ކޮޕާ އެމެރިކާ 2016 ފުޓްބޯޅަ މުބާރާތް ފެށިއްޖެ އެވެ. ސައުތު އެމެރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ މި މުބާރާތް މި އަހަރު ބާއްވަނީ އެމެރިކާގަ އެވެ.
ސައުތު އެމެރިކާ ބައްރުގެ ޤައުމު ތަކުގެ އިތުރުން އެ ސަރަހައްދުގެ އިތުރު އެހެން ބައެއް ޤައުމުތަކަށްވެސް ދައުވަތު ދީގެން ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު ޖުމްލަ 16 ޓީމުން ވާދަކުރެ އެވެ. މި އަހަރުގެ މުބާރާތް ހާއްސަ ކޮށްލާފައިވަނީ ކޮޕާ އެމެރިކާ އުފެދުނުތާ 100 އަހަރު ފާހަގަ ކުރުމުގެ މުނާސަބާއާ އެވެ.
މި މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ކުޅެވުނު މެޗުގައި ދުނިޔޭގެ ރޭންކިންގެ ތިން ވަނާގައި މި ވަގުތު އޮތް ކޮލަމްބިޔާ އިން ވަނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ އެމެރިކާ 2-0 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ފުރަތަމަ ހާފު ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ލަނޑު މެޗުގެ 8 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން އުފެއްދި ހަމަލާއެއްގައި ޖަހައިދިނީ ކްރިސްޓިއަން ޒަޕާޓާ އެވެ.
މި މެޗުގައި ފެނިގެން ދިޔަ ދެވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި ޖަހައިދިނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޮލަމްބިޔާ ޓީމުގެ ތަރީގެ ގޮތުގައި ފާހަގަވި ޖޭމްސް ރޮޑްރިގޭޒް އެވެ. މިއީ ލިބުނު ޕެނަލްޓީ އަކުން ރޮޑްރިގޭޒް ޖަހައިދިން ލަނޑެކެވެ.
މިރޭ ފަތިހު އަދި މާދަމާ ހެނދުނު މި މުބާރާތުގެ އިތުރު މެޗުތައް ކުޅެވޭއިރު މާލޭ ގަޑިން 02:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އަނެއް ދެ ޓީމު ކަމުގައިވާ ކޮސްޓަރިކާ އަދި ޕެރަގުއޭ އެވެ. ފަތިހު 04:30 ގައި ގުރޫޕް ބީ ގެ ހެއިޓީ އަދި ޕެރޫ ކުޅޭއިރު ހެނދުނު 0700 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އެކުއެޑޯ އަދި ބްރެޒިލް އެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ ޗިލީ އެވެ. ޗިލީ އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 4-1 އިން އާޖެންޓީނާ ބަލިކޮށްގެންނެވެ. މި މުބާރާތް 15 ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.