ދުވަހުގެ ނަސޭޙަތް: ރޯދަވެރިޔާގެ ދޫ ރައްކާތެރިކުރުން
ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވަނީ ” (ރޯދައަށް ހުންނައިރު) ހަޑިހުތުރު ބަހުން ބަސްތައް ބުނުމާއި އެފަދަ ކަންތައްތައް ކުރުމުންދުރުވެ އެއްކިބާ ނުވާމީހާ ހަމައެކަނި ކައިބޮއި އުޅުމުން އޭނާ އެއްކިބާވެ ހުރުމަކީ ﷲ އެދިވޮޑިގެންވާ ގޮތެއް ނޫނެވެ”. (ރަވާހުލް ބުޚާރީ) މިހަދީޘް އަށް ނަޒަރު ހިންގާލާއިރު އަޅުގަނޑުމެން ނަށް އެނގިގެންދާ އެންމެ މުހިއްމު އެއްކަމަކީ، ރޯދަ އަށް ހުންނައިރު ހަޑިހުތުރު ބަސްތައް ބުނުމަކީ މަނާ ކުރައްވާފައިވާ ކަމެއްކަމެވެ. ރޯދަ އަށް ހުންނައިރުވެސް އަދި އެނޫން ހާލަތް ތަކުގައި ވެސް ހަޑިހުތުރު ބަސްތައް ދުލުން ބޭރުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެނަސް ރޯދަވެރިޔާ ރޯދައަށް ހުރެ ހަޑިހުތުރު ބަސްތައް ބުނުމާއި އެފަދަ ކަންކަމުން އެއްކިބާ ނުވެ ހުރެއްޖެ ނަމަ އޭނާ އެ ހިފި ރޯދައިގެ ފުރިހަމަ ސަވާބާ ދަރުމަ ނުލިބޭނެކަން މިބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ.
ބައެއް ފަރާތްތަކުން ރަމަޟާން މަހު ރޯދައަށް ހުންނައިރުވެސް، އެބައިމީހުންގެ ދޫ ރައްކާތެރި ނުކުރާތަން ފެންނަމުންދެއެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ބައެއް މީހުންނަކީ، ރޯދަ އަށް ހުންނައިރު ރުޅި އައުން އަވަސް މީހުންނެވެ. އެފަދަ މީސްމީހުން އާދައިގެ ކަންކަމުގައިވެސް މީހުންނާއި ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށް ކަންތައްތައް ގޯސްވެގެންދެއެވެ. ބައެއް މީހުން އެފަދަ މީސްމީހުންނަށް “ބަނޑު މޮޔަ” ހިފާ މީހުންކަމަށް ބުނެ އުޅެއެވެ. ރޯދައިގެ މަތިވެރިކަމާ ރޯދައިގެ ސަވާބު އެނގި ހުރެ އަދި މާތް ﷲ އަށް ބިރުވެތިވާ ހާލު ރޯދަ އަށް ހުންނަ މީހެއްގެ ކިބައިން މިފަދަ ދަށުދަރަޖައިގެ އަމަލެއް ނުފެންނާނެވެ. ދުވާލު ނުކައި ބަނޑަށް ހުރުމަކީ، ރޯދަ އަށް ހުރުންކަމަށް ހީވި ކަމުގައި ވިޔަސް އެއީ ރޯދަ ހިފުމުން ލިބޭ ސަވާބާ ދަރުމަ ލިބޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ދަށުދަރަޖައިގެ އަމަލުތައް ކުރުމުން ދުރުހެލި ނުވާހާލު ކައިބޮއި އުޅުމުން އެއްކިބާވެ ހުރުމަކީ މާތް ﷲ އެދިވޮޑިގެންވާ ގޮތެއްވެސް ނުމެ ނޫންމެއެވެ.