twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަޒާން އުފަންވީ ވެސް ކުރެހުމުގެ އާދަޔާ ހިލާފު މޮޅު ހުނަރާއެކު

Jul 24, 2016

އެކި މީހުން ދުނިޔެއަށް އަންނައިރު ތަފާތު ހުނަރު ލިބިފަ ހުރެ އެވެ. ބައެއް މީހުން މާބޮޑު ފަރިތަކުރުންތަކަކާ ނުލައިވެސް އެމީހެއްގެ ހުންނަ “ބޯން ޓެލެންޓް” ދައްލާއިރު އަނެއް ބައި މީހުން އެހުންނަ ހުނަރެއް ދައްކާލުމަށް އެތައް ފަރިތަކުރުން ތަކެއް ކުރަން ޖެހެ އެވެ. އެގޮތުން ކުޅުދުއްފުށީ ދޮންފަތްބަގީޗާގެ، އަޒާން އަބުދުއްސައްތާރުގެ ބޯން ޓެލެންޓަކީ ކުރެހުމެވެ. އެކަން އޭނާ ކުރަނީ މާބޮޑަށް ބަޔަކު ކައިރިން ދަސްކޮށްގެނެއް ނޫނެވެ.

އަޒާން އެކަން ކުރަނީ އަމިއްލައަށް ލިބިފައި ހުރި ހުނަރުގެ ބޭނުންކޮށްގެން ޝައުގުވެރިކަމާ އެކު އެވެ. އަޒާން ގަބޫލުކުރާ ގޮތުގައި އެމީހަކު ބޭނުން ކަމެއް ކުރުމުގައި ގަދަ ހިތްވަރާއި ނުގުޑާ ފަދަ އަޒުމެއް ހުރުން މުހިއްމެވެ.

އަޒާންގެ މަންމަ އާއި ކޮއްކޮ

 

 

ކޭއޯ އާ ވާހަކަ ދައްކަމުން 17 އަހަރުގެ އަޒާން ބުނީ ކުރެހުމުގެ ހުނަރަކީ އޭނާއަށް ލިބިފައި ހުރި ބޯން ޓެލެންޓެއް ކަމަށާއި ކުރިއަށްދާން ބޭނުންވަނީ ކުރެހުމުގެ ދާއިރާއިން ކަމަށެވެ. އަޒާން ބުނާގޮތުގައި އޭނާ އެންމެ ކުރަހާ ހިތްވަނީ ޖަނަވާރު ފަދަ އެއްޗެހި ކަމަށެވެ. ނަމަވެސް އެއީ ދީނީ ގޮތުން އެހާ ރަނގަޅުކަމެއް ނޫން ކަން އެނގުމުން ޖަނަވާރު ފަދަ އެއްޗެހި ކުރެހުން ހުއްޓާލައިފަވާ ކަމަށް އޭނާ ބުންޏެވެ.

ތްރީޑީ ކުރެހުންތައް ކުރަހާ ހިތްވާ އަޒާން މިހާރު އެންމެ ދެކެ ބޭނުންވާ އެއްދުވަހަކީ މޮޅު އާޓިސްޓަކަށްވާނެ ދުވަހެކެވެ.

” މުސްތަގުބަލުގައި ފެންނާނީ މިދާއިރާއިން. ކުރިއަށް ދެވެންހުރި އެންމެ އުހަކަށް ދާނަން ” މަޑުމަތި މިޒާޖެއް ހުންނަ އަޒާން ބުންޏެވެ.

އަޒާންގެ މަންމަ މަރިޔަމް ބުނީ އަޒާން އެންމެ ތުއްތުއިރުވެސް ގެންގުޅެން ވަރަށް ފަސޭހަ ކަމަށެވެ. އެގޮތުން އޭނާގެ އަތަށް ފަންސޫރަކާއި ގަނޑެއް ދިނީމަ މަޑުމަޑު އިންނަކަމަށް މަރީ ބުންޏެވެ.

މަރީ ބުނާގޮތުގައި އަޒާން އެހާ ތުއްތުއިރު އެވަރުގެ ކުއްޖަކު ކުރަހާފައި ހުންނަ އެއްޗެއްސަށް ވުރެ އަޒާން ކުރެހުންތައް ރީތި ކަމަށެވެ. އަދި އޭރުގެ ބައެއް ކުރެހުންތައް ބަލާފައި ހައިރާންވާހާ ރީތި ކުރެހުން ހުންނަކަމަށް މަރީ ބުންޏެވެ.

” އެންމެ ތުއްތުއިރުވެސް އެ އުމުރުގެ ކުދިންގެ ކުރެހުންތަކާ އަޅައި ބަލާއިރު ވަރަށް ފުރިހަމަ ” އަޒާންގެ ކުޑައިރުގެ ހަނދާތައް އާކުރަމުން މަރީ ބުންޏެވެ.

އަޒާން އެންމެ ކުރަހާ ހިތްވަނީ ގްލާސް ޕެއިންޓިންގ އެވެ. އެކަމަކު ފެބްރިކް ޕެއިންޓިން އާއި ޕްލާސްޓިކް އަދި ވޫޑް ޕެއިންޓްވެސް އަޒާން ކުރެ އެވެ. އަދި އެކި ފަރާތްތަކުން އެދުމުން ކުރަހާ ޑިޒައިންކޮށް ދީވެސް ހަދައި ކަމުގައި އަޒާން ބުންޏެވެ.

އަޒާންގެ ކުރެހުންތަކަށް އެކި މުބާރަތްތަކުގައި ގިނަ ވަނަތަކެއް ވަނީ ލިބިފައެވެ. އެގޮތުން އަމީރު އަމީން ސްކޫލުގައި އުޅުނުއިރުވެސް ކުރެހުމުގެ މުބާރާތުން 2 ވަނަ ލިބުނެވެ. އަދި ސްކޫލުތަކުގައި ބާއްވާ އެހެން ކުރެހުމުގެ މުބާރާތްތަކުންވެސް އަޒާން ވަނީ ރަނގަޅު ވަނަތަކެއް ހޯދައިފަ އެވެ.

އަޒާން އާޓް ކިޔަވަން ފެށީ ވެސް ގްރޭޑް ދިހައެއްގައި އިތުރު މާއްދާއެއްގެ ގޮތުގައި އެވެ. ކުރެހުމުގެ އިލްމެއް އޭނާއަށް އެހެން މީހެއްގެ ފަރާތުން ފުރަތަމަ ވެސް ލިބިފައިވަނީ އޭގެތެރެއިންނެވެ. އެއީ އާޓް ޓީޗަރު ސުނީތާ ގެ ފަރާތުންނެވެ. އަޒާން ބުނީ އޭނާއަށް މިކަމުގައި އެންމެ ހިތްވަރު ދެނީ އާޓް މިސް އާއި މަންމަ އާއި ބައްޕަ އަދި ރަހުމަތްތެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355