ޔޫރޯ ފުޓްބޯޅަ ސީޒަނާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް ޔޫރޯ ގިފްޓްގެ ނަމުގައި ހަދިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ޔޫރޯއަށް ހާއްސަކޮށްގެން ބީއެމްއެލްއިން އިނާމު ލިބޭ ގޮތަށް ފުރުސަތު ހުޅުވާލާފައިވަނީ ސޯޝަލް މީޑިއާގެ ބައިވެރިންނަށް ކަމަށެވެ. އަދި ހަފުތާގެ ނަސީބުވެރިޔާއާއި ބޮޑު އިނާމުގެ ނަސީބުވެރިޔާ ހޮވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
3000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައި ވަނީ ހަފުތާގެ ނަސީބުވެރިޔާ އަށެވެ.އަދި ބޮޑު އިނާމަކަށް ދިނުމަށް ހަމަޖެހިފައިވަނީ ދެމީހަކު ޕެރިހަށް ދިއުމަށް ދެކޮޅު ޓިކެޓާއި 3000 ޑޮލަރެވެ.
ސައީދު ވިދާޅުވީ މިއީ ޔޫރޯ މެޗެއް ބަލާލަން ދޭ ފުރުސަތެއް ނޫން ކަމަށެވެ. އެކަމަކު މިދުވަސްވަރަކީ ޔޫރޯ މުބާރާތް ކުރިއަށްދާ ދުވަސްވަރަށް ވެފައި މުބާރާތް އޮތީ ފްރާންސްގައި ކަމުން ޕެރިސް ކަނޑައެޅީ ކަމަށެވެ. އޭގެ އިތުރުން ޕެރިހަކީ ގިނަ ބަޔަކު ދާން ބޭނުންވާ މަންޒިލަކަށް ވާތީ އާއި އެކުކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދަތުރުކުރަން ޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި ހަދިޔާ ހޯދުމަށް ކުރަންޖެހޭ ކަމަކީ ބީއެމްއެލް ފޭސްބުކް ޕޭޖަށް ލައިކްކޮށް މިކަމަށް ހަދާފައިވާ ޕޯސްޓް ޝެއަރ ކުރުން ކަމަށެވެ. އަދި ޓުވިޓާގައި ނަމަ ފޮލޯކޮށް ޕޯސްޓް ރީޓްވީޓް ކުރުން ކަމަށެވެ.
ނަސީބުވެރިން ހޮވާނީ ފޭސްބުކުންނާއި ޓުވިޓާއިން މިކަމުގައި ބައިވެރިވާ މީހުންގެ ތެރެއިން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބޮޑު އިނާމުގެ ނަސީބުވެރިޔާ ހޮވާނީ ޔޫރޯ މުބާރާތް ނިމުމުން ކަމަށް ސައީދު ވިދާލުވި އެވެ.