ނުވެެއެވެ. ތިޔަބައިމީހުން މަގުފުރެއްދެވުމަށް ﷲ އިރާދަކުރައްވާ ކަމުގައި ވާނީނަމަ، ތިޔަބައިމީހުންނަށް ނަސޭހަތް ދެއްވަން ތިމަންކަލޭގެފާނު އެދިވަޑައިގަތް ނަަމަވެސް ތިމަންކަލޭގެފާނުގެ ނަސޭހަތަކުން ތިޔަބައިމީހުންނަށް މަންފާއެއް ނުކުރާނެތެވެ. އެކަލާނގެއީ ތިޔަބަައިމީހުންގެ ވެރި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ރުޖޫއަކުރައްވާހުށީ އެކަލާނގެ ހަޟްރަތަށެވެ”
ކޮންމެއަކަސް ނޫޙްގެފާނާއި، ބޮޑާވެ ކާފިރުވެގަތް މީހުންނާއި ދެމެދު ކުރެވެމުންދިޔަ ބަހުގެ “ހަނގުރާމަ” ދެމިގެން ދިޔައެވެ. އެބައިމީހުންނަށް ބުނާނެ އެއްޗެއް ނޭނގި އަނގަ ބަންދުވެއްޖައުމަށް ދާންދެނެވެ. އެހާއިރުން ﷲ ގެ ރަސޫލާގެ މައްޗަށް އެބައިމީހުން އިސްކުރަންފެށީ ރުޅިއެވެ. މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ.
“އެކަލޭގެފާނުގެ ޤައުމުގެ ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން އަހުރެމެންނަށް ފެންނަނީ ފާޅުވެގެންވާ ފުރެއްދުމެއްގައި ކަލޭގެފާނު ވެވަޑައިގެން ވަތީ އެވެ.” (ސޫރަތުލް އަޢުރާފް: 60)
ބޮޑާކަމާއި ކިބުރުވެރިކަމާއި ނުކިޔަމަންތެރިކަން ދައްކަމުންދިޔަ މީސްތަކުންނާ ނޫޙްގެފާނު މުޢާމަލާތްކުރައްވަމުން ގެންދެވީ، ނަބީބޭކަލެއްގެ ޚުލްޤުފުޅާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
“އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުނޭވެ! އަހުރެންގެ ކިބާގައި އެއްވެސް ފުރެއްދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ އާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރި ރަސްކަލާނގެ ރަސޫލުކަން ތިޔަަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭގޭ ކަންތައްތައް ﷲ ގެ ހަޟްރަތުން އަހުރެންނަށް އެނގެ އެވެ.” (ސޫރަތުލް އަޢުރާފް: 61-62)
(ނުނިމޭ)
– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި