އިސްރާފު ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަޙީ ކުރައްވާފައިވާ ކަމެކެވެ. އެއީ، ބަހުން ވިޔަސް ޢަމަލުން ވިޔަސް އަދި މުދަލުން ވިޔަސް އިސްރާފު ކުރުމެއް ނެތެވެ. އެކި ކަންކަމުގައި އިސްރާފު ކުރުމުގެ ޙުކުމް ތަފާތުވި ކަމުގައި ވިޔަސް ކޮންމެ ކަމެއްގައިވެސް އިސްރާފުކުރުން ވަނީ މަކުރޫހަ ކަމެއް ކަމުގައެވެ.
ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެން ހަނދާން ކުރަންވީ، ކާބޯތަކެތީން އިސްރާފު ނުކުރުމަށެވެ. ދިވެހިންގެ ތެރޭގައި ރަމަޟާން މަހު ކާބޯތަކެތި އިސްރާފު ކުރުމުގެ ކަންކަން އޮތީ އެންމެ ރަނގަޅު ދަރަޖައެއްގަ އެއް ނޫނެވެ. ރޯދަ ވީއްލާ ވަގުތަށް ވަރަށް ގިނަ ކާބޯތަކެތި ތައްޔާރު ކުރަނީ އެވަގުތު ގިނައިން ކެވޭނެ ކަމަށް ހީކޮށެވެ. އެހެނަސް ރޯދަ ވީއްލުމާއި އެކު ބޮވޭ ފެންތައްޓާއި އެކު ބަނޑު ފުރި ކެއްކި ގިނަ ކާބޯތަކެތި އުކާލަންޖެހޭ ކަމީ ވިސްނަން ޖެހޭނެ ކަމެކެވެ.
ބަރަކާތްތެރި ރަމަޟާންމަހު ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް، ހެޔޮ ކަންތައްތައް ކުރުން ގިނަ ކުރުމަކީ، މި މަތިވެރި މަހުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ. ކާބޯތަކެތި، ތިމާ އަށާ ތިމާގެ އާއިލާ އަށް ފުދޭވަރަށް ވުރެ އިތުރަށް ތައްޔާރު ކޮށް އިސްރާފު ވެގެންދާ އެއްޗަކަށް ހެދުމުގެ ބަދަލުގައި އަވަށްޓެރިންނަށާއި ނިކަމެތިންނަށް އެތަކެތި ހަދިޔާ ކުރާށެވެ. މާތް ﷲ އަޅަމެން އެންމެންގެ ފާފަ ފުއްސަވާ ބަރަކާތްތެރި ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ދެއްވާށި. އާމީން.