twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅިވަރާއި މަޖަލުގެ މައްސަރަކަށް ހެދުމުގެ ބަދަލުގައި ޘަވާބާއި ދަރުމައިގެ މައްސަރަކަށް ރަމަޟާންމަސް ހަދަމާތޯއެވެ.

Jun 12, 2016

ލިޔުނީ: އިނާޔަތު އަބުދުލް ވައްޙާބު

މައްސަރުތަކުގެތެރެއިން ރޯދަމަހަކީ އެއްމެ މާތް އެއްމައްސަރެވެ. އަޅުކަމުގެ މައްސަރެވެ. ޘަވާބާއި ދަރުމަ ހޯދުމަށް މުޢުމިނު އަޅުތަކުންނަށްޓަކައި ހުޅުވާލެވިފައިވާ މައްސަރެވެ. މާތްﷲގެ އޯގާވަންތަކަން މުޢުމިނު އަޅުތަކުންނަށްޓަކައި އިތުރުކޮށްދޭ މައްސަރެވެ. އެހެންނަމަވެސް އަޅުގަނޑުމެން ދިވެހިން މިފަދަ މައްސަރެއްގެ ބޭނުން ހިފަމުންދާގޮތާމެދު ސުވާލުއުފެދެއެވެ.

ސައްތައިން ސައްތަ މުސްލިމުންކަމަށް ދަޢުވާކުރާ މި ދިވެހި މުޖުތަމަޢުގައި މިއުޅޭ “ޒުވާނުން”ގެ ނަޒަރުގައި ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލުގެ މައްސަރެކެވެ. ނުކައި ނުބޮއި ހުރުމުން މިމަހުގެ އަޅުކަން އަދާކުރެވުނީ ކަމަށްދެކޭ ޒުވާނުން އުޅެނީ އެހެން ވެގެންނެވެ.

މިކަމުގެ ހެއްކަކަށް މިސްކިތްތައް ފުދޭނެއެވެ. އެހެނީ ރަމަޟާންމަހުގެ ފުރަތަމަ ހައެއްކަ ދުވަހަކީ މިސްކިތްތައްފުރި ތޮށްޖެހިގެންދާ ހައެއްކަ ދުވަހެވެ. މަހުގެ ދެވަނަ ދިހަޔަށް އެޅުމުން މިސްކިތްތަކަށް ބާރުކުޑަވެ ޖަމާޢަތް ޖަމާޢަތަކަށްވަނީ ހަމަކިރިޔާއެވެ. ފަހުދިހަޔަށް އެޅުމުން ތިބޭނީ މަދު މުސްކުޅިން ކޮޅެކެވެ. މީގެއިތުރުން ރަމަޟާން މަހުގައި އަޅުކަންކޮށްއުޅޭ “ބައިގަނޑެއް” އުޅޭތަންވެސް ފެންނަކަން ފާހަގަ ކުރެވެއެވެ. މިކަމުން ސިފަވެގެންމިދަނީ ދިވެހިންގެ އަޤީދާހުރި ހިސާބެވެ.

ރަމަޟާންމަހަކީ ގެތައް ފޮޅާ ސާފުކުރެވޭ މައްސަރެކެވެ. ފަރުނީޗަރުތައް އާކުރެވިގެންދާ މައްސަރެކެވެ. އެހެންނަމަވެސް މި މަސްވަރާ ދިމާކޮށް މިކަންކަމުގައި މަޝްޢޫލުވެ މިއުޅޭ މީހުންގެ ހިތްތަކުގައިވާ ހިރަފުސްތައް ފޮޅާ ސާފުކުރުމުގެ ޚިޔާލެއް ނެތެވެ. ޢަމަލުތައް ގެންގުޅޭގޮތުން މުސްލިމެއްބާއޭ ހިތަށް އަރާފަހަރު މަދެއްނުވާނެއެވެ.

