އުރީދޫގެ މޮބައިލް މަނީ ޚިދުމަތްކަމަށްވާ އެމްފައިސާ އަށް 6 ސްޓްރެޓީޖިކް ޕަރޓްނަރުންތަކެއް ހަމަޖައްސައިފިއެވެ.
މި ޕާޓްނަރުންގެ ތެރޭގައި ސްޓެލްކޯ އާއި އެސްޓީއޯ އާއި އާރްއޯއެލް އާއި މީޑިއާނެޓް އާއި ފުޑްހަބް އަދި ޝްވެކް ސިނެމާ ހިމެނެއެވެ. އަދި އުރީދޫ އެމްފައިސާ މެދުވެރިކޮށް ފޯނު ބޭނުންކޮށްގެން މިކުންފުނިތަކުން ފައިސާ ދެއްކޭނެއެވެ.
މިގޮތުން މީޑިއާނެޓް އަދި އާރްއޯއެލްގެ ބިލްތަށް އެމްފައިސާ މެދުވެރިކޮށް މިހާރުވެސް ދެއްކޭއިރު އެހެން ޕާރޓްނަރުންނާއި އެކު މިހިދުމަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އެމްފައިސާގެ ކަސްޓަމަރުންނަށް ހާއްސަ އިންޓްރޮޑަކްޝަން އޮފާތަކެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން އެމްފައިސާ ބޭނުންކުރައްވައިގެން ޕްރީޕެއިޑް ރީޗާރޖް ކުރެއްވުމުން %25 ގެ ބޯނަސް ލިބިގެންދާއިރު އެމްފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލް ދައްކަވާ ކޮންމެ ފަރާތަކަށް ކުރިއަށް އޮތް މަހުގެ ބިލުން %5 ޑިސްކައުންޓް ލިބޭނެއެވެ.
އެމްފައިސާ އަކީ މޮބައިލް ފޯނެއް މެދުވެރިކޮށް ވަރޗުއަލް އެކައުންޓަކުން ފައިސާގެ މުޢާމަލާތްތައް ކޮންމެ މީހަކަށްވެސް ފަސޭހަކަމާއި އެކު ބޭނުންކުރެވޭނެ ނިޒާމެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރތަކާއި އެމްފައިސާ އޭޖެންޓްތައް މެދުވެރިކޮށް ކަސްޓަމަރުންގެ އެމްފައިސާ އެކައުންޓަށް ފައިސާ ޖަމާކޮށް ފައިސާ ނެގުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.
މި ހިދުމަތް ރަސްމީކޮށް ފެށުމާއި އެކު ކަސްޓަމަރުން ބޭނުންވާ ކޮންމެ ވަގުތަކު މޮބައިލް މެދުވެރިކޮށް ބިލް ދެއްކޭނެއެވެ.
ކުރިޔަށް އޮތްތަނުގައި އުރީދޫގެ އަމާޒަކީ އިންޓަނޭޝަނަލް މަނީ ޓްރާންސްފަރގެ ހިދުމަތް ފޯރުކޮށްދީ މި ހިދުމަތުގެ ބައިވެރިން އިތުރުކޮށް އެމްފައިސާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.