ކޮމްޕިއުޓާ ސޮފްޓްވެއާ އަދި ވީޑިއޯ ގޭމްސް ހަދާ މައިކުރޯސޮފްޓުން މިވަނީ މަދިރިން އުފެދޭ ބައްޔެކަމަށްވާ ޒިކާ ވައިރަސް އަދި އެނޫންވެސް ބަލިތައް ހުއްޓުވުމަށް މަދިރިއަށް އައު ވައްތަރެއްގެ ދަލެއް ހަދާފައެވެ.
ޒިކާ ވައިރަސް އުފުލާ މަދިރި ދެނެގަންނާނެ ގޮތެއް ހޯދަން މައިކްރޮސޮފްޓުން ވަނީ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި ބޭނުން ކުރަނީ މަދިރިއަށް ހާއްސަ އާވައްތަރެއްގެ ދަލެކެވެ. މިދަލަކީ މަދިރި އޭގެ ތެރެއަށް ވަނުމުން އެއީ ކޮންވައްތަރެއްގެ މަދިރިއެކަން ރެކޯޑު ކުރެވޭ ދަލެއެވެ. ޒިކާ ވައިރަސް އަދި އެހެން ވައްތަރެއްގެ ބައްޔެއް ހުންނަ މަދިރިއެއް މި ދަލުގައި ޖެހޭއިރަށް އޮޓޮމެޓިކުން ޓެކްސަސްގެ ހެރިސް ކައުންޓީގެ ޕަބުލިކް ހެލްތް އޮފީހަށް ސިގުނަލް ފޮނުވާނެ އެވެ.
މައިކުރޯސޮފްޓުގެ ރިސާޗަރުން މި އައު ދާ އުފައްދަން ފެށީ 2015 ވަނަ އަހަރު އެބޯލާ ފެތުރެން ފެށުމުން ނެވެ. މައިކުރޯސޮފްޓުން ބޭނުންވީ އައު ޓެކުނޮލޮޖީއެއް އުފައްދާގެން ނުރައްކާތެރި ބަލި ފެތުރުން މަދު ކުރެވޭނެ ގޮތެއް ހޯދުމެވެއެވެ.
މި ދަލަކީ އަދައިގެ ދަލެއް ނޫނެވެ. ދަލެކޭ ކިޔަސް މިއީ ޓުރިޕޮޑުގައި ބަހައްޓާފައި ހުންނަ ސިލިންޑަރެކެވެ. މީގަ މަދިރި ބަންދުކޮށްފައި ބަހައްޓަން 64 ކޮމްޕާޓުމަންޓު ހުރެއެވެ.
މަދިރި މީގެ ތެރޭގައި ބަންދުވާއިރަށް އިންފުރާރެޑް އަލި މަދިރިއަށް އެޅެއެވެ. މައިކުރޯސޮފްޓުގެ ރިސާޗަރުން ގަބޫލުކުރާ ގޮތުގައި މި ސިލިންޑަރުން ވަރަށް އަވަހަށް އެކި ވައްތަރުގެ މަދިރި ވަކިކުރަން އެނގޭނެ ކަމަށެވެ. ބައެއް ވައްތަރުގެ މަދިރި މި ދަލުގައި ޖެހޭއިރަށް އެ މަދިރި ވަންނަ ދޮރު އަމިއްލައައް ލެއްޕޭނެ އެެވެ. އެ މަދިރިއަށް އިންފުރާރެޑް އަލި އެޅުމުން އެއީ އެއްވެސް ބައްޔެ ހުރި މަދިރިއެއްކަން އެނގޭނެ އެވެ. އަދި އެ މަދިރިއަކީ އެއްވެސް ނުރައްކާތެރި ބައްޔެ ނުހުންނަ މަދިރިއެއްނަމަ އެމަދިރި ނުކުންނަން އަމިއްލައައް ދޮރުހުޅުވޭނެ އެވެ. މަދިރި ދަންދެން ދޮރު ހުޅުވިފައި ހުންނާނެއެވެ.
މި ޓެސްޓް ހަދަނީ ޓެކްސަސްގެ ހެރިސް ކައުންޓީގައެވެ. އަދި މި ޓެސްޓަކީ މައިކުރޯސޮފްޓް އާއި ހެރިސް ކައުންޓީގެ ޕްބްލިކް ހެލްތުން ގުޅިގެން ކުރާ މަސައްކަތެކެވެ. މި ދަލުގެ އޮޕަރޭޝަން އޮފިޝަލްކޮށް ފަށަން ހަމަޖެހިފައިވަނީ ޖުލައި މަހު ކުރީކޮޅު އެވެ.