ގޭގޭގައި ހިޔާނުކޮށް ހުންނަތަންތަން ރީތިހާގޮތްގޮތަށް ހިޔާކޮށްލެވެއެވެ. ކޮންކަމަކަށްތޯއެވެ؟ ކުޅިވަރާއި މަޖަލުގައި އަރާމު ވަޤުތުތަކެއް ދުއްވާލުމުގެ ބޭނުމުގައެވެ. ތާސްކުޅުމާއި ކެރިމް ކުޅުމަށެވެ. އަދި އެނޫންވެސް ނާޗަރަންގީތައް ކުޅުމަށެވެ. ރޭގަނޑުގެ ގަޑީތައް ދުއްވާލަނީ މިފަދަ ތާކުންތާކުނުޖެހޭ އެންމެހާ ވިޔާނުދާ ގޮތްގޮތަށެވެ. ރޭގަނޑު މިފަދަ ކަންކަމުގައި މަސްޢޫލުވެ އުޅުމަށް ފަހު ދުވާލުގަޑި ނިދުމުގައި ހޭދަކޮށްލަނީ ތިމާ ހައްދަވާ ގެންގުޅުއްވާ އިލާހު ތިމާއަށް ބައްލަވާކަން ނުދެނެވާ ހާލުގައެވެ. ތިމާގެ ޢަމަލުތައް ނޯޓްކުރެވެމުންދާކަން ނުއެނގިވާހާލުގައެވެ.

ރަމަޟާން މަހުގެ ރޭތައް ދުއްވާލަނީ ހީސަމާސާކުރުމާއި، ފިނިބުރުޖެހުމާއި، ތަފާތު މުބާރާތްތަކުގައި ވާދަކުރުމުގައެވެ. ތިމާގެ އަޖަލު ހަމަވާނީ ކޮންއިރަކުން ކަންވެސް ވިސްނާލަން ބޭނުންނުވާކަހަލައެވެ. މީހުންނަށް އުނދަގޫކުރުމާއި މީހުންނާ ފޮށުމުގައި ރޭގަނޑުގެ ބޮޑުބައި ދުއްވާލެވޭއިރު އެއްވެސް ފޫހިކަމެއްނެތެވެ. އެހެނަސް ޤުރުއާނުން މިންވަރެއް ކިޔެވުމަށް އިށީނދެއްޖެނަމަ ތާއްޔާޖެހޭވަރުން ޤުރުއާނުން އަކުރެއް ކިޔޭކަމަކަށް ނުހަދާނެއެެވެ. ނަމާދަށްޓަކައި ތެދުވެއްޖެނަމަ އާފުރޭވަރުން ނަމާދު ކުރެވޭ ނުކުރެވޭ ގޮތެއް ނޭނގޭނެއެވެ.

މާތްﷲ އަހުރެމެންނަށްޓަކައި ލައްވާފައިވާ މި މައްސަރަކީ އަހަރެމެން މުނިފޫހި ފިލުވުމަށް ލައްވާފައިވާ މައްސަރެއް ނޫނެވެ. މި މައްސަރުގެ ޘަވާބާއި ދަރުމަ އަހުރެމެންނަށް އިހުސާސް ކުރެވޭ ވަރަށްވުރެ މާގިނައެވެ. އެހެންނަމަވެސް އަތްފައިންނާއި ދުލުން ކުރެވިފައިވާ ފާފަތައް ދޮވެލުމަށް ލިބިފައިވާ ރަނުގެ ފުރުޞަތުތައް ނަގާލެވެނީ ނާޗަރަންގީކުޅޭ ގުރޫޕްގަނޑަކާއެކުގައެވެ. ނޫންނަމަ ރައްޓެހިވެގެން އުޅޭކުއްޖާ ހިތްއުފާކޮށްދިނުމުގައެވެ.

ފާފަތަކުން ޠާހިރުވެގެންވި ނަބިއްޔާގެ މިސާލެއްނެއްފަދަ ޢަމަލުތައް އެއީ މި ދިވެހި މުޖުތަމަޢުގައި އަގެއްނެތް އެއްޗެއްކަމުގައި ވާތަން މިހިރަދަނީ ފެންނަމުންނެވެ. ތަރާވީސް ބޯންވެގެން އެއްގެއިން އަނެއްގެއަށް ދުއްވާއިރު ތަރާވީޙް ނަމާދުގެ ޘަވާބުހޯދުމަށް އުޅޭތަނެއް ނުފެނެއެވެ. ރަމަޟާންމަހަށް ޚާއްޞަ ކުރެވިގެން ރޯދަވެރިންނަށްޓަކައި ދީފައިވާ “ހަދިޔާތައް” ގެންދާތަން ފެންނަނީ މަދުބަޔެކެވެ. ނިޢުމަތުގެ ދާއިމީ ގޯއްޗަށްވުރެ ވަގުތީ އުފާ އިސްކުރެވޭތީއެވެ. ޝައިތާނުން ކަސްތޮޅު އެޅުވިގެންވީ މައްސަރުގައިވެސް އެ ޝައިޠާނުންގެ އަވާގައި ޖެހެވޭތީއެވެ.

ސައިކަލުގައި ފާޑުފާޑުގެ ވައްތަރު ނުޖެއްސެނީނަމަ ރޯދަމަހަކަށް ނުވެއެވެ. ދަންވަރު ގަޑީގައި ޑުރާމާތަކާއި އިބިލީހުންގެ ހަރަކާތްތައް ނުބެލެނީނަމަ ރަމަޟާންމަހެއް އައިކަމަކަށް އިޙުސާސެއް ނުކުރެވެއެވެ. ދިވެހިންނަށް ހަމަ ނުވިސްނެނީ ބާވައެވެ. ރޯދަމަސް ނިމިގެންދާއިރު ނަފުސު ޠާހިރު ކޮށްނުލެވޭ ބަޔަކަށްވުރެ ދެރަބައެއް ކޮބައިހެއްޔެވެ؟ ވަގުތީ ހިތްހަމަޖެހުމެއް ހޯދާލުމަށްޓަކައި ނަމާދު ދޫކޮށްލި ބަޔަކަށްވުރެ ނިކަމެތި ބައެއް ކޮބައިހެއްޔެވެ؟

މީހެއްގެ އުމުރަކީ ކުރު އެއްޗަކަށްވީއިރު ރަމަޟާންމަހެއް ނިމިދިޔުމުން އުނިވެގެން އެދިޔައީ ތިމާގެ ޙަޔާތުން ބޮޑުބަޔެކެވެ. ކުރިއަށްއޮތް ރަމަޟާންމަސް ތިމާގެ ފުރާނަހުއްޓާ އަންނާނެކަމުގެ ގެރެންޓީއެއްނެތެވެ. ސުންނަތް ނަމާދުތައް ފަރުޟު ނަމާދުތަކެއްފަދައިންވި މައްސަރުގެ ނަމާދުތައް ދޫކޮށްލައި، ސަކަރާތުގައި މަސްޢޫލުވުމުގެ ހިތާމަ ކުރިމަތިވާނީ ނަފުސީ ނަފުސީގެ އާލަމަށް ދެވޭދުވަހުއެވެ. އޭގެ ކުރިން ވެވޭނީ ތައްޔާރެވެ. ރަމަޟާންމަހަކީ އެފަދަ މުސީބާތްތަކުން ރައްކާތެރި ވުމަށް ހުޅުވާލެވިފައިވާ ފާލަމެކެވެ. އެހެންކަމުން މިފަދަ މައްސަރެއްގެ ބޭނުން ކުޅިވަރަށް ދުއްވާނުލާ ހެޔޮގޮތުގައި ހިފުމަކީ ބުއްދިވެރިންގެ ގޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355